2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ދުވަސް ވަރު އެމްޑީޕީން ބުނަމުން ދިޔައީ، ރައްޔިތުން ބޭނުން ވަނީ ހެޔޮ ވެރިކަމެއްކަމަށެވެ. ކޮރަޕްޝަނުން އެއްކިބާވެފައިވާ، ތާހިރު ދިރިއުޅުމެއް އުޅެވެން އޮތީ އެމްޑީޕީއަށް ވޯޓު ދީ، އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނެސްގެންކަމަށް ރައްޔިތުންނަށް ވިސްނައިދިނެވެ. ދަރަނިވެރިވެފައިވާ ގައުމެއްގައި ތިބެން ޖެހުމާއި، ތަރައްގީއަކީ ހަމައެކަނި ކޮންކްރީޓެއް ނޫންކަމަށް ބުނެ އެކި ޖަލްސާތަކުގައި އަޑުއފުލަމުން ދިއުމާއި އެކު ރައްޔިތުން ބޭނުންވީ އެ ވާހަކަތަކާއި އެކު ކުރިޔަށް ދާށެވެ.
ރައީސް ސޯލިހަށް ވެރިކަން ދީ، ގައުމުގެ ހިންގުން ހަވާލު ކުރީ އެބުނާ އުފާވެރި ދިރިއުޅެއް އުޅެވޭނެކަމުގެ އުންމީދާއި އެކު ނަމަވެސް ސުވާލަކީ އެ ވައުދުތަކާއި އެއްގޮތަށް ކުރިޔަށް ދެވޭތޯ އެވެ. ކޮރަޕްޝަން ނައްތާލުމާއި، ދައުލަތަށް ގެއްލިފައި ހުރި މުދާ ހޯދުމާއި، އިންސާފުވެރިކަމާއި ހަމަހަމަކަން ގެނެސްދެވުނީ ކިހާ މިންވަރަކުން ތޯ މިއަދު ވިސްނާލުން މުހިންމެވެ. ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރާތީ، ވަކި މީހެއްގެ ދިފާއަށް ވާހަކަ ދައްކާތީ ވަޒީފާގެ ބިރު ނޯންނާނެކަމަށް އެމްޑީޕީން ރައްޔިތުންނަށް ބުނެދިން ނަމަވެސް އެއާއި ހިލާފަށް މިއަދު އެތައް އަމަލެއް ދަނީ ހިންގަމުންނެވެ.
އެމްޑީޕީ އުފެދުނީސުރެ މިއަދާއި ހަމައަށް ބުނަމުން އައީ ބެސްފަރުވާއަށް ސަލާން ޖެހުން ނައްތާލާނެ ކަމަށެވެ. ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވަ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކޮށް، އެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާގެ މަގެއް ހޯދައިދޭނެ ކަމަށެވެ.
ބޭ އިންސާފުގެ ތެރެއިން ޖަލުގެ ކުޑަ ގޮޅި ދެއްކުމާއި، އަނިޔާ އާއި ދެކޮޅަށް ބަސް ބުނާ މީހާއަކީ ސަރުކާރާއި އިދިކޮޅު މީހާކަމަށް އެމްޑީޕީން ލޭބަލް ނުކުރާނެކަމަށް ބުންޏެވެ. އެމްޑީޕީ ތަފާތު ދައްކަނީ އެފަދަ މީހުން ވެސް ބަލައިގަނެ، ހަމަހަމަކަމާއި އިންސާފަށް ލޯބި ކުރާތީކަމަށް މިއަދު ވެސް ދަނީ ބުނަމުންނެވެ. އެ ޕާޓީން ގަބޫލު ކުރާ ގޮތުގައި ވައްކަމާއި ދެކޮޅަށް، ހިޔާނާތާއި ދެކޮޅަށް، އުފާވެރި ދިރިއުޅުމަކަށާއި، ހަމަހަމަކާއި އެކު ހިދުމަތް ހޯދުމަށް ކޮންމެ ހެން ވެސް އެބޭފުޅުންގެ ކެނޑިޑޭޓަކަށް ވޯޓު ދިނުން ލާޒިމެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ނަމަވެސް، އަދި ކައުންސިލް އިންތިހާބަކަސް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަކަސް އެމްޑީޕީގެ ވިސްނުން ހުރި ގޮތެވެ.
ރައްޔިތުންގެ ހިތްހަމަނުޖެހުން ހުރިކަން އެނގުމުން، ވަކި ބަޔަކު ތެދުވެ މިއީ ދިވެހިންނަށްޓަކައި ގުރުބާންވި ޕާޓީކަމަށް ބުނުމާއި މިއަދާއި ހަމައަށް އައުމަށްޓަކާ އެތައް އަނިޔާއެއް ޕާޓީން ތަހައްމަލު ކުރަން ޖެހުނުކަމަށް ތަކުރާރު ކުރެ އެވެ. މިއަދުގެ ހާލަތަކީ އެއީ އެވެ. ފަސް އަހަރުގެ ދައުރެއް ހަވާލު ކުރުމާއި އެކު، އެކަން ފުރިހަމަ ނުވުމުން އެކަމުގެ ޒިންމާ އަޅުވަނީ ކޯލިޝަން ޕާޓީތަކުގެ ބޮލުގަ އެވެ. ނުވަތަ އެ ޕާޓީއެއްގެ ސްލޮޓެއްގައި ވުޒާރާއަކާއި ހަވާލުވެ ހުންނަވާ މިނިސްޓަރަަށެވެ.
އެމްޑީޕީއަކީ ޑޮމޮކްރަސީގެ ނަމޫނާއެއްކަމަށް ހަރު އަޑުން އެފަދަ ބައްދަލުވުންތަކާއި ޖަލްސާތަކުގައި ބުނި ނަމަވެސް އެއީ ލޮލުގަ އަޅުވާލާ އަނދުނެކެވެ. ސިޔާސީ ޕާާޓީއެއްގެ ގޮތުގައި 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑީޕީ ރެޖިސްޓްރީކޮށް، ރައްޔިތުންނަށް ވީ ވައުދަކީ އިންސާފާއި ހަމަހަމަކަން ގާއިމު ކުރާނެ ކަމަށެވެ. މި ޕާޓީ ހިނގާނީ ތިރިން މައްޗަށް ކަމަށެވެ. ނަމަވެސް އެހެންނެއް ނޫނެވެ. މޮޅުމީހާއަށް އަށް މޮޅުގޮތް، ދެރަ މިހާއަށް އޮތީ ދެރަ ގޮތެވެ.
އަރިސް ބޭފުޅުންގެ ދަރީން ބޮޑެތި މުސާރަތަކާއި އެކު އެމްބަސީތަކުގައި ތިބި ނަމަވެސް ތެދުވެލާފައި، މިއީ އެމްޑީޕީގެ އުސޫލެއް ނޫނޭ ބުނާނެ ހިތްވަރެއް އެމްޑީޕީގެ މެމްބަރުންގެ ނެތެވެ. ވަކި މީހެއްގެ ބާރު ދަށަށް ޕާޓީ ގެނައުން ރަނގަޅެއް ނޫނޭ ބުނަން ކެރޭނެ ވަރުގެ މެމްބަރެއް ވެސް ނެތެވެ.
ހަމަހަކަމާއި އުސޫލުތަކުގެ ވާހަކަ ދައްކާއިރު، ޒުވާނުންނަށް ދިމާވެފައިވާ ވަޒީފާގެ ދަތިތައް ހައްލު ކުރަން މަސައްކަތް ނުކުރެވެ އެވެ. ވަޒީފާއަކުން އެމްޑީޕީގެ މެމްބަރެއް ވަކި ކުރި މައްސަލައިގައި، މުޅި މަޖިލީސް އެފުށް މި ފުށަށް ޖެހިއިރު އެ ޖޯޝު އެހެން ކަންކަމާއި ގުޅުވައި ނުފެނެ އެވެ. އޭރު އެބޭފުޅުންނަށް އެ މައުޟޫއު މުހިންމުވީ އަމިއްލަ މަންފާއެއް އޮތަތީ އެވެ. ތިމާމެން ރައްޔިތުންގެ ދިފާއުގައި ނިކުންނާނެކަމަށް ދައްކަން ބޭނުންވާތީ މަންޒަަރު ރީތިކޮށްލުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަފާތު މައްސަލަތަކުގައި އެކި މީހުން ވަޒީފާއިން ވަކި ކުރުމުން ނުވަތަ އޭރުގެ އިދިކޮޅާއި ގުޅިގެން މަސައްކަތް ކުރުމުން ނުވަތަ ޓްވީޓެއް ކުރުމުގެ ސަބަބުން ވަޒީފާއިން ވަކި ކުރި މީހުންނާއި އެކީ ފޮޓޯތައް ލައި އެމްޑީޕީން ބުނީ ވަޒީފާތައް ދިނުމުގައި ވަކި ކުލައަކަށް ވަކި ފިކުރަކަށް ނުބަލާނެ ކަމަށެވެ. އެމްޑީޕީން ޓްވީޓެއްކޮށްގެން ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ.
ރައްޔިތުންނާއި ހަމައަށް ގެނައި ސްލޯގަން އަކީ ”ވަޒީފާގެ ބިރު ނައްތާލަން“ އެމްޑީޕީއަށް ވޯޓު ދިނުން ނަމަވެސް ވަޒީފާތައް ކިހިލީގައި ޖަހައިގެން ވެސް ދުވެ ނަގަނީ އެވެ. އެކަން ގޯސްވީ ވަކި ދަނޑިވަޅެއްގައި އެކަންޏެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނެތް ވަޒީފާތަކަށް މީހުން ވެއްދިކަމުގެ ތުހުމަތުތަކެއް ކުރީ އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ މެމްބަރުންނެވެ.
ސަރުކާރުގެ އެންމެ އިސް ވާޖިބަކަށް ވާން ޖެހޭނީ އެމްޑީޕީގެ މެމްބަރުން ރުއްސައި ވަޒީފާ ދީގެން ބޭތިއްބުން ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ދެކެ އެވެ. ރިޔާސީ އިންތިހާބުގެ ދުވަސް ވަރު އެންމެ ގިނައިން ޓުވީޓު ކުރި މީހަކީ ތިމާކަމަށް ވީތީ ސަރުކާރުގެ ކޮންމެވެސް ޑިރެކްޓަރެއްގެ މަގާމު ލިބެން ޖޭހެނެކަމަށް އެބޭފުޅުން ގަބޫލު ކުރެ އެވެ.
ވެރިކަމަށް ހަތަރު އަހަރު ފުރެން މާގިނަ ދުވަހެއް ނެތެވެ. މިހާރުން ފެށިގެން 2023 ގ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މަސަައްކަތް ފެށިއިރު އެޖެންޑާ 19 އާއި ޖަޒީރާ ރާއްޖެ މެނިފެސްޓޯއިން ފުއްދިފައި ވަނީ ކިތަށް އިންސައްތަ ވައުދުތޯ އެބޭފުޅުން އަމިއްލަ ނަފުސާއި ސުވާލު ކުރުން ބުއްދިވެރި އެވެ.

