ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފުއްދޭ ވައުދުގެ ވާހަކަ ނުދައްކާނަން ހެއްޔެވެ؟

އެމްޑީޕީން ބޭއްވި ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނދާނަށް އަންނަނީ ބަދަލަކަށް އެންމެން އެކީ ނިކުމެ އޭރުގައި އޮތް ވިރާސީ ވެރިކަން ނިންމާލި ދުވަސް މަތިންނެވެ. އެދުވަހު ބުނަމުން ގެންދިޔައީ ހެޔޮވެރިކަމެއްގެ ވާހަކައެވެ.

ރައްޔިތުން ބިކަކޮށް އަޅުވެތިކޮށް އަނިޔާ ކުރި ވާހަކައެވެ. ޖަލުތަކުގައި ކުރި އަނިޔާއެވެ. އޭރުގައި ހުރި ވެރިމީހާ އާ ދެކޮޅަށް ބަސްބުނި މީހާއަށް ކުރި އަނިޔާގެ ވާހަކައެވެ. އެވާހަކަތައް އަޑުއަހައިގެން ގެނައި ބަދަލު ކަމުނުގޮސްގެންވެސް ކުރީ އަނިޔާއެވެ.

2008 ވަނަ އަހަރު ފެށުނު އެވެރިކަންވެސް ތިން އަހަރާއި ދުވަސްކޮޅެއްގެ ތެރޭގައި ނިމިގެން ދިޔައީ އެވެ. އެއަށްފަހު ނިމިދިޔަ ވެރިކަމުގައި ހާދިމެއްގެ ގޮތުގައި ހުރި ބޭފުޅާ ވެރިކަމަށް އިސްކޮށް އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވިއެވެ. އެއަށްފަހު އަނެއްކާ އާ ވެރިއަކު ވެރިކަމަށް އައެވެ.

އޭނާގެ ވެރިކަމުގައި ތަފާތު ކަންތައްތަކެއް ފެނިގެން ދިޔައެވެ. ރަނގަޅު ކަންތައް ތަކާއި ނުރަނގަޅު ކަންތައްތަކެވެ. އެވެރިކަން ފެށުނީ 2013 ވަނަ އަހަރެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ އެންމެ ތަފާތު ކަމަކީ ހާދިމުން ނުވަތަ ނައިބު ރައީސުން ބަދަލު ކުރުމެވެ. ފަހަރުގައި އެކަން އެހެން ކުރެއްވީ ނިމިދިޔަ ވެރިކަމުގައި ނައިބުރައީސް ގެ ތަޖުރިބާއަށް ބަލާފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

ވެރިކަމަށް އައި ވެރިމީހާ ގައުމު ތަރައްގީ ކުރިއެވެ. ގައުމަށް ފައިދާ ކުރުވަނިވި ކަންތައްތަކެއް ކުރި ނަމަވެސް އާހިރުގައި ރައްޔިތުން ބަލައިނުގަތީ ކަމަށް ނިންމި ހިސާބަކީ ވެރިކަމުގެ ފަސް އަހަރު ނިމިގެން އައުވެރިއަކު އިންތިހާބު ވީ ހިސާބުންނެވެ.

މިވެރިކަން 2018 ވަނަ އަހަރު ވެރިއަކަށް ހޮވުނު ބޭފުޅާ ވެރިކަމަށް އައީ އިއްތިހާދެއްގެ ތެރެއިން ޖަޒީރާ ވަންތަކަމާއެކު ވައުދުނާމާ އަކާއެކުގައެވެ. އެ ވައުދު ނާމާގައި ހިމެނެނީ މައިގަނޑު 6 ބައެކެވެ.

އެންމެ ފުރަތަމަ އިސްލާމްދީން ކުރިއަރުވައި ރައްކާތެރިކޮށް އިސްލާމީ އަގީދާ ދެމެހެއްޓުމަށް އިސްލާމްދީނުގެ ދަށުގައި ހިމެނޭ ބައެއް ކަންކަމަށް ނަޒަރު ހިންގާލާނަމެވެ.

ސުވާލަކީ މިވެރިކަުގައި އިސްލާމީ ތަރަހައިގެ ތެރޭގައި ކަންކަން ހިނގަމުންދޭތޯ އެވެ. އެއްޖިންސުން ގުޅުން ހިންގުމާއި މާރާ މާރީ އާއި މީހުން މެރުމާއި ވައްކަމާއި ފޭރުމާއި މިހެން ގޮސް ތަފާތު އެކި ކަންކަން ހިނގާފައިވާއިރު ހިތާމައަކީ މިކަންކަމަކީ ކުދިކުދި ކަންތައް ތަކުގެ ގޮތުގައި ދެކެވޭހެން ހީވާފަހަރު މަދުން ނަމަވެސް އަންނާތީއެވެ.

އިސްލާމީ އަގީދާ ވަރުގަދަކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތް ފަނޑުވެފައިވަނީ ފަތުވާ މަޖިލީހާއި ފިގުހު އެކަޑަމީ އެކުލަވާލުމަށް އައިސްފައިވާ ލަސްކަމެވެ. އިސްލާމިކް މިނިސްޓްރީ އެއް ހުރި ނަމަވެސް ދީނީ ހޭލުންތެރިކަމާއި ދީނަށް އަހުލުވެރިކުރެވޭ މިންވަރު މަދުވެގެން ދާ މަންޒަރު ފެންނަނީ މިސްކިތުން ގޮވާ ބަންގީގެ އަޑު މަޑުކުރުމަށް އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް އެންގި އެންގުމެވެ.

ކޮންމެ މިސްކިތެއްގައި އެތަނުގެ ޤަދަރު ނުގެއްލޭފަދަ ތަޢުލީމީ އަދި އިޖްތިމާޢީ ޙަރަކާތްތައް ހިންގަން ޖާގަ ލިބޭނޭގޮތަށް ކަނޑައެޅި، އިދާރީގޮތުން އެތަންތަން ހިންގާ ބެލެހެއްޓުން ކައުންސިލްތަކާއި ޙަވާލުކުރާނެ ކަމަށް ބުނެފައި އޮތް ނަމަވެސް މިސްކިތްތަކަށް ކުޑަކަމުގޮސް ބޮޑުކަމުގޮސް ހަދާ މީހުންނަކީ ބޯ ހަމަނުޖެހޭ މީހުން ކަމަށް ހަދައި އެކަމަށް ދެވޭ އަދަބެއް ނެތް ކަމަށް މިއަދު މިވަނީ ވެފައެވެ.

ކޮންމެ ރަށެއްގައި ޖަޒީރާ ހިނަވާގެ އާއި ރާއްޖޭގެ އުތުރާއި ދެކުނުގައި މޯޗަރީ ބިނާކޮށް ކައުންސިލްތަކުގެ ދަށުން އެތަންތަން ބެލެހެއްޓުން ހަރުދަނާކުރާނެ ކަމަށް ލިޔެފައިވީ ނަމަވެސް ޖަޒީރާ ހިނަވާގެއެއް ގާއިމްވެފައިވަނީ ރާއްޖޭގެ ކިތައް ރަށުގައިތޯ ބަލައިލާއިރު 50 ރަށްވެސް ހަމަ ނުވާނެއޭ ބުނަންޖެހެނީ ހިތާމައާއެކުގައެވެ.

ދެވަނަ ކަމަކަށް ދައުލަތް ހިންގާނެ އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަނަށް ފުރުޞަތު ލިބޭ ކަންތައްތައް ދެނެގަނެ، އެ ފުރުޞަތުތައް ނައްތާލާނެ ކަމަށް ބުނެ ޒީރޯ ޓޮލަރެންސް ޓު ކަރަޕްޝަން ފެނިގެން ދަނީ ދިމާ އިދިކޮޅަށެވެ. ވެންޓިލޭޓަރުގެ ހިޔާނާތާއި ދެންވެސް ހުރި ބޮޑެތި މައްސަލަ ތައް ވެރިކަމަށް ހަތަރު އަހަރުވެގެންދާއިރު ނުބެލިފައިވަނީ ކޮރަޕްޝަން ގައުމުގައި މަދުކަން ދަލީލުކޮށްދޭ ހެއްކެއްގެ ގޮތުގައި ބާއޭ ހިތަށް އަރައެވެ.

ބޭރު ޤައުމުތަކާ ރަޙްމަތްތެރިކަން ބަދަހިކޮށް ދުނިޔޭގެ ޞުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރަޙައްދީގޮތުން އަދި ބައިނަލްއަޤްވާމީގޮތުން ޙަރަކާތްތެރިވާ މިނިވަން ޚާރިޖީ ސިޔާސަތެއް ޤާއިމް ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް ހާރިޖީ ގުޅުން ގާއިމްކުރުމަށް ވަކި ގައުމެއް އިސްކޮށް ވަކި ގައުމެއް މުހިއްމުނުވާ ވާހަކައަކީ އިދިކޮޅު ފަރާތްތަކާއި ރައްޔިތުން ދައްކާ ވާހަކައެކެވެ.

