ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތުރު މިތުރަށްވެ، މިތުރު ހަތުރަށް ވެއްޖެ!

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހަކު ވެސް ނުވަތަ ކޮންމެ ބަޔަކު ވެސް ވާހަކައެއް ނުވަތަ ބަހެއް ބުނެލުމަށް ފަހު އެ ވާހަކައެއް ނުވަތަ އެ ބަހެއް އަނބުރާ ނާންނާނެކަން ނުވަތަ ނުގެނެވޭނެކަން ގަބޫލު ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމައެގޮތަށް ވާހަކައެއް ނުވަތަ ބަހެއް ބުނެލުމަށް ފަހު އެ ވާހަކައެއް ނުވަތަ އެ ބަހުގެ އަޅަކަށް އެ މީހަކު ވެގެންދާކަން އެންމެންވެސް ގަބޫލު ކުރާނެއެވެ. ނަމަވެސް ހިތާމައަކީ ވާހަކައެއް ނުވަތަ ބަހެއް ބުނެލުމުގެ ކުރިން އެއްވެސް ވަރަކަށް ވިސްނާ ނުލާކަމެވެ. މިކަން އެންމެ ބޮޑަށް ފެންނަމުން ދަނީ ސިޔާސީ މައިދާނުންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ދެއިރު ދެ ދަޅަޔަށް ބަދަލުވާ ބައެކެވެ. އެ މީހުންގެ ހިތްތައް އެނބުރޭ ވަހުތާނެއް ފަދައެވެ. ހާސިލް ކުރަން ބޭނުންވާ މަގުސަދު ހާސިލް ކުރުމަށްޓަކައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. މިކަން ގިނަ ފަހަރަށް ކުރަނީ އެކުއުޅެމުން ކުރަން ބޭނުންވާ ކަމެއް ނުވުމުން ނުވަތަ ކުރަން އުޅޭ ކަމަކަށް ހުރަސްތަކެއް ކުރިމަތިވުމުން ނުވަތަ އުފެދޭ ހިޔާލްތަފާތުވުންތަކުގެ ތެރެއިންނެވެ. އެގޮތުން އެކުއުޅުނު އެކުވެރިޔާ ބޮލުގައި “ވަގު” ޓެގު އަޅުވައެވެ. އެވަރުން ނުވެގެން “ލާދީނީ ޓެގު” އަޅުވައެވެ. އެންމެ ފަހުން ގޮސް “ޒިނޭގެ ޓެގު” ވެސް އަޅުވަނީއެވެ. ނަމަވެސް ފަހުން އަނެއްކާވެސް ދެއްކި ވާހަކަ ބަދަލުކޮށް އެ މީހާ ވަރުގެ އޯގާތެރި، ހިތްތިރި، މަޑުމައިތިރި، ތެދުވެރި، އިހުލާސްތެރި، އަމާނާތްތެރި މީހެއް ނެތްކަމަށް ބުނެއެވެ. މިފަދަ ަބއެއް ހާދިސާތައް އަޅުގަނޑުގެ މިހިޔާލުގައި ހިއްސާކޮށްލާނަމެވެ.

މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯތައް ހުއްޓި އެ މީހަކަށް ވެދާނެ ގޮތެއް ނުވަތަ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ބަލަބަލާ ނުވަތަ އިންތިޒާރުކޮށްގެން ތިބި ބޭފުޅަކީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ. ސަބަބަކީ އެމަނިކުފާނުގެ ޕާޓީން އެ މަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ޕާޓީގެ ރިޔާސީ ޓިކެޓް ދިން ނަމަވެސް ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލި ޖަލުގެ ގޮޅިޔަށް ދާން ޖެހިދާނެ ކަމުގެ ބިރުއޮތުމެވެ.

ދައްކަން މިއުޅެނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ވާހަކައެއް ނޫނެވެ. އަދި އެ ދައުވާތައް ސާބިތު ވެއްޖެނަމަ ރައީސް ޔާމީންއަށް ވެދާނެ ގޮތުގެ ވާހަކައެއް ވެސް ނޫނެވެ. ދައްކަން މިއުޅެނީ ރައީސް ޔާމީންގެ މިތުރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ފަހުން ހަތުރަކަށްވެ އަނެއްކާވެސް ދެއްކި ވާހަކަ ބަދަލުކޮށް ފަހުން މިތުރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ވާހަކައެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ ލާދީނީ ބޭފުޅެއް ކަމަށް ބުނެ ރައީސް ނަޝީދުގެ ކަރުގައި ލާދީނީ ޓެގު އެޅުވީ މިހާރުގެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއެވެ. ހަމަ އެގޮތަށް މިއަދުގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި ރައީސް ސާލިޙް ޒިނޭ ކުރި ކަމުގެ ޓެގު އެޅުވީ ރައީސް ސާލިޙުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުންނެވި ރައީސް ނަޝީދު ކަމަށް ބުނާ މީހުން ވެސް ނުވަތަ ގަބޫލު ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިދެންނެވި ގޮތަށް ރައީސް އަބްދުﷲ ޔާމީންއަކީ ދިވެހިރާއްޖޭގެ ތާރީޙް ދެކެފައި ނުވާފަދަ ބޮޑެތި ވައްކަން ދިވެހި ދައުލަތުގެ ހަޒާނާއިން ކުރެއްވި ބޭފުޅެއް ކަމަށް ދިވެހިންނަށް ވިދާޅުވެ ދެއްވީ ރައީސް ޔާމީންގެ ފުރަތަމަ މިތުރު ޑރ މުހައްމަދު ޖަމީލް އަހުމަދުއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑރ ޖަމީލް ރައީސް ޔާމީންއަށް ބޭވަފާތެރިވި ކަމަށް ނިންމައި އެކަހެރި ކޮށްލެއްވި ހިސާބަކީ ޑރ ޖަމީލްގެ ހަތުރަކަށް ރައީސް ޔާމީން ބަދަލުވި ހިސާބެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް މިހާރުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި ގުޅިގެން އެންމެ އިސް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޑރ ޖަމީލްއެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އުފެއްދެވި ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރަކީ ޑރ ޖަމީލްއެވެ. މިއަދު ދައުލަތުން ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރ ކުރުމާއި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ތުހުމަތުކޮށް ދައުވާތައް އުފުލާފައިވާއިރު އެ ތުހުމަތުތައް ރައީސް ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ ކުރައްވާ ވާހަކަފުޅު ދެއްކެވީ ޑރ ޖަމީލްއެވެ. މިއަދު ރައީސް ޔާމީންގެ މިތުރެއްގެ ގޮތުގައި އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ނަމަވެސް މިއީ ހަމަ ހަގީގަތެވެ.

ޑރ ޖަމީލް ރައީސް ޔާމީންގެ ހަތުރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަގުތުކޮޅު ވިދާޅުވެފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންއަށް މީހަކު ތާއިދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ޖަމީލް ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީން ބާރުމިނެއްގައި ރާއްޖެއަށް ގެނެސްދިން ތަރައްގީއަކީ ފަސާދައާއި ކޮރަޕްޝަނެވެ. ވައްކަމާއި، އަނިޔާވެރިކަމެވެ. އަދި ރައީސް ޔާމީންގެ ވެރިކަމަކީ ދިވެހި ތާރީހް ދެކެފައި ނުވާފަދަ އަނދިރި ވެރިކަމެއް ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޖަމީލް ވިދާޅުވެފައިވާ ގޮތުގައި ދިވެހި ގައުމަށް ބޭނުން ވަނީ ސާބިތު ކެރޭ ވެރިއެކެވެ. ނަމަވެސް ރައީސް ޔާމީންއަކީ އިންތިހާއަށް ފިނޑި ބޭފުޅެއް ކަމަށާއި، އެހެން ކަމުން ދިވެހި ރައްޔިތުން ވިސްނަންވީ ރައީސް ޔާމީންއަށް ދިވެހި ގައުމުގެ ހުންގާނު ހަވާލު ކޮށްގެން ތިބުމާއި މެދު ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. ޖަމީލް ސިފަ ކުރައްވާފައިވާ ގޮތުގައި ރައީސް ޔާމީން މަސައްކަތް ކުރެއްވީ ވަގު ބުޅާ ވަދެ މަސް ގަނޑު ޖަހައިގަންނަ އުސޫލުންނެވެ. އެއްވެސް މީހަކަށް ވާދަ ކުރުމުގެ ފުރުސަތު ނުދެއްވައެވެ. ހަމައެހެންމެ ރައީސް ޔާމީންގެ ދެކަނބަލުން ދިވެހި ދައުލަތުގެ ހަޒާނާއި ދިވެހި ތާރީޙް ދެކެފައި ނުވާފަދަ ބޮޑެތި ވައްކަން ކޮށް ދަބަސް ދަބަހުގައި ގެކޮޅަށް ފައިސާ ވެއްދި ވާހަކައާއި މި ނޫން އެތައް ބޮޑެތި ޖިނާއީ ކުށްތަކެއް ރައީސް ޔާމީން ކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ޙާއިނެއްގެ ލަގަބް ދެއްވީ ޑރ ޖަމީލްއެވެ.

ނަމަވެސް މިއަދު މަންޒަރު މުޅިން ތަފާތެވެ. މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަގުންނަށްވެ ރައީސް ޔާމީންއަކީ ތެދުވެރި އަމާނާތްތެރިއަކަށް ޑރ ޖަމީލްއަށް ވެއްޖެއެވެ. ޑރ ޖަމީލް ވަގެއް ކަމަށް ވިދާޅުވި ޔާމީން އަކީ ވަގެއް ނޫން ކަމަށް ވެސް ވިދާޅުވަނީ ހަމަ ޑރ ޖަމީލްއެވެ. ޖަމީލް ވިދާޅުވެފައިވާ ވާހަކަފުޅުތަކާއި ބަސްފުޅުތަކުގެ އަޅަކަށް ޖަމީލް ވެވަޑައިގެންނެވިކަން ފަހަރުގައި ހަނދުމަ ނެތުނީ ކަމަށް ވެދާނެއެވެ. މިތުރު ހަތުރަކަށްވެ ހަތުރު މިތުރަށްވީ އަޖައިބެއްފަދަ ގޮތަކަށެވެ.

ވަރަށް ގަދަ
23%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 62%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: