މި ހަފްތާގެ އަންގާރަ ދުވަހު، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ނ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހާމަކޮށްފި އެވެ.
ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ ކުރިޔަށް ގެންދިޔަ، އިންޑިއާ އައުޓްގެ ހަރަކާތަށް ހުއްޓުމެއް އައި ފަހުން ރައީސް ޔާމީންގެ ދަތުރުތަކަށް ވެސް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައެވެ. އަދި ދަތުރުތައް ހުއްޓުނު ސަބަބުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ދައުވާތަކުގެ ޝަރީއަތްތައް ކައިރިކައިރީގައި ތާވަލު ކުރުން ވެސް ހިމެނެ އެވެ. ނަމަވެސް އަނެއްކާވެސް ދަތުރުތައް ފައްޓަވައި ރައީސް ޔާމީން ވަނީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހއ. އަތޮޅު އަދި ކުޑަހުވަދޫއަށް ދަތުރު ކުރައްވާފަ އެވެ.
މިއީ ރައްޔިތުންގެ ހާލަތު ގާތުން ދެނެގަނެ، ޕާޓީން މެނިފެސްޓޯ އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއްކަމަށް އިދިކޮޅުން މައުލޫމާތު ދެ އެވެ.
ހއ. އަތޮޅުގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޔާމީނާއި ޕާޓީގެ ލީޑާޝިޕްގެ ކުރިޔަށް ހުރި ދަތުރުތަކާއި ބެހޭ މައުލޫމާތުތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި މަހުގެ 25 އިން 28ގެ ނިޔަލަށް ރައީސް ޔާމީން، ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހީނާ ވިދާޅުވީ ރައީސް ޔާމީންގެ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫ އާއި، ނ. މަނަދޫ، އަދި ނ. ހޮޅުދޫގެ އިތުރުން ނ. ވެލިދޫ އާއި ނ. މިލަދޫ އަދި ނ. މަގޫދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ހީނާ ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ހުސްވެފައިވާ މަގޫދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ޕާޓީގެ ޓިކެޓުގައި ވާދަ ކުރާ ކެނޑިޑޭޓު ޔުމްނާ އަބްދުލްޣަނީގެ ކެމެޕެއިނު ހަރަކާތްތަކުގައި ވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ދަތުރުފުޅުތަކާއި ބެހޭ އިތުރު މައުލޫމާތުތައް ހިއްސާކޮށް ހީނާ ވިދާޅުވީ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީން އައްޑޫގެ އިތުރުން ފުވައްމުލަށް ސިޓީއަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. މިވަގުތަށް ދަތުރުގެ ތާރީހު ހަމަޖެހިފައި ވަނީ ނޮވެމްބަރު 03 އަށް ނަމަވެސް ތާރީހުތަކަށް ބަދަލެއް އައުމަކީ އެކަށީގެންވާކަމެއްގެ ގޮތުގައި ހީނާ ވިދާޅުވި އެވެ.
ރައީސް ޔާމީން އަތޮޅު ތެރެއަށް ދަތުރު ކުރެއްވުމަށް ހަމަޖެހިގެން ދިޔައީ، އެމަނިކުފާނާއި ރިޔާސީ ޓިކެޓު ހަވާލުކޮށް ޕާޓީގެ މެމްބާޝިޕް އިތުރު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ވަގުތެއްގަ އެވެ. އަދި ޕާޓީގެ ލީޑާޝިޕްގައި ހިމެނޭ މެމްބަރުން ވެސް ދަނީ އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.

