ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް ގެނައުމަށް ހެލްތް މިނިސްޓްރީ އާއި ފާމަސީ ތަކާއެކު ވާހަކަތައް ދެކެވި އެމަސައްކަތް އަދި ނުފެށިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.
މިހާތަނަށް އާސަންދަ އާއި ސަބްސިޑީ ރިފޯމް ނުކުރެވި ލަސްވާ ސަބަބު ހޯދުމަށް މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑެ) ކުރެއްވި ސުވާލު ގެ ޖަވާބުގައި އަމީރު ވިދާޅުވީ އެމަސައްކަތްތައް އަދި ފެށިފައިނުވާ ކަމަށާއި މަޝްވަރާތައް ކުރެވެމުންދާކަމަށެވެ.
އަމީރު ވިދާޅުވީ ބަލްކް ޕްރޮކިއުމެންޓްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި މެކްސިމަމް ރީޓެއިލް ޕްރައިސް ގެނައުމުންވެސް ލިބޭ ފިސްކަލް ސޭވިންގ ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ވެސް ލިބޭކަމަށެވެ.
އާސަންދަ ރިފޯމްގެ މަސައްކަތުގެ ތެރެއިން މެޑިކަލް ކޮންސިއުމެބަލް އަށް ދާ ހަރަދުތައް ކޮންޓްރޯލްކޮށްގެން މަސައްކަތް ކުރުން މުހިއްމު ކަން ފާހަގަކޮށް އޭގެ ތެރޭގައި ބަލްކް ޕްރޮކިއުމެންޓް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
އާސަންދައަށް ބަޖެޓް ދޫކުރުމަށް އެފިޝެންޝީ ގެނެވިގެން އާސަންދައިގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި އެޖެންސީ އެގްރިމެންޓެއްގެ ދަށުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ ފްރިކުއެންސީ ސްޕެކްޓްރަމް ޓެކްސް އަށް ފީއެއް ނެގުމަށް ކެމް އާ ވާހަކަ ދެކެވި ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ.

