ރަސްދޫ ހޮސްޕިޓަލްގެ މަސައްކަތް ލަސްވަނީ އެކަމަށް ހޯދަންޖެހޭ ލޯނުގެ ފައިސާ ހަމަނުޖެހިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ ކުވެއިތް ފަންޑުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އއ އަތޮޅު ހޮސްޕިޓްގެ ކުރެހުމާއި ބީއޯކިއު ނިންމައި ބިޑްކޮށް ކޮންޓްރެކްޓަރާއި ހަވާލުކުރުމަށް ހެލްތް މިނިސްޓްރީގެ ފަރާތުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން އެމަސައްކަތް ފަށާނެ ތާރީހެއް ފިނޭންސް މިނިސްޓަރު އަމީރުގެ އަރިހުން އޭނާ ވަނީ ލިޔުމުން ޖަވާބު ހޯދުމަށް އެދިފައެވެ.
ޖަވާބުގައި އަމީރު ވިދާޅުވީ އއ ރަސްދޫގެ 50 އެނދުގެ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން ޓެންޑަރ ޑޮކިއުމެންޓް ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވޮލޮމްމަންޓް ކޭ އެފްއޭއީޑީގެ ނޯ އޮބްޖެކްޝަން އަށް ފޮނުވާފަކަމަށެވެ. އަދި ނޯ އޮބްޖެކްޝަން ނިމި މިނިސްޓްރީ އަށް ލިބުނުހާ އަވަހަކަށް ޓެންޑަރގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
އެ މަޝްރޫއުގެ ލޯނު އެގްރީމަންޓްއާއި ގުޅޭ މަޝްވަރާތައް ކޭއެފްއޭއީޑީ އާއެކު ކުރިއަށްގެންދާ ކަމަށާއި މަޝްވަރާތަކަށްފަހު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ލޯން އެގްރީމެންޓްގައި ސޮއި ކުރެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

