ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފް ވައްކަން ކުރެއްވި ކަމަށް ޖާބިރު ވިދާޅުވުމުން ދެ މެންބަރުންގެ ހޫނު ޒުވާބެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ވައްކަން ކޮށްގެން ތިއްބެވި 16 މެންބަރުން ތިއްބެވި ކަމަށާއި އޭގެ ތެރޭގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ތުހުމަތު ކުރެއްވުމުން އެކަމާ ހިތްހަމަ ނުޖެހި މަޖިލީހުގެ ތަޅުން ހޫނުވެ، ދެ މެންބަރުން “ޒުވާބު“ ކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ޤާސިމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާހުގެނައުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ވައްކަން ކޮށްގެން ތިބި މެންބަރުން ތަކެއް ތިބި މަޖިލީހުން ފަނޑިޔާރުގޭ އިޞްލާހު ކުރުމުގެ ވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށެވެ.

“ވައްކަން ކޮށްގެން ތިބި މަޖިލީހަކުން. މެންބަރުން ވައްކަން ކޮށްގެން ތިބި މަޖިލީހަކުން ދެން ކޮން ކޯޓެއްގެ ވާހަކަ މިތާ ދައްކަންވީ“ ޖާބިރު ވިދާޅުވިއެވެ.

މީގެ  އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ނިސްބަތް ކުރައްވާ މެންބަރު ޖާބިރު ވިދާޅުވީ އިބްރާހިމް ޝަރީފް ވައްކަންކޮށް 88 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.

““ވަގުންގެ ލިސްޓަކީ ކޮބައިތޯއޭ، އެއީ ކޮން ރަށެއްގެ ކޮން ދާއިރާއެއްގެ މެންބަރުތޯއޭ، އައްޑޫ އަތޮޅު މެންބަރު ޝަރީފް 88 މިލިއަން ރުފިޔާ ވިއްޔާއޭ ނެގީ، ތަންކޮޅެއް ބޮޑުވަރެއް ނޫންތޯއޭ، ކުލި ނުދެއްކިގެން މީހުން މިއުޅެނީ،“ ޝަރީފަށް ބޮޑު ތުހުމަތެއް ކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.

ހަމަ އެއާއުކު ޖާބިރުގެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އޭނާގެ ވާހަކަ ހުއްޓުވައި، މުޅި މަޖިލީހަށް ތުހުމަތުވާ ގޮތަށް އެފަދަ ވާހަކަތައް ދެއްކުމަކީ ގަވަައިދު ތަން ދޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، ރިޔާސަތުން ދެއްކެވި އެއްވެސް ވާހަކައަކަށް ބެލުއްނެތި ޖާބިރުވަނީ  ޝަރީފަށް ކުރެއްވި ތުހުމަތުތައް ތަކުރާރުކުރައްވަމުން ،މެންބަރު  ޝަރީފް މަޖިލީހުން ބޭރުކޮށްގެން ނޫނީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ ތަޅުން ދޫކުރައްވައި ބޭރަށް ވަޑައިގެންފަ އެވެ.

ޖާބިރު ކުރެއްވި ތުހުމަތުތަކާއެކު މެންބަރު ޝަރީފްގެ ލޭ ހޫނުވެ ، ނިޒާމީ ނުކުތާ ނަންގަވައި ޝަރީފް ވެސް ވަނީ ޖާބިރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.

ޖާބިރުގެ ވާހަކަތަކަށް ރައްދުދެއްވަމުން ޝަރީފްވަނީ މެންބަރު ޖާބިރު މަސްތުވާތަކެތި ބޭނުންކުރައްވާކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.

”ރާއްޖޭގައި އުފެދުނު ފުރަތަމަ އަލަމްގީރު، ދިވެހިރާއްޖެއިން ވައްކަން ކޮށްގެން ފުރަތަމަ ފަހަރަށް މި މަޖިލީހުގައި އަރުވާލަފައި ހުރި ހަމައެކަނި އިއްޒަތްތެރި މެންބަރު،“ ރުޅިވެރިމޫނަކާއި އެކު ޝަރީފް ވިދާޅުވި އެވެ.

ދެ މެންބަރުންގެ ޒުވާބު ހޫނުވަމުން ގޮސް ބަހުގެ ހަމަލާތައް ގިނަވަމުން ދިޔުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

”މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ވެސް އަދި ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ވެސް މި މަޖިލިސް ދޫކޮށް ވަޑައިގަންނަވަން އަޅުގަނޑަށް ދަންނަވަން ޖެހޭނެ އިއްޒަތްތެރި މެންބަރުން ތި މޭރުމުން ބަހުސް ކުރިއަށް ގެންދަވާ ކަމަށް ވަންޏާ،“ ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނުކަމަށް މަޖިލީހުން އެކުލަވާލި ލިސްޓުގައި  މަޖިލީހުގައި މިހާރު ތިބި 16 މެންބަރަކު އެ ލިސްޓުގައި ހިމެނެއެވެ.

މި ދެ މެންބަރުންގެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ އެހެން ބައެއް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: