ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާރާތްކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވާން ޖެހޭ!

ކޮންސްޓްރަކްޝަން ދާއިރާ - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރު އިމާރާތް ކުރުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުރާ ބުރަ އަދި މުހިއްމު މަސައްކަތަކެވެ.

ދިވެހި ރާއްޖޭގައިވެސް ގޯތި ގެދޮރު އިމާރާތްކުރެއެވެ. ގެދޮރު އިމާރާތްކުރުމުގެ ސިނާއަތަކީ ފުޅާ ދާއިރާއެއްގައި ކުރިއަރާފައިވާ އަދި ކުރި އަރަމުން އަންނަ ސިނާއަތެކެވެ.

ޒަމާނަށް އައި ބަދަލާއެކު ގެދޮރު އިމާރަތް ކުރާ ގޮތާއި އެކަން ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކަށްވެސް މިވަނީ ބަދަލު އައިސްފައެވެ.

ކުރީ ޒަމާނުގައި ގެދޮރު އިމާރާތް ކުރަނީ ބުރިބުރިއަށް މައްޗަށް ނަގައިގެން ނޫން ކަމުން އެކަން ކުރުމުގައި މާގިނަ މަސައްކަތް ތަކެއް ކުރަން ނުޖެހެއެވެ. ނަމަވެސް މިއަދު އާއްމު ގޮތެއްގައި ގެއެއްއަޅާއިރު އެގޭގައި މަދުވެގެން ދިހަ ބުރި ނުވަތަ ދިހަ ފަންގިފިލާ ހުރެއެވެ. ދިވެހި ރާއްޖޭގެ ވެރިރަށް މާލެއަށް ބަލައިފިނަމަ ގޯތި ގެދޮރާއި އޮފީސް ތަކާއި ޖުމްލަކޮށް ގެދޮރުވެރިކަމުގައި ބިނާކޮށްފައިވާ ގިނަ އިމާރާތްތައް ހަދާފައިވަނީ އުސްކޮށް ބުރިބުރިއަށް ނަގައިގެންނެވެ. އެކަމުގެ ސަބަބަކަށް ވަނީ ޖާގައިގެ ދަތިކަމާއި ޒަމާނަށް އައި ތަރައްގީ އާއި އެކު ގެ ކުރަހައި ޑިޒައިން ކުރާ މީހުންގެ މޮޅުކަމާއި ބޭރުގެ ގައުމުތަކުގެ ވައްޓަފާޅި ދިވެހިންގެ ގޯތިގެދޮރު ބިނާކުރުމުގެ ތެރެއަށް ވަދެގެން ދިއުމެވެ.

ގެދޮރު އިމާރާތް ކުރަން ފަށާއިރު އެންމެ ފުރަތަމަ ފައުންޑޭޝަން އަޅައެވެ. ގިނަ ފަހަރު ފައުންޑޭޝަން އަކީ ބިމު އަޑިއަށް ވަޅުލާފައި ހުންނަ އެއްޗެއްކަމުން ފައުންޑޭޝަން އަޅާ ހިސާބުގެ ފަސްގަނޑު ކޮންނަން ޖެހެއެވެ. ރާއްޖޭގެ ފަސްގަނޑަކީ އެހާ ވަރުގަދަ ފަސްގަނޑެއް ނޫން ކަމުން ފައުންޑޭޝަން އެޅުމަށް ތިން ފޫޓް ނުވަތަ ހަތަރު ފޫޓަށް ކޮންނައިރު ޖެހިގެން ހުރިގޭގެ ފާރުގައި ރެނދު ލުމާއި ފާރުވެއްޓުން ފަދަ ހާދިސާތައް ދިމާވެފައިހުރިކަން ފާހަގަކޮށްލެވެއެވެ.

