ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގުވާ މިންވަރަކީ ކޮބައިތޯއެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2008 ވަނަ އަހަރު ވެރިކަމަށް އެމްޑީޕީ އިން އައުމަށް ދެކެވުނު ވާހަކަތަކާއި ވައުދުތަކުގެ ތެރޭގައި އެންމެ ބޮޑަށް ދެކެވުނު އެއްވާހަކައަކީ ފަހުރުވެރި އާއިލާއެއް ހޯދުމުގެ ވާހަކައެވެ. ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ވިދާޅުވަމުންދިޔަ އަދި މިއަދުވެސް ތަކުރާރު ކުރައްވަމުންދާ އެއްވާހަކަ އަކީ ފަހުރުވެރި އާއިލާއެއް ބިނާކޮށް ހަލާލު މަސައްކަތުން ހަމަ އިސްކޮޅަށް ތެދުވެވޭ ފަހުރުވެރި ޒުވާނާ ގެ ވާހަކައެވެ.

މިއަދު އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ފެނިގެންދަނީ އެވާހަކަތަކާއި މުޅިން ބީރަށްޓެހި މަންޒަރުތަކެކެވެ. ހަލާލު މަސައްކަތް ކޮށްގެން މިނިވަންކަމާއެކު އުޅުމަށް ބޭނުންވާ މީހާ އަށް އެ މަގު ފަހިވާތަނެއް ދުވަހަކުވެސް ނުފެންނަ ފަދައެވެ. ވަޒީފާގެ ބާޒާރުގައި ސަލާންޖަހަން ޖެހުމަކީ އަދުގެ ހާލަތެެވެ. ސަލާންޖަހަން ޖެހެނީ ވަކި ބަޔެކެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނާއި އިސް ސަފުގައި ތިބި ބައެއްގެ އަރިސް ބޭފުޅަކަށް ނުވާ މީހުންނަކީ ބޭކާރު ބައެކެވެ.

ހަނދާނަށް އަންނަނީ ރައީސް ނަޝީދު މަޖިލިސް މެމްބަރުން ކައިރިން ވަޒީފާ ހޯދުމާއި ރަށްރަށުގެ މަޝްރޫއުތައް ނުހިނގާ ވާހަކައާއި އެހީ ހޯދުމަށް މެމްބަރުންގެ ކައިރިއަށް ނިކަމެތި ރައްޔިތުން ދާ ވާަހަކައެއް މާޒީގައި ދެއްކެވި ވާހަކައެވެ. އޭރުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރުންނަކީ އެހީދޭން ތިބޭ އަދި ވަޒީފާދޭން ތިބޭ ބައެއް ނޫން ކަމަށެވެ. އެވާހަކަ އެގޮތަށް ވިދާޅުވެފައިވަނިކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފެނިގެންދިޔައީ އެމަނިކުފާނަށް ތާއީދުކުރައްވާ އެމަނިކުފާނުގެ ވަފާތެރިން، އެމްޑީޕީގެ މެމްބަރުން ވަޒީފާއިން ވަކިކޮށްގެން އެކަމާ ކަންބޮޑުވެގެން މަޖިލީހުގެ ތެރޭގައި އެވާހަކަ ދައްކަވާ މަންޒަރެވެ.

އަޑުއަހާލަން އުނދަގޫ ނަމަވެސް އެދުވަސްވަރު އެންމެ ގަދައަށް ދެކެވިގެން ދިޔަ އެއްވާހަކައަކީ މެމްބަރުން ބޭނުންވާ ބަޔަކަށް ވަޒީފާ ނުދޭ ވާހަކަ އާއި ވަޒީފާގެ ކުރިއެރުން ނުދީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަރިސް މެމްބަރުންނާއި ވަޒީރު ބޭފުޅުން ވަޒީފާތައް ކިހިލި ޖައްސަވައިގެން ބަހަމުންދިޔަ މަންޒަރެވެ. ރައީސް ސާލިހު ބޭނުންފުޅުވާ ބޭފުޅަކަށް ތާއީދު ނުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރުދޭ ވާހަކައަކީ އެދުވަސްވަރު އެންމެ ގަދައަށް ދެކެވުނު ވާހަކައެވެ. އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެކަމަކީ ފިނޑި ކަމެއްގެ ގޮތުގައި ސިފަކުރެއްވީ ވެސް ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނެވެ.

