ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ގޮސްފިއެވެ.
ދުވަސްތަކެއް ވަންދެން ވެއްޓެމުންދިއުމަށް ފަހު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ގޮސްފައިވަނީ ތެލާއި ބެހޭ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އޮރގަނައިޒޭޝަން އޮފް ދަ ޕޭޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޮޕެކް) އަދި އެހެނިހެން ޖަމިއްޔާތަކުން އޮސްޓްރިއާގެ ވެރި ރަށް ވިއެނާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަކާއި ގުޅިގެންނެވެ.
ތެލުގެ ބާޒާރުގެ ދިރާސާތައް ކުރާ މާހިރުން އަންދާޒާ ކުރާގޮތުން ކައިރި މުސްތަގުބަލެއްގައި ވެއްޓިފައިވާ ތެލުގެ އަގުތައް އަނެއްކާވެސް ފީފާއަކަށް 100 ޑޮލަރާއި ގާތް ކުރާ އަދަދަށް މައްޗަށް ދާނެއެވެ. އެމެރިކާގެ ބައެއް ކުންފުނިތަކުން ވިއްކަމުންދާ ތެލުގެ އަގުތައް މިހާރުވަނީ 5 އިންސައްތައާއި ގާތް ކުރާ އަދަދަކަށް އަރައިގެން ގޮސްފައެވެ.
އިންގިރޭސިވިލާތުގެ ތެލުގެ ކުންފުންޏަކުން ބުނެފައިވާގޮތުން މިހާރު ތެލުގެ ވިޔަފާރިތައް ކުރެވޭ މިންވަރުދަނީ އިތުރުވަމުންކަމަށެވެ. އަދި އޮޮޕެކްއިން ތެޔޮ އުފައްދާ މިންވަރުތައް ދަށްކުރަން ވިސްނައިފިނަމަ ފިފާއެއް 100 ޑޮލަރާއި ގާތް ކުރާ އަދަދަކަށް ނުވަތައް އިތުރުވެސް ވެދާނެކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައިވެއެވެ.
ތެލުގެ ބާޒާރު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ލަފާކުރާގޮތުން، ކުރިއަށް އޮތް ބުދަ ދުވަހު ތާވަލު ކުރެވިފައިވާ އޮޕެކްގެ ބައްދަލުވުމުގައި ތެޔޮ އުފައްދަމުންދާ މިންވަރުތައް ދައްކުރުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެވިގެންދާނެއެވެ. އެގޮތުން ދުވާލަކު އެއް މިލިއަން ފީފާ އާއި ގާތް ކުރާ އަދަދަކަށް ދަށް ކޮށްފާނެކަމުގެ އިޝާރާތްތަކެއް ފެނިގެންދާކަމަށް ބުނެފައިވެއެވެ. އަދި އޮޕެކްއިން މައި ބައްދަލުވުމެއް ކުރިއަށް ގެންދަނީ އަހަރުތަކަކަށް ފަހު ކަމަށްވުމުން މި ބައްދަލުވުމުގެ ތެރެއިން ފާހަގަކުރެވޭ ވަރުގެ ނަތީޖާތަކެއް ފެނިގެންދާނެކަމަށްވެސް ގިނަ ފަރާތްތަކުން ލަފާ ކުރެއެވެ.