ތިންވަނަ ކަމަކަށް ހިމެނޭ ޖަޒީރާ ދިރިއުޅުމުގެ ދަށުން ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ހިންގުމާއި އެ ނިޒާމް ހަރުދަނާ ކުރުމާއި އެކު މިނިސްޓްރީތަކުން ރަށްރަށުގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކިތަންމެ މަސައްކަތެއް ރަށު ކައުންސިލްތަކުގެ ދަށަށް ދޫކޮށްލެވި، ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭން އަދި ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންއާއި ފުށުނާރާގޮތަށް މަޝްރޫއުތައް ހިންގާ ވިލަރެސްކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ހޯދައިދޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް ފެނިގެންދަނީ އަދިވެސް މައި ސަރުކާރަށް ބަރޯސާވެ މިނިސްޓްރީ ތަކުގެ ގިނަ ހިދުމަތްތަކެއް ހޯދަން ނިކަމެތި ރައްޔިތުން މާލެ އަންނަން ޖެހޭ މަންޒަރެވެ.

ހަތަރުވަނަ ކަމަކަށް އިގްތިސާދުގެ ދަށުން ހިމެނިފައިވާ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވީ ނަމަވެސް ފެނިގެންދަނީ ކުދި ވިޔަފާރިތަކުގެ ވިޔަފާރިތައް ހަލާކުވެގެންދާ މަންޒަރެވެ. ދައުލަތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއަށް ވަދެ މުޅި ސަރުކާރު ވިޔަފާރި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ވާހަކައަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދައްކާވާހަކައެވެ.

މީގެ އިތުރުން ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިތުރުވެގެން ދާއިރު ވިޔަފާރިތަކަށް ފައިދާ ނުވެ ޓެކްސް ދައްކަން ޖެހުމުން ކުދި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރުފޯރާނެކަމަކީ ޔަގީންވާ ކަމެކެވެ.

ގޭތެރޭގައި އަންހެނުން ކުރާ ވަރަށް ގިނަ، ބުރަ މަސައްކަތަކީ އެ މަސައްކަތުގެ އަގު އެކަށީގެންވާވަރަށް ވަޒަންނުކުރާ މަސައްކަތްކަމާއި، އަދި އެއީ އެއްވެސް އުޖޫރައެއް ނެތި ކުރާ މަސައްކަތްތަކަށް ވާތީ، މި ބުރަ ލުއިކޮށް ދިނުމުގެ ގޮތުން ސިޔާސަތްތަކެއް އެކަށައަޅައި، ތަންފީޒް ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް ގޭތެރޭގައި އަންހެނުން އޮންލައިންކޮށް ޕޭޖްތައް ހަދައިގެން ކުރާ ވިޔަފާރިން ވެސް ދައުލަތަށް ފައިސާ ހޯދަނީ ހަމަ ދައުލަތަށް ލިބޭ ފައިސާ މަދުވެގެން ބާއޭ ހިތަށް އަރައެވެ.

އިގްތިސާދު ރަނގަޅު ކުރުމަށް އަޅަން ހުރި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި ކަރަންޓްގެ އަގު ހެޔޮކުރުމާއި ޔުޓިލިޓީޒް ކުންފުނިތައް ސަރަހައްދީ ފެންވަރުގައި ހިދުމަތްދޭ ކުންފުނިތަކަކަށް ބަދަލުކުރުމަށް މެނިފެސްޓޯގައި ލިޔެފައިއޮތް ނަމަވެސް އަދިއަދަށް ދާންދެންވެސް ވީ ކަމެއް ނެތެެވެ. ކަރަންޓް ބިލް ބޮޑުވަނީ ރަޝިޔާ ޔޫކްރޭން ހަނގުރާމައިން ކަމަށްވާނަމަ އެކަމެއް ހައްލެއް ނުވާނެއެވެ. ނަމަވެސް ކަރަންޓް ބިލު ބޮޑުވުމަކީ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ވީ ވައުދު ހަނދާނުގައި ހުރިނަމަވެސް މަސްވެރިން މަގުމަތިކޮށް މަސްކަނޑުތަކުން ލިބޭ ރޯދި ބަރަކާތް އިސްރާފުވާ ހިސާބަށް ދިޔަކަމަކީ އެތަކެއް އާއިލާތަކަށް ލިބުނު ހިތްދަތިކަމެކެވެ. މަސްވެރިކަމުން ނަފާ ހޯދައިގެން އާމްދަނީ ލިބިގެން އުޅޭ އެތަކެއް ބަޔަކު މިއަދު ހިތްދަތިވެ އެމީހުންގެ ޝަކުވާތަކާއި އާދޭސްތައް އަޑުނާހާތީ އެކަމުގެ ހިތިކަން އެމީހުންގެ އަރުގައި ހަރުލާފައި ހުރިނަމަވެސް އަދިވެސް ބުނަނީ އެކަން ހައްލުކޮށްދޭނެކަމަށެވެ.

