ހުޅުމާލޭގައި ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒްހާން މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ވެސް އަދި މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނިކޮށް އިއްޔެެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގެ ގަސްތަކެއްގެ ތެރޭގައި އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ހުޅުމާލެއިން، މާލެ ދިއުމަށް ދާ ހައިވޭ ފެށޭ ހިސާބުގައި ހުންނަ ވޯޓާ ތީމް ޕާކާއި ދިމާލު ބޯ ގަސްތަކުގެ ތެރެއިން ފެނުނު ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް ކުނިވެ ހަލާކުވެފަ އެވެ. އަދި މި ސަަރަހައްދަކީ، އެންމެ ފަހުން އަޒްހާން ފެނިފައިވާކަމަށް ފުލުހުން ބުނި ރެޑްބުލް ދަނޑާއި މާ ދުރު ނޫން ސަރަހައްދެކެވެ.
އަޒްހާން އެންމެ ފަހުން ފެނުނުކަމަށް ބުނާ ސަރަހައްދުން، އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އެ ބަޔާން އާއްމު ކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވީ ފަހުންކަން ފާހަގަކޮށް މީޑިއާތަކާއި އާއްމުންގެ ސުވާލުތައް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުން ވަނީ ބްރިޖަށް އަރަން ދާއިރު އެ ސަރަހައްދުގައި ކުނި ވަހެއް ދުވާތާ ދުވަސްކޮޅެއް ވެފައިވާކަން ވެސް ފާހަގަކޮށްފަ އެވެ. ނަމަވެސް ގަސްތަކުގެ ތެރޭގައި އޮންނަ ފެންގަނޑަކުންނާއި، މަސް ފެކްޓްރީއިން ވަސް ދުވާތީ، އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނީ ބެލެވެ އެވެ.
އާއްމުންގެ ނުުރުހުމާއި ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށް، މިރޭ ބަޔާނެއް އާއްމުކޮށް ފުލުހުން ބުނީ އިތުރު ތަހުލީލުތަކަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. ބަޔާނުގައި ވަނީ އިއްޔެ އެ ހަށިގަނޑު ފެނުމާއި އެކު ފުލުހުންގެ ތަހުގީގު އިތުރަށް ފުޅާކޮށް، އެއީ މަރުގެ މައްސަލައަކަށް ތަހުގީގު ބަދަލު ކުރި ކަމަށެވެ. މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާއި އެކު، މިފަދަ މައްސަލަތަކުގައި އާއްމުކޮށް އަމަލު ކުރާ އުސޫލުން މާލެއާއި ހުޅުމާލޭގައި ގާއިމްކޮށްފައި ވާ ސްޓޭޝަންތަކާއި، އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ވެސް ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަޒްހާން މަރާލީކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވާކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނީ އަޒްހާންގެ ފޯނު ވެސް ތަހުގީގަށް ހޯދިފައިވާކަމަށެވެ. ނަމަވެސް ފޯނު ފެނިފައި ވަނީ ކޮން ސަރަހައްދަކުންކަން ބަޔާނުގައި ނެތެވެ.
ފުލުހުން ބުނީ، އަޒްހާންގެ ފޯނު ނަމްބަރަށް އެންމެ ފަހުން ސިގްނަލް ލިބިފައި ވަނީ، ހުޅުމާލޭގެ ފޭސް ދޭއްގައި ދޭއްގައި ހުންނަ ސެލް ޓަވަރަކަށް ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް އަޒްހާނާއި އެންމެ ފަހުން ބައްދަލުވީކަމަށް ފާހަގަކުރެވުނު މީހުންނާއި، އެ މީހުން ދިން މައުލޫމާތު ތަކުން ފުލުހުންނާއި އަމިއްލަ މީހުންގެ ސީސީޓީވީ ފުޓޭޖުތައް ވެސް ބަލާފައިވާނެކަމަށް ފާހަގަކޮށް ފުލުހުން ބުނީ އަޒްހާން މާލެ ދިޔަތޯ ބެލުމުގެ ގޮތުން މާލޭގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، އޭނާ ފުރައިގެން އެއްވެސް ގައުމަކަށް ނުވަތަ ރަށަަކަށް ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތްވެސް ކޮށްފައިވާނެކަމަށެވެ. އަޒްހާން ދިޔަ ގެސްޓް ހައުސްގެ އިތުރުން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް އެނަލައިޒްކޮށް، އެ ސަރަހައްދުގެ އަވައްޓެރި ފުލުހުންގެ އެހީ ހޯދާފައިވާނެކަމަށް ވެސް މި ބަޔާނުގައި ވެއެވެ.
ތަފްސީލުތައް ހިއްސާކޮށް ފުލުހުން ބުނީ ސެޕްޓެމްބަރ 26 ވަނަ ދުވަހު، ހުޅުމާލެ ނިރޮމަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓާރ ތީމް ޕާކް ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސްކުރި ކަމަށެވެ. އަދި މަސައްކަތުގެ ތެރެއިން، ސެޕްޓެމްބަރ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސޓީވީ ފުޓޭޖްތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން 2022 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާއި ދިމާ އަތިރި މައްޗަށް އަޒްހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން ގޮސް ސްކޭޓް ޕާކާއި ދިމާއިން ނިރޮޅުމަގަށް ނިކުންނަކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އަޒްހާން ދެން ފެންނާނެކަމަށް ބެލެވުނު ތަނާ އެންމެ ކައިރިން ލިބެންހުރި ސީސީޓީވީ ފުޓޭޖް ނަގައި ބެލިއިރު އެ ފުޓޭޖުތަކުން އަޒްހާން ފެނިފައި ނުވާތީ އަނެއްކާވެސް ސްކޭޓް ޕާކް ހިމެނޭ ސަރަހައްދު ބަލައި ފާސްކުރަން ތަހްގީގު ޓީމުން ނިންމީ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ވިދާޅުވީ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނީ އެ ފުޓޭޖުތަކަށް ބަލައި ފުލުހުން އެސަރަހައްދު ބަލައި ފާސްކުރަމުން ގެންދަނިކޮށެވެ.


One Response
އަޒުހާން ހޯދަން އަމަލީ ގޮތުން މަސައްކަތް ކޮށްފަ ވަނީ ހެކި ނައްތާލެވޭހާ ދުވަސް ކޮށްފަ. އެހެން ނޫން ނަމަ ސީސީޓީވީ ފޮޓޭޖު ކުރިން ވެސް ބެލި އިރު އެސަރަހަށްދު ނުބެލުން އެއީ ފުލުހުންގެ ނާތަހުޒީބުކަމާ ފުލުހުންގެ އަތެއްވެސް އެކަމުގަ ވާތީ.