ޖިނާއީ ކުށެއްގެ ތުހުމަތަށް ކ. ދޫނިދޫ ފުލުހުންގެ ކަސްޓޯޑިއަލް ޖަލު ބަންދުގައި ހުރި މީހަކު އޮން ޑިއުޓީގައި ހުރި ފުލުހެއްގެ ގަޔަށް އައްލައި ހަމަނެޖެހުން އުފެއްދުމަށް މަސައްކަތް ކުރުމުން އޭނާ ޖޫރިމަނާކޮށްފި އެވެ.
ބަންދުގައި ހުރި މީހާ ވަނީ ފުލުސް އޮފިސަރުގެ ގައިގައި އަތްލައި، އޭނާގެ ޓީޝާޓު ކަރަށް ދަމާފަ އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 7،200 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
މިއީ 2017، މާޗު 30 ގައި ރޭގަނޑުގެ 12 ޖެހުމާއި ގާތްވެފައި ވަނިކޮށް ދޫނިދޫގެ ސީބްލޮކްގެ 21 ވަނަ ނަމްބަރު ގޮޅީގައި ހިނގި ހާދިސާއެކެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރީ، އެ ބްލޮކުގައި ހުރި މީހަކަށް މެސެޖެއް ދިނުމަށް އޮފިސަރުންތަކެއް ދިޔަ ވަގުތު ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެނާ ފުލުހެއްގެ ޓީޝާޓުގައި ހިފަހައްޓައި އޮފިސަރަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމަށެވެ.
މި ކުށުގެ އުންސުރަކީ ރުހުމަކާއި ނުލައި މީހެއްގެ ގައިގަ އަތްލުން، ނުވަތަ ރުހަމަކާއި ނުލައި ހަމަލާއެއް ދީ އަނިޔާ ކުރުމެވެ. އަދި މިއީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އަދި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ބަންދެކެވެ.
މީގެ ކުރިން އެ ކުށަށް އިންކާރު ކުރި ނަމަވެސް، ފަހުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. ދައުލަތުން އެނާއާއި ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި ގޮޅިއަށް އެރޭ ދިޔަ އެހެން އޮފިސަރުން ހިމެނެ އެވެ. އަދި ދައުލަތުގެ ހެކިބަހާއި، ކުށް ކުރި މީހާގެ އިއުތިރާފަށް ދައުވާ ސާބިތުވާކަމަށް ނިންމެވީ އެވެ. ޝަރީއަތުން އޭނާ ޖުރިމަނާ ކުރުމަށް ނިންމީ އެ ކުށްކުރި މީހާއަކީ މިވަގުތު ރަނގަޅު ވަޒީފާއެއްގައި ހުރި މީހަކަށް ވުމުންނާއި، އުޅުން އިސްލާހުކޮށްފައި ވާތީ އެވެ. އެހެންވެ އެއް މަހާއި ހަ ދުވަހުގެ ހުކުމް ޖުރިމަނާއަށް ބަދަލު ކުރީ އެވެ.
ކޯޓުން ހުކުމް ކުރީ 7،200 ރުފިޔާ 15 ދުވަހުގެ ތެރޭގައި މީރައަށް ދެއްކުމަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާފައި ވަނީ ގާޒީ މުހައްމަދު މިސްބާހެވެ.