ވަޒީފާތަކަށް މެމްބަރުން ބޭނުންވާ މީހުން ލާ ވާހަކަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދުވަސްވަރު ދެކެވުމުން އެކަން އެދުވަހު ރައީސް ނަޝީދަށް އެއްވެސް މައްސަލައަކަށް ނުވީ ފަހަރުގައި އިންތިހާބުން އެމަނިކުފާނު ކުރި ހޯއްދެވުމުގެ ހިޔާލު ހިތުގައި އޮތްލެއް ބޮޑުކަމުން ކަމުގައިވެދާނެއެވެ.

ޒުވާނުންގެ މުހިއްމު ވާހަކަ އެމްޑީޕީ އިން ދައްކާއިރު ޒުވާނުން ބާކީ ކުރާވަރު ފެނިގެންދަނީ އިންތިހާއަށެވެ. ވަޒީފާއަށް ޝަރުތުހަމަވާ ކުއްޖާ ނުވަތަ މީހާ ހުއްޓާ ވަކި މީހަކު ބޭނުންވާ މީހަކަށް ވަޒީފާ ހޯދައިދެނީ ކޮރަޕްޝަންގެ ތެރެއިން ކަމަށްވެސް ވެދާނެއެވެ. އެކްޓިވިސްޓުން ގިނަ މި ސަރުކާރުގައި އޯލެވެލް ފެންވަރު ނެތް މީހުންނަށް ޑިރެކްޓަރު ކަމާއި ބޯޑް މެމްބަރުކަންވެސް ދީފައިތިބި ކަމަށް އާއްމުރައްޔިތުންނާއި ޝޯސަލް މީޑިއާގައި ބުނަމުންދާއިރު އެކަމަށް ސަރުކާރަށް ދެވޭ މާބޮޑު ރައްދެއް ނޯވެއެވެ.

ވަޒީފާތައް ނުދެވޭ ތަނުގައި ޒުވާނުން އުފެއްދުމަށާއި ޒުވާނުން ކުރިއެރުވުމަށް ފަހި ފުރުސަތުތަކެއް ހޯދައިދެވިފައި ނުވާ ކަމަކީ ޒުވާނުން މިއަދު ވަޒީފާ ނެތިގެން ގަނަތެޅެންޖެހޭ ތަން ފެނިގެން ދިއުމެވެ.  އެސްއެމްްއީ ލޯނާއި އިންކަމް ސަޕޯޓާއި ސްކޮލަރޝިޕްތަކާއި ދެންވެސް ހުރި އެހެނިހެން ފުރުސަތުތައް ބަހާލަމުންދަނީ އެއްވެސް ވަރަކަށް ބެލުމެއްނެތިއެވެ. އެވާހަކަ ދައްކާ މީހާ އަކީ އެންމެ ގޯސް މީހާ ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިން މިންވަރަކީ އެ ވެރިކަމުގައި ވަޒީފާދިން ޒުވާނުންގެ އަދަދު މިވެރިކަމާއި އަޅާ ބަލާއިރު އިތުރުވެފައިވުމެވެ. އެ ވެރިކަމުގައި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިން މިންވަރާއި ގާތަށްވެސް މިވެރިކަމުގައި އެކަން ވެފައިނުވާ ކަމަށް އާއްމު ރައްޔިތުން ބުނަމުންގެންދަނީ ސަބަބުތަކެއް ނެތިއެެއް ނޫނެވެ.

ސަރުކާރުގެ ވުޒާރާތައް ހިންގުމަށް ލާފައިތިބި ވެރިންނަށް ބަލައިލި ނަމަވެސް ފެނިގެންދަނީ މިފަދަ މަންޒަރެކެވެ. ކަމަށް ގާބިލު ނޫން މީހުން އެކި ވުޒާރާތަކުގައި ތިބުމުގެ ސަބަބުން އެތަން ބޮއްސުންލައިގެން ދާއިރުވެސް އޭގެ ބަދަލުގައި ލާނެ ދެވަނަ މީހަކު ނެތުމަކީ އެމީހުންނަށް ވީ ވައުދު ފުއްދުމަށް އިތުރު ޗޮއިސްއެއް ނެތިގެން ވަޒީފާ ދީފައި ބައިތިއްބަން ޖެހުމެވެ.

ވަޒީފާގެ ބާޒާރު އިތުރުވެގެން ދަނީ ބައި އިލެކްޝަނެއް، ޕާޓީގެ އެތެރޭގެ އިންތިހާބަކާއި ދިމާކޮށެވެ. އެގޮތުން ބައެއް އާއިލާތަކުގެ ވޯޓް ހޯދުމަށް އަދި ބައެއް މީހުންގެ ތާއީދު ހޯދުމަށް  އޮނިގަނޑުގައި ނެތް ވަޒީފާ އުފައްދައި ޑިރެކްޓަރު ކަމާއި ދެންވެސް ހުރި ވަޒީފާ އެއް ދީފައިވާ ކަމަކީ ގިނަ ބަޔަކު ދަންނަ ހަގީގަތެކެވެ. މައްސަލަ އަކީ ވަޒީފާ ދިނުމެއް ނޫނެވެ. އިންސާފުވެރި ނުވާ ވާހަކައެވެ. ވަޒީފާ ދިނުންވެސް މިވަނީ ޖޯކަކަށްވެފައެވެ.

ކުރީގެ ސަރުކާރު މަތިބަރުކަމަށް ބުނެ އައި މިވެރިކަމުގައި  އެތަކެއް ބޭކާރު މަގާމްތަކެއް އުފައްދައި އެމަގާމްތަކަށް މީހުންލާ އެއްވަޒީފާ އަށް ދިހަ ބާރަ މީހުން ލައިގެން ވުޒާރާ ތަކާއި އެސްއޯއީ ތައް ހިންގުމަކީ މަތިބަރުވުން ނޫން އެހެން ކޮންކަމެއް ބާއޭ ހިތަށް އަރައެވެ.

ވެރިކަމަށް ގެނައުމަށް އޭނާ ގިނަ މުޒާހަރާ ތަކެއްގައި ބައިވެރިވިއޭ އަދި ޖަލަށް ދިޔައޭ ބުނެ ވަޒީފާ ދިން މީހުންވެސް މަދެއް ނޫނެވެ. ކިޔަވައި މޮޅުވެގެން އަންނަ މީހާ އަށް މަގާމެއް ނުލިބި ނުވަތަ އެމީހަކަށް އެކަށީގެންވާ މަގާމެއް ނުދިނުމަކީ ތައުލީމަށް ކުރެވޭ ފުރައްސާރައަކަށް ނޫނީ ނުވެއެވެ. އެހެންކަމުން ހައްގުވާ މިންވަރަކީ ސަލާންޖެހުމާއި ބޮޑާ ހޭކުމާއި ވެރިންނަށް ސަނާ ކިއުމާއި އިންތިޒާރުގައި ތިބެ ނިމުންބާއޭ ހިތަށް އަރައެވެ.

ޖޮބް ސެންޓަރުތައް ހަދައި ވަޒީފާގައި ނެތް މީހުންގެ ދަފްތަރެއްް އެކުލަވާލިނަމަވެސް ވަޒީފާތައް ދިނުމުގައްޔާއި ވަޒީފާތައް ހޯދުމުގައި ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ލިބުނީ ކަމަށް ބުނެ ކަން ނިންމާލެވޭކަށްނެތެވެ. ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށް މޮނިޓަރ ނުކުރެވޭނަމަ އެކަމުގެ ބޭނުނެއް ނެތެވެ.

ކަރުނައިގެ ތެރޭގައި ރޮއި ރޮއި ހިތުގައި އޮތް އެދުމެއް ހާސިލްކުރުމަށް ބޭނުންވާ ބަޔަކަށް ދިވެހިން ނުވެއޭ ބުނާއިރު ދިވެހިންނަށް އެހާލަތު މަޖުބޫރު ކުރުވަނީ ވެރިންނެވެ. ވެރިންގެ އަމަލުތަކާއި ބަސްމަގު ހުރީ އުމުރު ދުވަހު ހިތުގައި އޮތް އެދުމެއް ހާސިލްކުރުމަށް އާދޭސް ކޮށްކޮށް ތިބޭށޭ ބުނާފަދަ ބީދައަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: