ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ޔޯގާ މައްސަލައިގައި ދައުވާ ކުރަނީ އިންޑިއާ ރުއްސުމުގެ ބޭނުމުގަ: ޝިޔާމް

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިޔަށް ދަނިކޮށް ބަޔަކު ތަނުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ޑޭ ހަމަނުޖެހުން ހިންގި މައްސަލައިގައިކަމަށް ބުނެ، ސަރުކާރު އިސްވެ ބައެއް އާއްމުންގެ މައްޗަށް ދައުވާ ކުރަނީ އިންޑިއާ ރުއްސުމުގެ ބޭނުމުގައިކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ނިންމައި، ގަލޮޅު ދަނޑުގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ނިންމުމުން އާއްމުން ވަނީ އެފަދަ އަމަލުތަކަށް ޖާގަ ނުދޭން ގޮވާލައި އަޑުއުފުލާފަ އެވެ. ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވި އެވެ.

މިދިޔަ ޖޫން 22 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް 24 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަަލައިގައި ހައްޔަރި ބައެއް މީހުން ބަންދުން ދޫކޮށްލާފައި ވީ ނަމަވެސް، އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި، އަދި ބައެއް މީހުންގެ މައްޗަށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ހުށަހަޅާފަ އެވެ.

ޔޯގާ ހަރަކާތް ހުއްޓުވިކަމަށް ބުނެ އާއްމުން ކުށްވެރި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރައްވައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ކުރެއްވި ޓުވީޓަކަށް ތާއީދުކޮށް ޝިޔާމް ވިދާޅުވީ ޔޯގާ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ކުރަނީ އިތުރު އެއްވެސް ސަބަބެއް ނެތި އިންޑިއާ ރުއްސަން ކަމަށެވެ. މިއީ އާއްމު ރައްޔިތުން ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ވީ ވަގުތުކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޔޯގާ ހަމަނުޖެހުން މައްސަލައިގައި ޝެއިހް ފަޟްލޫން ބިން މުހައްމަދާއި، ޝެއިހް އާދަން ނިޝާން ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓި އެވެ. ދެ ބޭފުޅުންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވަނީ ދައުވާ އުފުލާފަ އެވެ. މައްސަލައިގައި ފަޟްލޫނާއި، ނިޝާންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހަތް މީހެއްގެ މައްޗަށް އުފުލާފައިވާއިރު ދައުވާތައް ސާބިތުވެއްޖެ ނަމަ އެއީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ.

އެ ދުވަހުގެ ހަމަނުޖެހުންތައް ހިނގުމުގެ ކުރިން ޔޯގާ ހަރަކާތް ކުރިޔަށް ނުގެންދެވޭނެކަމަށް އެ ސަރަހައްދުގައި ބައެއް އާއްމުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެއްވުމުގެ ބައިވެރިން ދަނޑުގެ ތެރެއަށް ވަނުމަށް މަސައްކަތްކޮށް، ކުއްލި ގޮތަކަށް ފުލުހުންގެ ސަފުތައް ފޫ އަޅުވާލި ގޮތާއި މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުން، އެދުވަހު އެ މީހުންނަށް ދަނޑުގެ ތެރެއަށް ވަދެވުނީ ފުލުހުން އެ ފުރުސަތު ދިނުމުންނެވެ. އަދި އޭގެ ސަބަބުން ދަނޑުގެ ތެރެއަށް ވަތް މީހުން ހަމަނުޖެހުން އުފައްދައި، އެތަނުގެ ތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: