މީގެ ކުރިން މަސްވެރިން ކިރާ މަސްކޮޅަށް ލިބެންޖެހޭ ފައިސާގެ ބަދަލުގައި ދިނީ ދަރަނި ބިލެއްކަމަށާއި، އެބިލަށް ވާފައިސާ ފޮނުވަނީ ވެރިންގެ އެކައުންޓަށް ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ގދ މަޑަވެލި ޓީއެސް ލައިން ދޯނިން ބޭނި 57 ޓަނު މަސް އެއްކޮށް ކޫއްޑޫ އަށް ގަނެ ކިރުވި މަހަށް ފައިސާ ލިބި މަސްވެރިން ވަނީ އެހެން ލެވެލް އަކަށް ގެނެސްދެވިފައި ކަމަށް ސައުދުގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެއެވެ.
Beyni 57 tone mas ehkoh kooddoo ah gane, kiruvi mahah faisaa libi, masverikan mivany ehen level akah genes dhevifa, meege kurin masverin bura masakkathun genna maskolhu kirāfa libeny dharani bileh, adhi e maskolhu Mifco in Thailand ah vikkāfa faisā jamā kurany veringe accountah. https://t.co/cFPk4U1wwv
— Saud Hussain (@SaudVillingili) September 29, 2022
ސައުދު އެހެން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން މަސްކިރުމުގައި ދަތިތަކެއް ހުރިކަމަށް މަޖިލީހުގައި ހޫނުގަދަ ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މަސްވެރިންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ގުޅިގެން ކުއްލި މައްސަލައެއް މަޖިލީހަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ހުށައަޅުއްވާފައެވެ. އެ މައްސަލަ އަށް ބަހުސް ކުރެެއްވި ގިނަ މެމްބަރުން ވަނީ މަސްވެރިންނަށް މަސްކިރުމާއި އައިސް ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ދައްކަވާފައެވެ.
ޝިޔާމް ވިދާޅުވެފައިވަނީ މަސްވެރިން މިއަދު މިސަރުކާރަށް ތިން ކިއު ސަރުކާރު ކިޔާ ކަމަށާއި އެއީ އައިސް ހޯދުމަށާއި ތެޔޮ ހޯދުމަށާއި މަސްކިރުމަށް ކިޔު ހަދައިގެން އެތަކެއް ވަގުތެއް ހޭދަކުރަންޖެހޭތީ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތަށް އިހުމާލުވެފައިވާ ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން އެއްބަސްވާއިރު، އެކަން އެގޮތަށް ދިމާވަނީ މަސްވެރިކަން ތަރައްގީ ކުރުމަށް ގެންނަންޖެހޭ ބަދަލުގެ ބޮޑުކަމުން ކަމަށް ބައެއް މެމްބަރުން ވަނީ ބުނެފައެވެ. މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމަށް މިސަރުކާރަށް އުނދަގޫތަކާއި ކުރިމަތިވަނީ އެ ވުޒާރާ ހިންގުމަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ހުންނެވުމުން ކަމަށް އިދިކޮޅުން ތުހުމަތުތަކެއް ކޮށްފައިވާއިރު ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ވެސް ވަނީ މަސްވެރިކަމާ ބެހޭ ވަޒީރު ޑރ ހުސެއިން ރަޝީދު މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށާއި ގާސިމްގެ ވިޔަފާރި ދިފާއުކޮށް އެމަނިކުފާނު ވިދާޅުވާ ގޮތަކަށް ކަންތައް ކުރައްވާ ކަމަށް މެމްބަރުން ދަނީ ބުނަމުންނެވެ.
ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މަސްވެރިކަމާއި ބެހޭ ވަޒީރު މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ވަނީ ދާއިރާތަކުން މަސްވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލުތަކަށް މިނިސްޓަރު ޖަވާބުދެއްވަމުން ވިދާޅުވެފައިވަނީ މަސްވެރިންނަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސްވެރިންނަށް ހަމައަގު ހޯއްދަވައިދެއްވާނެ ކަމުގެ ވައުދު އަދިވެސް ނުފުއްދޭ ކަމަށާއި މި ސަރުކާރަށް މަސްވެރިކަން ނޭނގޭ ކަމަށްވެސް އިދިކޮޅު މެމްބަރުން ވަނީ ބުނެފައެވެ.

