ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޅަނދުތައް ރޯޑްވޯތީ ތޯ ބަލާގޮތަށް، މަގުތައް ވެސް އުޅަނދު ވޯތީތޯ ބަލަން ވެއްޖެ

މަގުތައް ބަލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ބާރު ބޮޑު މަގުތަކަކީ ވެރި ރަށް މާލޭގެ މަގުތަކެވެ. އެކި ގޮތް ގޮތަށް ދުއްވާ އެކި ޒާތުގެ އުޅަނދުތައް މާލޭގެ މަގުތައް މަތީގައި ރެއާ ދުވާލު ދުއްވަމުންދެއެވެ. އަދި ދުއްވަމުންދާ އުޅަނދުތަކުގެ ފެންވަރު ދުވަހަކުން ދުވަހަކަށް ރަނގަޅުވަމުން އާދެއެވެ. އެހެން ނަމަވެސް އަދި އަދަށްވެސް މާލޭގެ މަގުތައް އޮތީ ހަމަ އޮތް ގޮތަށެވެ.

މާލޭގައި އުޅަނދެއް ދުއްވަމުން އަންނަ ކޮންމެ މީހަކީ، އަހަރީ ގޮތުން ސަރުކާރަށް ފައިސާތަކެއް ދައްކާ މީހެކެވެ. އަދި މަގުމަތީގައި އެތަކެތި ދުއްވުމުގެ ތެރެއިން ދިމާވެދާނެ މައްސަލައަކަށްޓަކައި އިންޝުއަރެންސްއެއް ހެއްދުމަކީވެސް މަޖުބޫރުކަމެކެވެ. މީގެ ކޮންމެ ކަމަކަށް ފައިސާ ދައްކާފައިވާކަމުގެ ސްޓިކާރއެއް އުޅަނދުގެ ކޮންމެވެސް ތަނެއްގައި އެތަކެތި ދެއްކުމަށް އެދުމުން ފެންނަ ގޮތަކަށް ހުންނަން ޖެހެއެވެ.

އިންޝުއަރެންސް އަދި އަހަރީ ފީގެ އިތުރުންވެސް ސްޓިކާރއެއް ޖަހައެވެ. ރޯޑްވޯތިނެސް ސްޓިކާރއަކީ ކޮންމެ ސައިކަލެއް ކާރެއް އަދި ޕިކަޕެއްގެ އިތުރުން އެހެނިހެން އުޅަނދުތަކުގައިވެސް ހުންނަން ލާޒިމުކޮށްފައިވާ ސްޓިކާރއެކެވެ. މާލޭގެ މަގެއް މަތިން ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އަތް ދަށުވާ އިރު މީގެން ސްޓިކާރއެއް ނެތިއްޖެ ހާލަތެއްގައި ޖޫރިމަނާގެ ގޮތުގައި އިތުރު ފައިސާތަކެއް ހޭދަވެއެވެ.

ރޯޑް ވޯދިނެސް ހެއްދެނީ ގަރާޖަކަށް ދިއުމަށް ފަހު، އެ އުޅަނދެއްގައި މައްސަލައެއް ހުރި ނަމަ އެ މައްސަލައެއްވެސް ހައްލުކުރުމަށް ފަހުއެވެ. އަދި އަތުން ފައިސާތަކެއްވެސް ހަރަދުވުމަށްފަހުއެވެ.

ރޯޑްވާތިނެސްއަކީ ކޮންމެ އުޅަނދެއްގެ ވެރިފަރާތް އަތުގައި އޮތުން ލާޒިމު ސްޓިކާރއަކަށްވާއިރު، މާލޭގެ މަގުތައް “ވޯތީތޯވެސް” ބަލަން އެބަޖެހެއެވެ. މާލޭގެ މަގެއް މައްޗަށް އަލަށް ނެރޭ އުޅަނދެއް އަަހަރެއްގެ ތެރޭގައި އެތައް ފަހަރަކު އެކި މައްސަލަތައް ޖެހިގެން ގަރާޖަކަށް ވެއްދުމަށް ފަހު މަރާމާތު ކުރަންޖެހެއެވެ.

ކޮންމެ އުޅަނދެއްވެސް ދުއްވާފައި ދާންޖެހެނީ ބިޔަ ކޮންކްރީޓު ރާޅުތަކެއް ނަގާފައިވާ މާލޭގެ މަގުތައް މަތިންކަމަށްވުމުން ވެރި ފަރާތަކީ އެއްވެސް ޒާތެއްގެ އެކްސިޑެންޓެއްވެފައިނުވާ މީހެއް ކަމަށްވާއިރު ބޭރު ފުށުން ރީތޮކޮށް ފެންނަ އުޅަނދު އެތެރެއިން އޮންނީ ރޫޅޭ ހިސާބުގައެވެ.

މާލޭގެ މަގުތައް މަތީ ދުއްވާ އުޅަނދުތަކަށް ދިމާވާ މައްސަލައާއިމެދު ސަންގުޓީވީއިން ގަރާޖެއް ހިންގާ ފަރާތަކާއި ސުވާލު ކުރުމުން ބުނެފައިވާގޮތުން މާލޭގެ މަގުތަކުގެ ސަބަބުން ކިތަންމެ އަގުބޮޑު އުޅަނދެއް ދުއްވި ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ، މަރާމާތު ކުރުމަށް ގަރާޖަކަށް ވައްދަންޖެއެވެ. އަދި ކޮންމެ މަހަކުން ނުވަތަ ދެމަހަކުން ބައެއް ތަކެތީގެ ޝޮކުތައް ހަލާކުވުންފަދަ މައްސަލަތައް ދިމާވާކަމަށްވެސް ބުނެފައިވެއެވެ

މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވުމުން މަގުތައް މަތީގެ ހާލަތު ރަނގަޅުވާނެކަމަށް އެންމެނަށްވެސް ހީވެފައި އޮންނާނެއެވެ. މާލޭގައި ހަނި މަގުތަކެއް ހުންނައިރު ކޮންމެ މަގެއްގައިވެސް އެތައް އުޅަނދެއް ޕާކު ކޮށްފައި އޮވެއެވެ. މިފަދަ އެތައް މައްސަލައެއް ހުންނަ އިރު އެންމެ ބޮޑު މައްސަލައަކީ މަގުތަކުގެ ހާލަތެވެ.

ދެގޮތަކަށް މަގުތައް ފަރުމާކޮށްފައިވާއިރު، މިހާރު ފެންނަ ފެނުމަށް ހުރިގޮތުން ގަލުން ފަރުމާކޮށްފައި ހުރި މަގުތައް ތާރައަށް ބަދަލު ކުރުމުންވެސް ހައްލެއް ފެންނާކަށްނެތެވެ. މާލެގެ ގާއެޅި ކޮންމެ މަގަކީ އެތައް އަޑިގަނޑުތަކެއް ހުންނަ މަގުތަކެކެވެ. ދުއްވާފައިދާ ކޮންމެ އުޅަނދެއް، ބައިސްކަލެއް ސައިކަލެއް ކާރެއް އަދި ޕިކަޕެއްވެސް އިސްތިސްނާ ނުވާގޮތަށް މަންޒަރު ބަލާ ކޮންމެ މީހަކަށްވެސް ފެންނާނީ ރާޅުތަކެއްގެ ތެރެއިން އަންނަ މަންޒަރެވެ.

ކޮންމެ އުޅަނދެއްވެސް މަގުތައް މަތީ ދަނީ ތެޅި ފޮޅެމުންނެވެ. ސީދަލަށް އޮތް މަގެއްގައި ކޮންމެ އުޅަނދެއްވެސް ދުއްވަންޖެހެނީ ވަޅުގަނޑުތަކާއި އުސަަގަނޑުތަކުން ރެކެމުންނެވެ. ރެކެވޭނެ ޖާގަ ނެތް ކޮންމެ އުޅަނދެއްގައި އިން މީހަކުވެސް ވަޅުގަނޑެއް ތެރެއަށް ފައިބާ އަރައިގެންދާ މަންޒަރު ފެނެއެވެ.

މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުން މަރުވެފައިވެއެސް އެބަ ތިއްބެވެ. ވާރޭ ވެހި، ހެދިފައި އޮންނަ ޗަކަ ގަނޑުގެ ސަބަބުން އަޑީގައި އޮތް ވަޅުގަނޑު ނުފެނިދިއުމުގެ ސަބަބުން އެތައް ބަޔަކު ދުނިޔެ ދޫކޮށްފައި އެބަހުއްޓެވެ.

މިފަދަ ކުދި އެހެން ނަމަވެސް މުހިންމު ކަންކަން ހައްލު ކުރެވިފައިނުވާތީ ރުޅިގަދަވެފައިތިބި ރައްޔިތުން ނުކުމެ ސަރުކާރު އިމާރާތްތައް ހުރި ސަރަހައްދުތަކުގެ ރީތިކޮށް އަޅާފައިވާ އޮމާން މަގުތައް ކޮނެ ނަގާފައިވެސް އެބަހުއްޓެވެ. އަދި އެހެނިހެން ގޮތް ގޮތަށްވެސް އެކަން ހައްލު ކުރުމަށް އެދި ގޮވާލާފައި އެބަހުއްޓެވެ.

މާލޭގެ މިހާރު އަލަށް އަޅާ މަގުތައް އަޅަމުންދަނީ ތާރައިންނެވެ. އުސޫލެއްގެ މަތިން ތަރައްގީ ކުރެވިގެން އަންނަ އިރު މަގުތަކުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ހައްލު ކުރެވިގެންދާނެކަމަށް އެންމެންވެސް އުންމީދު ކުރާނެއެވެ.

މާލާ ވަށައިގެން އޮންނަ ބޮޑު ތަކުރުފާނު މަގުގެ ބޮޑު ސަރަހައްދެއްގައި މިހާރު ތަރާ އެޅިފައިވެއެވެ. އެހެން ނަމަވެސް އެ ތާރަގަނޑަށް މިއަދު ބަލާލުމުން ރައްޔިތުން އަތުން ޖީއެސްޓީގޮތުގައި ފައިސާތަކެއް ނަގައިގެން ކުރަމުންދާ މަސައްތަކުގެ އިހުލާސްތެރިކަމާއިމެދު ސުވާލު އުފެދެއެވެ.

ރޯމަނުން މީގެ ހާސް އަހަރު ކުރިން އަތުން އެޅި މަގުތައްމަތީގައި މިހާރުވެސް ބޮޑެތި އުޅަނދުތައް ދުއްވަމުންދާއިރު، އެ މަގުތައް އަދިވެސް އޮތީ މަގު އެޅި އިރުވެސް އޮތް ގޮތަށެވެ. އެހެންނަމަވެސް މާލޭގައި އިހަށް ދުވަހު އެޅި ތާރަ މަގުގައި މިހާރު ވަޅުގަނޑުތައް އެބަ ހުއްޓެވެ. އަމާން އޮމާންކަމެއްގެ މަތީ ދުއްވަމުންގޮސް ކުއްލިއަކަށް ނޭނގި ހުރެ ޖެހެވެނީ އަޑިގަނޑެއްގެ ތެރޭގައެވެ.

ރާޅުގަނޑު ކޮޅުގައި ހުންނަ މިފަދަ ވަޅުގަނޑެއްގައި މިހާރު ދެފޮތި ތާރަ އަޅާފައި ހުންނަ އިރު، އުސްފަސްގަނޑު ސަރަހައްދު ބަސް ސްޓޮޕު ކުރިމައްޗަށް ހުންނަ ވަޅުގަނޑު ހީވަނީ ރަބަރުގަނދެއް ހޫނުވެ ޒާތް ބަދަލުވުމަށްފަހު އަލުން ހަރުވެފައި ހުރިހެންނެވެ. ނަގާފައިވާ ކުޑަ ރާޅެއްގެ ސިފައިގައި ހުންނަ އެ ވަޅުގަނޑަށް ނޭނެގި ސައިކަލެއްގައި އެރިއްޖެނަމަ ފުރާނައަށް ބިރުގަންނާނެކަން ނުވަތަ ވެއްޓިފައިވެސް ހުރެދާނެކަން ޔަގީނެވެ.

ލިބެމުންދާ ޝަކުވާތަކާއި އެކު އެތަން ހުރި ހާލަތު ބަލާލުމަށް މަޑު ކުރުމުން ފެނިގެންދަނީ އެތަންކޮޅުން ރެކިގެން އުޅަނދުތައް ދުއްވާ މަންޒަރެވެ.

މާލޭގެ މަގުތަކުގެ ހާލަތާއި ގުޅުވައި ސޯޝަލް މީޑިއާގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ޝަކުވާ ކޮށްފައިވާތީ ސަންގުޓީވީއިންވަނީ އެ މައްސަލަ ހަލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއިމެދު ސުވާލުކުރުމަށް މަސައްކަތްކޮށްފައި އެހެންނަމަވެސް މާލެ ސިޓީ ކައުންސިލުގެ ފަރާތުން ޖަވާބެއް ލިބޭ ގޮތްވެފައި ނުވެއެވެ.

ކޮންމެއަކަސް މާލޭގެ މަގުތައް މަތީ ދުއްވާ އުޅަނދުތަކުގެ ފެންވަރާއި މަގު ހެދިފައިވާ ފެންވަރާއި އަޅާ ނުކިޔޭނެއެވެ. މަގުތައް މަތީ ދުއްވާ ގިނަ އުޅަނދުތަކަކީ ދުނިޔޭގެ މާކެޓުތަކުގައި އަގު ހުރި ތަކެތި ކަމަށްވާއިރު، މާލޭގެ ގިނަ މަގުތައް އަދިވެސް އޮތީ ކޮނެ ނަގާފައި ހުރި ތަނެއްގެ ގޮތަށެވެ.

އަޅާފައި އޮންނަ ސްޕީޑު ބްރޭކަރުތައް ވެސް ހުންނަނީ ފަޅަ ފަޅައިގެން ގޮސް ނުރައްކާތެރި އެކްސިޑެންޓަކަށް މަގުފަހިވެދާނެ ގޮތަކަށެވެ. ބައެއް ސަރައްދުތަކުގައި އަޅާފައި ތިބޭ ޖަންކްޝަން މަތިތައްވެސް ތިބެނީ މަގަށްވުރެ އެތައް އިންޗިއެއް މަތީގައެވެ. އަޑިގަނޑުތަކުގެ ތެރެއިން ދުއްވުމަށްފަހު އުޅަނދު ޕާކޮށްފައި ދެން ދާންޖެހޭނީ ބޭސްފަރުވާ ކުރަންކަމަށް މަގުމަތިން ސުވާލު ކުރި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މާލޭގެ މަގުތަކުގެ ހާލަތުގެ ވާހަކައަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާތައް އަމާޒުވެފައިވާ މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ގެންނާނެކަމަށް ނުވަތަ ހައްލު ކުރާނެކަމަށް ކޮންމެ ސަރުކާރަކުން ބުނި ނަމަވެސް މިއަދާއި ހަމައަށްވެސް މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވިފައިނުވެއެވެ.

ވަރަށް ގަދަ
79%ވަރަށް ގަދަ 21%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: