ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އަށް 1،072 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާކަން މިފްކޯގެ ހާއްސަ އޮޑިޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވާ މިއަދު ނެރެފައިވާ މިފްކޯގެ ހާއްސަ އޮޑިޓް އަމާޒް ކޮށްފައި ވަނީ ތިން ކަމަކަށެވެ. އެއީ 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް ލިބުނު އާމްދަނީއާއި، ހިނގި ހަރަދަށް ބަލައި ކުންފުނީގެ މާލީހާލަތެވެ. ދެވަނަ ކަމަކަށް ބަލާފައި ވަނީ މިފްކޯއިން އެކްސްޕޯޓްކުރާ މަހުގެ ޝިޕްމެންޓްތަކުން ލިބޭ ގެއްލުމާއި، ގެއްލުން ލިބެން މެދުވެރިވާ ސަބަބުތަކަށެވެ. މީގެއިތުރުން ތިން ވަނަ ކަމަކަށް ބަލާފައި ވަނީ މިފްކޯއިން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި އަމަލުކުރުމަށް ހަރުދަނާ އުސޫލްތަކެއް ހަދާފައިވޭތޯއާއި، އެއުސޫލްތަކާ އެއްގޮތަށް އަމަލުކޮށްފައިވާ މިންވަރަށެވެ.
މިކަންކަމުގެ މައްޗަށް ބަލާ ނެރެފައިވާ މިފްކޯގެ ހާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް އާމްދަނީގެ ގޮތުގައި 6،934 މިލިޔަން ރުފިޔާ ލިބި މި މުއްދަތުގެ ތެރޭގައި މަސްގަތުމަށާއި އެފެއްދުމަށް ސީދާ ހިނގި ހަރަދަށް 7،185 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ބޭރުގެ ބާޒާރަށް ކުންފުނިން މަސްވިއްކަމުން ގޮސްފައިވާ މާކެޓް ރޭޓަށްވުރެ ބޮޑު ހަރަދެއް މަސްގަތުމުގައި އަދި ސީދާ ގޮތުން މަސްއުފެއްދުމަށް ހިނގާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މި. މުއްދަތުގެ ތެރޭގައި ޖުމްލަ 250 މިލިޔަން ރުފިޔާގެ ގްރޮސް ލޮސް ކުންފުންޏަށް ލިބިފައިވާއިރު ހިންގުމުގެ ހަރަދާއި އެހެނިހެން ހަރަދުތަކާއި އެކު ޖުމްލަ 1،072 މިލިޔަން ރުފިޔާގެ ސާފް ގެއްލުން (ނެޓް ލޮސް) މިފްކޯއަށް ލިބިފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯ ހިންގުމުގައި މިހާތަނަށް ލިބުނު ގެއްލުމުގެ އަގު 1،389 މިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނީގެ މިލްކީއްޔާތުގައިހުރި ހަރުމުދަލަށްވުރެ ކުންފުނީގެ ދަރަނި ވަނީ އިތުރުވެފައެވެ. މިގޮތުން ކުންފުނީގެ މިލްކީއްޔާތުގައިވާ ހަރުމުދަލުގެ އަގު 2021 ވަނަ އަހަރުގެ ނިޔަލަށް 961 މިލިޔަން ރުފިޔާގައި ހުރިއިރު، ކުންފުނީގެ ދަރަމީގެ ގޮތުގައި 1،916 މިލިޔަން ރުފިޔާ ހުރިކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އެހެންކަމުން ކުންފުނީގެ ހަރަދަށްވުރެ ކުންފުނީގެ ދަރަނީގެ ނިސްބަތް 955 މިލިޔަން ރުފިޔާއިން އިތުރުވެ، ކުންފުނީގެ މާލީހާލަތު ވަނީ ”ނެގެޓިވް ނެޓް ވޯތް“ ގައެވެ.
ކުންފުންޏަށް ގެއްލުންވަމުން ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިފްކޯއަށް މަސްގަތުމަށް ސަރުކާރުން ކަނޑައަޅާ ރޭޓަކީ ބޭރުގެ މާކެޓަށް މަސްވިއްކަން ހުންނަ އަގާ އަޅާބަލާއިރު ނިސްބަތުން ބޮޑުއަގަކަށް ވުމާއި، ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވުމާއި، އެކްސްޕޯޓްކުރާ މަހުގެ ޝިޕްމެންޓްތަކުގައި ހުންނަ މަހުގެ ސައިޒާއި، ބާވަތްތައް ތަފާތުވުމުގެ ސަބަބުން ކުންފުންޏަށް ލިބެންވާ އާމްދަނީ ގެއްލިގެން ދިއުން ހިމެނެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިފްކޯއަށް ލިބޭ ގެއްލުން ފޫބެއްދުމަށް 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް 701 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން މިފްކޯއަށް ވަނީ ދޫކޮށްފައެވެ.