މަސްވެރިކަމާއި ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ހިފަހައްޓާ މައިގަނޑު ދެ ސިނާއަތް ކަމަށް ވުމާއެކު  އެދެކަންތައް ތައް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ސަރުކާރުގެ މެނިފެސްޓޯގައި ލިޔެފައިވީނަމަވެސް އޭގެތެރެއިން މަދުކަމެއް ހާސިލުވުން ފިޔަވައި ގިނަކަންތައް ތައް ހުރީ ނުކުރެވިއެވެ.

އެގޮތުން ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުނުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް އާއްމުގޮތެއްގައި އެތެރޭގެ އުދުހުންތަކަށް ތިންހާހާއި ހަތަރުހާސް ރުފިޔާ ދެކޮޅަށް ހޭދަވެއެވެ. އެ އަދަދަކީ ކުޑަ އަގެއް ނޫން ނަމަވެސް އެއަގަށް ބަދަލެއް ނައިސް އޮތުމަކީ ހިތާމަކުރާ ކަމެކެވެ.

ދެކުނާއި އުތުރުގެ ވިޔަފާރި ފުޅާކުރުމަށް އެދެ ސަރަހައްދުގެ އެއަރޕޯޓް ތައް އިންޓަރނޭޝަނަލް ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް އަދިވެސް އެދެސަރަހައްދުގައި ހުރި އެއަރޕޯޓް ތަކަށް އިންޓަރނޭޝަނަލް އެއަރލައިން ތައް ނުޖައްސާ ކަމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް މިސަރުކާރުން އަހައްމިއްޔަތުކަން ނުދޭ ކަން ދައްކުވައިދޭ ފުރިހަމަ މިސާލެކެވެ.

އިގްތިސާދީ ސިޔާސަތުގެ ދަށުން ޑިޖިޓަލް އޯޕަން ޑޭޓާ ސިޔާސަތު އެކުލަވާލުމުގެ ދަށުން އިންޓަރނެޓްގެ އަގު ހެޔޮކުރާނެ ކަމަށް ބުނެ އަގު ހެޔޮކުރުމަށް ކުރި މަސައްކަތުން އަގު ހެޔޮވުމުގެ ބަދަލުގައި އަގު ބޮޑުވި ތަނުގައި އިންޓަރނެޓްގެ ސްޕީޑް ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުންނެވެ. އަދި ހަމަ އެއާއެކު މި އޭޝިޔާ ސަރަހައްދުގައި އިންޓަރނެޓްގެ އަގު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަކީ އެސިޔާސަތުގެ ފުރިހަމަކަމެވެ.

ފަސްވަނަ ކަމަކަށް ފަހުރުވެރި އާއިލާ އެއް ބިނާކުރުމަށް ހިމެނޭ ކަންތައްތަކުގެ ދަށުން ބޯހިޔާވަހިކަމަށް ފަހި ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށް ބުނެފައިވީ ނަމަވެސް ފެނިގެންދަނީ މާލެއާއި ރާއްޖެތެރޭގެ ތަފާތު ކުރުން އިންތިހާއަށް ބޮޑު މަންޒަރެވެ.

އާއްމު ސިއްހަތު ރަނގަޅުކުރުމަށް ކައުންސިލްތަކާއެކު އެހީތެރިވެ ޕްރޮގްރާމްތައް ހިނގަނީ މަދު ފަހަރަކުއެވެ. ބޮޑީޗެކަޕެއް ހަދާލުމަށް މާލެއަންނަން ޖެހުމަކީ ސިއްހީ ނިޒާމްގެ ފުރިހަމަން އަންގައިދޭ އެންމެ ކުޑަ މިންވަރެވެ.

ހަވަނަަ ކަމަކަށް ހިމެނެނީ އޯގާތެރި ސަރުކާރުގެ ދަށުން ހިމެނިފައިވާ ކަންތައްތަކެވެ. އޭގެތެރެއިން ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ.

ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ސިޔާސީ ނުފޫޒުން ނިންމާފައިވާ މަދަނީ މައްސަލަތައް މުރަޖަޢާކުރާނެ ވާހަކަ ބަޔާން ކޮށްފައިވީ ނަމަވެސް މިސަރުކާރުގައި ވަކި ބަޔަކަށް ސިޔާސީ މަގާމްދޭ ވާހަކަ ދެކެވޭއިރު އެމައްސަލަ ބަލާނީ ކޮން ގޮތަކުން ކަމާމެދު ސުވާލު އުފެއެވެ.

ސަރުކާރުގެ ވައުދުނާމާގައި ހުރި ބައެއް ކަންތައްތަކަށް ކުރުކޮށް ބަލައިލި ނަމަވެސް ފެނިގެންދަނީ ވީ ވައުދު ތައް ނުފުއްދި ވާ މަންޒަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: