ޒުވާނުންނަކީ ގައުމު ހިންގުމުގައި އިސް ދައުރެއް އަދާކުރާ ބައެކޭ ބުނާތީ އަޑުއިވެއެވެ. ޒުވާނުންގެ މުހިއްމުކަން ވެރިކަމުގައި ހުންނަ މީހަކަށާއި ވެރިކަމަށް އަންނަ މީހަކަަށް މުހިއްމު ވެގެންދާ މަންޒަރުވެސް ފެނެއެވެ.
ޒުވާނުންގެ އިހުސާސްތައް ދަންނަ ޒުވާނަކު ޒުވާނުންގެ ވަޒީރުކަމަށް އަންނާނީ ކޮންދުވަހަކުން ބާއޭ ހިތަށް އަރައެވެ. ސަބަބަކީ ޒުވާނުންނަށް ބޭނުންވާ އެތައް ކަމެއް ފުރިހަމަ ކޮށްނުދެވުނު ތަނުގައި ގިނަ ޒުވާނުން ކުޅިވަރު ކުޅެން ބޭނުންވާ ކަމަށް ބުނެ ޒުވާނުންގެ އަގު ވަޒަން ކުރަން ނޭނގުނު ތަނުގައި ޒުވާނުން ކުޑައިމީސްކޮށްލީތީއެވެ.
ޒުވާނުންގެ ތެރޭގައި ތައުލީމީ ގާބިލު އެތަކެއް ޒުވާނުން ތަކެއް ތިއްބާ ޒުވާނުންގެ ވުޒާރާ ހިންގުމަށް ހަވާލުކުރެވުނީ ސިޔާސީ މައިދާނުގައި އުޅުއްވާ ޒުވާނަކާއެވެ. އެޒުވާނާ މަގާމަށް އައުމަށް އެތަކެއް ގުރުބާނީ އެއްވެ އެތަކެއް މުޒާހަރާތަކެއްކޮށް ޖަލަށްލެވި ރައްޔިތުންގެ ކުރިމަތީގައި ކަރުނަ އޮހޮރާ އާދޭސްތަކެއް ކޮށްފައިވެއެވެ. އެ މަގާމަކީ އެޒުވާނާ އަށް ހައްގު މަގާމެއް ކަމަށް ދެކެވިދާނެއެވެ. އެހެން ނަމަވެސް ޒުވާނުން ތެރޭގައި ގާބިލު ޒުވާނުން، ހުނަރުވެރި ޒުވާނުން ނެތް ކަމަށް ފަހަރުގައިވެސް ހީކުރުމަކީ ކުށެއްކަމުގައި ނޫނީ ނުވެއެވެ.
ދުނިޔޭގެ ތާރީހުގައި އިންގިލާބީ ބަދަލާއި ތަރައްގީ އާއި ތަމައްދުންގައި ކުރިއެރުންތައް މިވީހާތަނަށް ހާސިލްވެފައިވަނީ އަދި ކުރިއަށް އޮތްތަނުގައިވެސް ހާސިލް ވާނީ ޒުވާނުންގެ ބޮޑު ހިއްސާއާއި އެކީގައެވެ. ޒުވާނުން ނެތް މުޖުތަމައެއްގައި ދިރުމެއް ނުވާނެ ކަމަކީ ކަށަވަރުވެގެންދާ ކަމެކެވެ.
ޒުވާނުން ކުރިއަރައިގެން ގޮސްފައިވާ މިންވަރު ފެނިގެންދަނީ ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި ޒުވާނުން ހިމެނިފައިވުމެވެ. ޒުވާނުންގެ ޒުވާން ސިކުނޑިން އުފައްދާ އުފެއްދުން ތަކާއި ކުރާ އީޖާދުތަކުން ދުނިޔޭގައި ދަތިއުނދަގޫ އެތައް ކަމަކަށް ހައްލު ގެނެސްދީފައިވާނެއެވެ. އޭގެ އެއް މިސާލަކީ މިއަދު އެންމެ ގަދައަށް ދުނިޔޭގައި ބޭނުން ކުރަމުންދާ މީސް މީޑިއާ ނުވަތަ ސޯޝަލް މީޑިއާއެވެ. ފޭސްބޫކް ނުދަންނަ އެއްވެސް މީހަކު މިހާރު ރާއްޖޭގައި ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލެއްނުކުރަމެވެ. ފޭސްބުކްގެ ފައުންޑަރ އިން ފެށިގެން އެ ޓީމަކީ ޒުވާން ގާބިލު އިލްމީ އަދި ހުނަރުވެރި ބައެކެވެ. ފޭސްބޫކްގެ އެހީގައި އެތައް ބަޔަކު ވިޔަފާރިކޮށް ހަބަރު ފަތުރައި އަދި މުނިފޫހިފިލުވުމާއި ތައުލީމް ފެރުތުމާއި އުގެނުމާއި މިހެން ގޮސް އެތައް ކަމެއް ކުރަމުން ގެންދެއެވެ.
ދިވެހި ރާއްޖޭގައި ޒަމާނުއްސުރެން ޒުވާނުންގެ އަޑު އޮތީ މަޑުވެފައެވެ. ކޮންމެ އަހަރަކު އޯލެވެލް ނިންމައި ސްކޫލުން އެތަކެއް ޒުވާނުންނެއް މުޖުތަމައުގެ ތެރެއަށް ނިކުމެއެވެ. އޭގެތެރެއިން ހުރިހާ ޒުވާނުންނަކީ މަތީ ތައުލީމު ހާސިލް ކުރާ ޒުވާނުންނެއް ނޫނެވެ. ކޮންމެވެސް ސަބަބަކާއި ހުރެ މަތީ ތައުލީމު ހާސިލް ނުކުރެވޭ ޒުވާނުން ވަޒީފާގެ މާހައުލާއި ކުރިމަތިލާން ނިކުމެއެވެ. އާއްމު ގޮތެއްގައި ޒުވާނަކު ސްކޫލް ނިމެނީ އުމުރުން 16 އަހަރުގައެވެ.
ދިވެހިރާއްޖޭގެ ގާނޫނު ބުނާގޮތުގައި ވަޒީފާ އަދާކުރެވެން ފެށޭ އެންމެ ދަށް އުމުރުފުރައަކީ 18 އަހަރެވެ. އެހެންކަމުން 18 އަހަރު ވަންދެން ވަޒީފާ އެއް ނުލިބި ޒުވާނުން އުޅެންޖެހެއެވެ. 18 އަހަރު ވުމުން ވެސް މަސައްކަތުގެ ތަޖުރިބާ ނެތުމުގެ ސަބަބުން ވަޒީފާ ނުލިބި އެތަކެއް ޒުވާނުންނެއް ވަޒީފާއަށް ސަލާން ޖަހަން މުޖުތަމައުގައި އުޅެއެވެ. ވަޒީފާ ބޭނުން ނުވާ ޒުވާނުން ނެތީކީ ނޫނެވެ. ވަޒީފާ ދިނުމަށް އުޒުރުވެރިވަނީއެވެ. ކިޔަވައިގެން ތިބޭ މޮޅެތި ޒުވާނުން، ހުނަރުވެރި ޒުވާނުން، ގާބިލު ހިޔާލު ތަނަވަސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގައި ފަހަތު ފަޔަށް ބުރަވެވެނީ އެވެ. މިއީ ކަންއޮތް ގޮތެވެ.
ޒުވާނުންގެ ތެރެއިން މަތީ ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހޯދުމަށް ބައެއް ފަހަރު ދަތި ކަމަކަށް ވެގެންދަނީ އެކަމަށް ހޭދަވާ ފައިސާއެވެ. ފަނަރަ ހާސް ދަރިވަރުންނަށް ހިލޭ ޑިގްރީ އަށް ކިޔެވޭނެ މަގު ފަހި ކުރުމުން ބާކީ ތިބި ވިހި ހާސް ކުދިން އެހައްގުން މަހުރޫމް ވުމަކީ އިންސާފު ކަމަށް ގަބޫލެއް ނުކުރެވެއެވެ. ކުދިން ކިޔެވުމަށް ދޭ ސްޓޫޑެންޓް ލޯން ހަމައެކަނި ވަކި ކޯހެއް ހަދާ ކުދިބަޔަކަށް ދީފައި ކޯސް ފަށާ ކުދިން ކޮންމެވެސް އުޒުރެއް ދައްކައި ޑިސްކޮލިފައިކޮށްފައި ނުފޫޒުގެ ތެރެއިން ދޭން ބޭނުންވާ ކުދިންނަށް ދީ ނިންމާލާއިރު ނިކަމެތި ކުއްޖާ އެ ހައްގުން މަހުރޫމް ވުމާއެކު އެކުއްޖާ މުޖުތަމައު އަށް ސަލާން ޖެހުމަށް ނިކުންނަން ޖެހުމުން އެކަމުގެ ޒިންމާ ހަމަ ޔަގީނުންވެސް ސަރުކާރަކުން ނުނަގާނެއެވެ.
ކޮންމެ އަހަރަކު ހިލޭ އެހީ ތަކާއި ސްކޮލަރޝިޕް ތަކާއި ޑިގްރީ ތަކާއި ލޯން ތައް އިއުލާން ކުރަނީ ކުރީބައިގައި އެދޭނެ ކުދިން ކަނޑައެޅުމަށް ފަހުގައި ކަމަށް އާއްމުންގެ ތެރޭގައި ކިޔާއަޑު އިވެއެވެ. އެކަން އެހެން ވާ ކަމަށް ވާނަމަ އެއީ ވަރަށް ބޮޑު ބޭއިންސާފެކެވެ. ޒުވާނުންނަށް، ކިޔަވާ ކުދިންނަށް ވެވޭ ބޭ އިންސާފެކެވެ. ކިޔަވަން ބޭނުންވާ ކުއްޖާގެ އުއްމީދު ފުޑުފުޑުވެގެންދަނީ އެކުއްޖަކަށް ކުރިއަށްދިއުމަށް ދަތިތަކެއް ކުރިމަތިވުމުންނެވެ. ވަޒީފާ އަށް ދާން ބޭނުންނުވާ ކިތަންމެ ކުއްޖަކު ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ވަޒީފާ އަށް ދަނީ މަޖުބޫރީ ހާލަތުގައެވެ. ރަށު ސްކޫލުން ކިޔެވޭ އެންމެ މައްޗަށް ކިޔެވުމަށް ފަހު ކިޔެވޭނެ އިތުރު ގޮތެއް ނެތުމުގެ ސަބަބުން ވަޒީފާ އަދާކުރުމަށް ރިސޯޓަށް ނުވަތަ މަހަށް ނުވަތަ އެހެން ވެސް ސިނާއަތަކަށް ވަޒީފާ އަށް ދިޔަ އެތަކެއް ދިވެހި ދަރިއެއް މި މުޖުތަމައުގައި އުޅޭނެއެވެ. ހަމަ ޔަގީނުންވެސް ޒުވާނުން އަމިއްލަ މަސައްކަތުން އޮންލައިން ކޮށް ކިޔަވައި ޑިގްރީ އާއި މާސްޓާރސް ހަދައިގެން ތަންތަނުގެ މަތީ މަގާމު ތައް ހާސިލްކުރި އެތަކެއް ޒުވާނުންނެއް މިއަދުވެސް މި މުޖުތަމައުގައި ދިރިއުޅޭނެއެވެ.
ޒުވާނުން ހަމައެކަނި ބޭނުންވަނީ ކުޅިވަރާއި މަޖާ ކުރުން ނޫންކަން ފެނިގެންދަނީ ޒުވާނުންގެ ތެރޭގައި ކިޔަވާ މޮޅުވެގެން ނިކުންނަ ޒުވާނުން ދުވަހެއް ދުވަހަކަށް އިތުރުވެގެން ދިއުމެވެ. ރަށްރަށުގައި ކިޔަވާ ކުދިން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުމަކީ ރަށްރަށުގައި ކިޔަވާ ކުދިންގެ ތެރޭގައި ތައުލީމަށް ލޯބިކުރާ ޒުވާނުންތަކެއް އުފެދިއާލާވަމުންދާ ކަމުގެ އަލިގަދަ ހެއްކެކެވެ. ރާއްޖޭގައި ހުރި ގިނަ ސްކޫލްތަކަކީ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމް ކުރެވިފައިނުވާ ސްކޫލްތަކަކަށް ވާއިރު ވެސް އެސްކޫލްތަކުން ކިޔަވާ ކުދިން މާލެސިޓީގައި ކިޔަވާ ކުދިންނާއި އެއްވަރުގެ ނަތީޖާއެއް ހާސިލް ކުރާ ކަމަކީ އެކުއްޖާގެ ގާބިލްކަމާއި ހުނަރުވެރިކަމާއި ކިޔެވުމަށް ހުރި އަހައްމިޔަތުކަން ދޭހަކޮށްދޭ ކަމެކެވެ.
ޒުވާނުން ކުޅިވަރުގެ ދާއިރާގައި ރަންވަނަ ތައް ހާސިލް ކުރަނީ ވަކި މީހަކު ވެރިކަމުގައި އަދި މިނިސްޓަރު ކަމުގައި ހުރެގެން ނޫންކަން ޒުވާނުން ވަނީ ސާބިތުކޮށްދީފައެވެ. ޒުވާނުން ކުޅިވަރަށް ޝައުގުވެރިކަން ނުހުންނަ އެއްވެސް އިރެއްނެތް ކަން ވަޒީރު ހަނދާން ނެތަސް ޒުވާނުން ރަނގަޅަށް ހަނދާން ހުންނާނެއެވެ. ޒުވާނުން ފުޓްބޯޅަ ރަށްރަށުގައި ކުޅެ އުޅުނީ ވެލި ދަނޑުގައި ނުވަތަ ރުއްގަނޑުތެރޭގައެވެ. ވޮލީ އާއި ނެޓްބޯޅަ އާއި ބެޑްމިންޓަން އާއި ކްރިކެޓާއި ބާސްކެޓް އާއި ބީޗް ވޮލީ ފަދަ ކުޅިވަރުތައް ޒުވާނުން ކުޅެންފެށީ ސަރުކާރުތަކުން އެކުޅިވަރުތަކަށް އެއްވެސް އެހީތެރިކަމެއް ދީފައިނުވާ ޒަމާނެއްގައެވެ. އޭރުގައި ސާފްކޮށް އުޅުނީ އެނދުގައި އަޅަން ގެންގުޅުނު މަޅުފަތި ރާޅުގައި އަޅައިގެންނެވެ. ޒަމާން ބަދަލްވެ ޒަމާނީ ސާފްބޯޑް ތަކުގައި މިއަދު ޒުވާނުން ސާފް ކުރަމުން ދަނީ މީގެ އަހަރުތަކެއް ކުރިންނެވެ. ދިވެހިން ނަކީ މޫދަށް ފަރިތަ ބައެއް ކަމުން މޫދު ކުޅިވަރާއި ކަސްރަތު ދިވެހިން ހާއްސަ ކޮށް ދިވެހި ޒުވާނުން ދަސްކުރީ އަމިއްލައަށެވެ.
ޒުވާނުންނަށް ދަނޑުތައް އަޅައިދީ ވޮލީ ކޯޓްތަކާއި ބާސްކެޓް ކޯޓް ތަކާއި އިންޑޯރ އާއި އައުޓްޑޯ ޖިމް އަޅައިދިނުމަކީ ރަނގަޅުކަމެކެވެ. ނަމެވެސް ޒުވާނުން ބޭނުންވަނީ ހަމައެކަނި ކޮފީ ބޮއިގެން ކުޅިވަރު ކުޅެން ކަމަށް ގަބޫލުކުރެވޭނަމަ އެ ހަނި ވިސްނުން ބަދަލުކޮށް ޒުވާނުންވެސް ގަދަރުވެރި އަބުރުވެރި މަގާމާއި ދިރިއުޅުން ބޭނުންވާކަން ގަބޫލުކުރަންޖެހެއެވެ. ޒުވާނުންގެ ވާހަކަ ކޮންމެ ވެރިއަކުވެސް ވޯޓަށް ކައިރިވާއިރަށް ބޮލަށް ނުކުޅަދާނަ ވާވަރަށް ދައްކަނީ ހަމަ އެންމެ ބޭނުމަކުއެވެ. އެމީހުންގެ ވޯޓް ހޯދާށެވެ. އެވޯޓް ލިބުމާއެކު ޒުވާނުންނަކީ ވުޖޫދުގައިވެސް ތިބި ބައެއްތޯ ނުވަތަ ނޫންތޯ ބަލައިވެސް ނުލައެވެ. ޒުވާނުންގެ ތެރޭގައި އެކި މިޒާޖުގެ އެކި ކަހަލަ ޒުވާނުން ތިބި ނަމަވެސް ޒުވާނުން ކުރިއަރުވައި ހަރުދަނާ ޒުވާނުން މުޖުތަމައު އަށް ނެރުމަށް މަސައްކަތް ކުރާ ތަން ފެންނަނީ ވަރަށް މަދުންނެވެ. މިއީ މިއަދާ ހަމައަށް އައިއިރު ކަން ހިނގަމުންދާ ގޮތެވެ.
ޒުވާނުން ގައުމުގެ އިސް މަގާމުތަކުގައި ތިބުމުން ގައުމު ކުރިއަރައި އިގްތިސާދީ ދުވެލި ބާރުވެގެން ދާނެ ކަމަކީ ޔަގީންވާ ކަމެކެވެ. ޒުވާން ސިކުނޑިތަކުން ގައުމުގެ މައްސަލަތައް ހައްލުކުރާ ގޮތެއް ބަލައިލުމަށް ގާބިލު، ހުނަރުވެރި، އިލްމާއި ފަންނުވެރި ޒުވާނުންނާއި ގައުމުގެ ވުޒާރާތައް ހަވާލުކޮށްލުމަކީ ތަޖުރިބާ ކޮށްލުން ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ.
ކޮންމެ ސަރުކާރެއްގައި ވެސް ވަޒީރުންގެ ގޮތުގައި ޒުވާނުން ފެންނަނީ ވަރަށްވެސް މަދުންނެވެ. ފަހަރުގައި ޒުވާނުންނަށް އިތުބާރު ނުކުރެވޭތީ ކަމުގައި ވެދާނެއެވެ. ނަމަވެސް ޒުވާނުންގެ ތެރޭގައި ގާބިލު އިތުބާރު ކުރެވޭ އެތަކެއް ޒުވާނުންނެއް މި ދިވެހި ރާއްޖޭގައި އެބަތިއްބެވެ.