ފައުންޑޭޝަން އެޅުމަށްފަހު ދެން ވަކި މުއްދަތެއް ވަންދެން އެ ފައުންޑޭޝަން ބަހައްޓަންޖެހެއެވެ. އިމާރާތް ކުރާ މާހިރުން ލަފާދޭ ގޮތުގައި ފައުންޑޭޝަނެއް އެޅުމަށްފަހު މަދުވެގެން އެއްމަސް ދުވަސް ވަންދެން އެތަނުގައި އިމާރާތެއް ނުކޮށް ބާއްވަންޖެހެއެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ބިންގަނޑު ގަނބައި އެއްވަރު ވަންދެން ވަގުތުދިނުމެވެ. ނަމަވެސް ގިނަފަހަރު އެއަށް ވުރެ އަވަހަށް ފައުންޑޭޝަނާއި ގުޅުނު ތަނބުތައް ހަތަރު ކަނުގައި އެޅުމަށް ފަހު ގޭގެ ފުރަތަމަ ޝީޓް އަޅައެވެ. އެއަށް ފަހު ހަފްތާއެއްގެ ތެރޭގައި އިމާރާތް ކުރަން ފަށައެވެ. އިމާރާތް ކުރުމުގެ ކުރިން ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަ ކުރަނީ މަދު ބައެކެވެ.

މަސައްކަތް ކުރާ ސަރަހައްދެއްްނަމަ، އެތަނެއްގައި ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަކީ އެންމެ މުހިއްމު އެއްކަންތަކެވެ. އެގޮތުން އެތަނުގައި މަސައްކަތް ހިނގަމުންދާކަން ދޭހަކޮށްދޭ ބޯޑެއް ހިނގާ މީހުންނަށް ފެންނާނެ ހެން ހުންނަން ވާނެއެވެ. އަދި މަތިން އެއްޗެއް ވެއްޓިދާނެ ކަމާއި އެކަމަށް ސަމާލުކަން ދިނުމާއި އެސަރަހައްދުގެ ދަށުން ހިނގާފައި ނުދިއުމަށް އިރުޝާދު ދެވިފައި ހުންނަން ވާނެއެވެ. ވަކިން ހާއްސަކޮށް އިމާރާތް ކުރާ ތަންތަނުގައި ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ ސޭފްޓީ ނެޓް ދެމިފައި ހުންނަން ވާނެއެވެ.

ސޭފްޓީ ނެޓުގެ ވާހަކަ ބުނުމުން، އެކި ފެންވަރުގެ އެކި ކަހަލަ ނެޓް ބާޒާރުގައި ލިބެން ހުރެއެވެ. ނަމަވެސް އިމާރާތް ކުރާ ތަނެއްގައި ދެމުމަށް އެކަށޭނެ ނެޓެއް ދެމުމަކީ އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ލިބިގެންދާނެ ކަމެއްގެ އިތުރުން ދިމާވެދާނެ ނުރައްކާތެރި ހާދިސާ އަކުން ސަލާމަތް ކޮށްދޭނެ އެއްޗެއް ކަމަށް ވާތީއެވެ.

ސޭފްޓީ ބެލްޓާއި ސޭފްޓީ ހެލްމެޓާއި އަންގި އާއި ސޭފްޓީ ޝޫޒް އާއި މިހެން ގޮސް ރައްކާތެރިކަމަށް ބޭނުންކުރާ މާސްކަކީ ވެސް މަސައްކަތް ކުރާ ސައިޓްތަކުގައި އުޅޭ މީހުން އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ އެއްޗިއްސެވެ.

މީގެ އިތުރުންވެސް މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމަށް ބޭނުންކުރާ ހުރިހާ ސާމާނެއް ހޯދައި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ މަސައްކަތް ކުރުމުގައި ގެއްލުމެއް ލިބިދާނެ ކަމަށް އޮންނަ ރިސްކު ކުޑަކޮށްދޭ ކަމެކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ތުއްތު ކުއްޖެއް ވަނީ މިދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. އެކަމުގައި އިމާރާތް ކުރަމުން ދިޔަ ކުންފުނި ޖޫރިމަނާ ކުރި ނަމަވެސް އެކުއްޖާގެ މައިންބަފައިންނަށް ލިބުނު ނިކަމެތިކަމުގެ އަގު ދުވަހަކުވެސް އަދާ ނުކުރެވޭނެއެވެ.

މިއަދު އަޑު އިވުނީ ވަރަށް ހިތްދަތި ވާހަކައެކެވެ. އިމާރާތް ކުރަމުންދިޔަ ތަނެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއްގެ މޫނަށް ދަނޑެއް ހެރި ކުރިމަތިވި ހިތާމަވެރި ހާދިސާ އެވެ. މިފަދަ ކަންކަން ގިނަފަހަރު ދިމާވަނީ އެކަށީގެންވާ ރައްކާތެރިކަމާއި ސަލާމާތް ތެރިކަމާއި ދޭންވާ ސަމާލުކަން ފުރިހަމައަށް ނުދެވޭތީއެވެ.

މިއަދު އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެކަށީގެންވާ މާހައުލެއް ގާއިމް ނުކޮށް މަސައްކަތް ކުރަމުންދާނަމަ، މާދަމާ ކުރިމަތިވެދާނެ ގެއްލުމެއް ތަސައްވުރު ނުކުރެވުނަސް ތަހައްމަލު ކުރަން ދަތިވެދާނެއެވެ. މިކަމުގައި ސަރުކާރުންވެސް އިމާރާތް ކުރާއިރު ނަގަންޖެހޭ ހުއްދަތަކާއި ކުރަންޖެހޭ އިންސްޕެކްޝަންތައް މިހާރަށް ވުރެ ކައިރިން ބަލައި މޮނިޓަރ ކޮށް އިސްލާހު ކުރަންޖެހޭ ނަމަ އެކަންވެސް އެފަރާތްތަކަށް އަންގައިގެން ހަރުދަނާ އުސޫލެއްގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތުގައި އުޅޭ މީހުން ރެގިއުލޭޓް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ގޯތިގެދޮރު އިމާރާތް ކުރާ މީހުންވެސް އެންމެ ފުރަތަމަ ކަމަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެންމެ މުހިއްމު ކަންތައް ކަމުގައި ދެކިގެން، ބޮޑުހަރަދު ކޮށްގެން ނަމަވެސް ކަމަށް އެކަށޭނެ އާލަތްތައް ހޯދައިގެން މަސައްކަތް ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އެހެން ނޫންނަމަ މިލިއަނުން ހަރަދުކޮށްގެން ކުރާ އިމާރާތުގައި ރެނދުލާ އެތަން ވީރާނާ ވުމަށް ގިނަފަހަރު އަހަރުދުވަސް ވެސް ނުނަގައެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރާއިރު ފެންވަރު ރަނގަޅު، ރައްކާތެރި، އިތުބާރު ހިފޭ މަސައްކަތެއް ކުރާނަމަ އެ މަސައްކަތް ފުރިހަމަވެފައި ދިގު މުއްދަތަށް ދެމިގެންގޮސް ކަސްޓަމަރުންގެ އިތުބާރު ލިބިގެންދާނެއެވެ.

ގޯތިގެދޮރު އިމާރާތް ކުރުމުގައި އިމާރާތް ކުރާ ސަރަހައްދުގައި ވަށައިގެން ދިރިއުޅޭ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އެމީހުންނަށް ދަތިނުވާނެފަދައިން މަސައްކަތް ކުރާނަމަ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުވެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވިގެންދާނެއެވެ. ގިނަފަހަރު އަވަސް އަރުވާލާފައި ކޮށްނިންމާ މަސައްކަތް އެއްްކޮށް ނުނިމި، ދެބައިކުޅަ އެއްބަޔަށް މަސައްކަތް ފުރިހަމަ ކުރުމަށްފަހު އަނެއްބައި ނުނިންމޭ ގޮތް ދިމާވާފަހަރު ތަކާ ކުރިމަތިލާން ޖެހެނީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް ރަނގަޅަށް ނުކުރެވުމުގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: