އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެ ރިޔާސީ ދެވަނަ ދައުރެއް ލިބިއްޖެނަމަ ހަގީގީ ވަގުންނަކީ ކޮންބައެއްކަން ރައްޔިތުންނަށް ހާމަކޮށް ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ފަރާތުން ހއ، އިހަވަބްދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ހަގީގީ ވަގުންނަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމަށެވެ. އަދި ހަގީގީ ވަގުންނަކީ ކޮބައިކަން އެނގުމަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ އެއްވެސް ހެއްކެއް އަދި ތަހުގީގު ކުރެއްމެއް ނެތި މީހެއްގެ ބޮލުގައި ވައްކަމުގެ ތުހުމަތު އެޅުވުމަކީ ކޮންގެން ވާނެ ކަމެއް ނޫންކަން މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގެން ޖެހޭ ކަމަށެވެ. އެގޮތުން ރަނގަޅު ތަހުގީގެއް ކޮށް ބަލައިފިނަމަ އަސްލު ހަގީގީ އެންމެ ބޮޑެތި ވަގުން ތިބީ އެމްޑީޕީގެ ސަރުކާރުގައިކަން އެނގިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނިކުތް ގޮތަކަށް ނިކުމެގެން ގޮސް އޭގެން އެންމެ ބޮޑު މަންފާއެއް ލިބުނީ އެމްޑީޕީއާއި އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރެވިފައި ވާކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް ކުރެވުމުން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި އެއީ ދުނިއޭގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތް ކަމަށާ، އެކަން ކުރައްވަން ކެރިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާންގެ ސަރުކާރުގައި އެކިއެކި ކަންކަމުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ވޯޓު ދެއްވި ކަމަށާއި ނަމަވެސް އެ ދެއްވި ވޯޓަކީ ރައްޔިތުންގެ ހައްގުގައި ދެއްވި ވޯޓެއް ނޫން ކަމަށާއި އެއީ އެމްޑީޕީގެ މެމްބަރުންގެ ޖީބަށް ވަތް ފައިސާއަށް ދިން ވޯޓެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާން ވިދާޅުވި ގޮތުގައި އެ ފައިސާއަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ދެއްވި އެމްއެމްޕީއާރުސީގެ ކަޅު ފައިސާއެވެ. އަދި އެމަނިކުފާންގެ ސަރުކާރުގައި އެމްޑީޕީގެ މެމްބަރުން ރައްޔިތުންގެ ހައްގުގައި ވޯޓު ދެއްވިނަމަ އެމަނިކުފާންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓަށް ވެސް ވޯޓު ދިނީސް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ ހާލަތު ބަދަލުވެގެން ގޮސް ވެރިކަން ބަދަލުވެ އެމަނިކުފާނަށް ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ވެސް ފުއްދާނެ ވަޢުދަކީ ކޮރޮޕްޝަނާއި ވައްކަން ކުރި މީހުންނާއި އެކަމުގައި ބައިވެރިވި މީހުންގެ ނަންތައް ހާމަ ކުރެއްވުން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ސާލިޙްގެ ސަރުކާރުން އެމަނިކުފާނަށް ވައްކަމުގެ ތުހުމަތު ކުރައްވާއިރު ރައީސް ސާލިޙްގެ ޅިޔަނު ބަހައްޓައިގެން ވެސް މައްސަލަ ތަހުގީގުކޮށް ކަމުގެ ހަގީގަތް ހާމަކޮށް ދެއްވިފައި ނުވާ ކަމަށެވެ. ނަމަވެސް ރިޔާސީ ދެވަނަ ދައުރެއް ލިބިވަދައިގެންފިނަމަ އެކަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވިއެވެ.

