ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިން ޖަވާބުދާރީ ކުރުވުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
ޕާޓީން މިފަދައިން ބުނެފައިވަނީ ”ދެންމެ“ ކިޔާ ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
ހަބަރުގައި ވަނީ ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ މަހުޖަނު ގާސިމް އަތުން ގިނަ އަދަދެއްގެ ފައިސާ ނެނގިކަން ރައީސް ޔާމީނަށް ފަޅާ އަރައި، ޔާމީނަށް އަދުރޭ ގައްދާރުވުމުން އޭނާއަށް ކުރަމުން އައި އިތުބާރު ގެއްލި ޕާޓީގެ ލީޑަރސިޕުން އެހެލައިފި ކަމަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާކަމަށެެވެ. އަދި ރައީސް ޔާމިން ޖަލުގައި ހުންނެވި ދުވަސްވަރުގައި ވެސް އަދުރޭ ގެންދެވީ ގާސިމާއި އެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ކަމަށް ހަބަރުގައިވާއިރު، ގާސިމް އަތުން ލާރި ނެގުމުގެ އިތުރުން މިސަރުކާރުންވެސް އެސްއެމްއީ ބޭންކު މެދުވެރިކޮށް އެންމެ ކުޑަ އިންޓްރަސްޓް ރޭޓްގައި އަދުރޭއަށް 3 މިލިޔަން ރުފިޔާގެ ލޯނެއް ހަމަޖައްސައި އަދުރޭ ގަނެލާފައިވާކަމަށް އެ ނޫހުގައިވެއެވެ.
މިކަމާއި ގުޅިގެން ޕީޕީއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުބާރު، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައި ވާކަމަށް ބުނެ ”ދެންމެ“ ކިޔާ ނޫހެއްގައި ޝާއިޢުކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއްކަމަށާއި އެފަދަ ޚަބަރުތަކުން ޕާޓީ ބައިބައިކޮށް ބަލި ކުރެވޭނެކަމަށް ޤަބޫލު ކުރުމަކީ ކުށްހީއެއްކަމަށެވެ.
ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެކުރަނީ ބޭކާރު އެއްވެސް ތާކުން ތާކު ނުޖެހޭ މަސައްކަތެއް ކަމުގައި ދެންނެވީމެވެ. އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން، މިމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލަމެވެ. އަދި ނޫސްވެރިންވެސް ޒިންމާދާރުކަމާއެކު ޙަޤީޤަތާއި އެއްގޮތަށް ޚަބަރުތައް ރިޕޯޓު ކުރެއްވުމަކީ މިކޯލިޝަންގެ އިލްތިމާސެކެވެ.
މިކަންތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރެފައިވާ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕާޓީ އޮތީ ރައީސް ޢަބްދުﷲ ޔާމީން އާއެކު ވަރަށް ބަދަހިކޮށްކަމަށާއި، އަދި ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާއެކު ކުރުންކަމަށެވެ.
”ދެންމެ“ އިން ޝައުއުކޮށްފައިވާ ހަބަރުގައި އަދުރޭ މިހާރު ގިނަ ވަގުތު ހޭދަކުރަމުން ދަނީ އޭނާގެ އަމިއްލަ ރަށުގައި ވިޔަފާރިއެއް ތަރައްގީ ކުރުމުކަމަށް ރައީސް ޔާމީނާއި އަދުރޭގެ ގުޅުމުގެ މައުލޫމާތު އިގޭ ފަރާތަކުން މައުލޫމާތުދީފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، ޕީޕީއެމުން ނެރުނު ނޫސްބަޔާނުގައި ވަނީ އަބްދުއްރަހީމް އަބްދުﷲ މިވަގުތުވެސް ންނެވީ ރައީސް ޔާމީންގެ ޚާއްޞަ މަސައްކަތްޕުޅެއްގައި ލ އަތޮޅުގައިކަމަށެވެ.
މީގެ އިތުރަށް ޕީޕީއެމުން ބުނެފައިވަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެކުރަނީ ބޭކާރު އެއްވެސް ތާކުން ތާކު ނުޖެހޭ މަސައްކަތެއްކަމަށާއި އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން، މިމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލާކަމަށެވެ. އަދި ޕީޕީއެމް/ ޕީއެންސީގެ ކޯލިޝަނުން ވަނީ ނޫސްވެރިންވެސް ޒިންމާދާރުކަމާއެކު ޙަޤީޤަތާއި އެއްގޮތަށް ޚަބަރުތައް ރިޕޯޓު ކުރެއްވުމަށް އިލްތިމާޒުކުރައްވާފައެވެ.

