ދިވެހި މުޖުތަމައުގެ ތެރޭގައި އިސްލާމް ދީނާއި ހިލާފު ހިޔާލުތަކަށް ޖާގަދެވިގެން ނުވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝައިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރުދީ ވަކާލާތު ކުރުން ފަދަ އަމަލުތައް އާންމުވެފައިވާކަން ހާމަވެގެންގޮސްފައިވާ ދަނޑިވަޅެއްގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނަށް އިޝާރާތްކުރައްވާ ޑރ. ޝަހީމް ވިދާޅުވީ، ހިޔާލު ފާޅުކުރުމަށް އިހުތިރާމް ކުރުމުގެ ނަމުގައި އިސްލާމް ދީނާއި ހިޔާފު ހިޔާލުތަކަށް އިސްލާމީ މުޖުތަމައެއްގެ ތެރޭގައި ފުރުސަތު ފަހި ކުރެވިފައި އޮވެގެން ނުވާނެކަމަށެވެ.
ޚިޔާލު ފާޅުކުރުމަށް އިޙުތިރާމްކުރުމުގެ ނަމުގައި އިސްލާމްދީނާ ޚިލާފު ޚިޔާލުތަކަށް އިސްލާމީ މުޖުތަމަޢުގައި ފުރުޞަތު އޮވެގެން ނުވާނެ. ރާއްޖޭގައި ޚިޔާލުފާޅުކުރަންވީ ގޮތް ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ. އެ އަސާސް ރާއްޖޭގައި ނަގަހައްޓައި ދަމަހައްޓަންޖެހޭ. pic.twitter.com/DhwoDNvsoX
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 16, 2022
ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން ހިޔާލު ފާޅު ކުރެވޭނީ އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާގޮތަކަށް ކަމަށް އިޝާރާތްކުރައްވާ ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ އުސޫލުތައްވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާން ކުރެވިފައިކަމަށެވެ. އަދި ގާނޫނު އަސާސީގައިވާގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ އަސާސްތައް ރާއްޖޭގައި ދަމަހައްޓައި ނަގަހައްޓަންޖެހޭނެކަމަށްވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވާގޮތުން މިނިވަންކަމާއި އެކު ފިކުރު ކުރުން އަދި އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި އެ ނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.

