މީޑިއާތަކުގެ ބެލެނިވެރި މުވައްސަސާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރެއް އޮންލައިން މީޑިއާ “ވަގުތު” ގެ އަންހެން މުވައްޒަފަކަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެ ނޫހުން ނެރުނު ނޫސް ބަޔާނެއްގައި މިއަދު ބުނެފައި ވަނީ މީޑިއާ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާފިއު ތަކުރާރުކޮށް އެ ނޫހުގެ އަންހެން މުވައްޒަފަކަށް މެސެޖުކޮށް ޒާތީ މައުލޫމާތުތަކާއި ގުޅޭ ސުވާލުތައް ތަކުރާރުކޮށް ކުރަމުން ދާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ، މެމްބަރު ޝާފިއު އެ ނޫހުގެ މުވައްޒަފަށް މެސެޖުކޮށް ފުރައްސާރަ ކުރަން ފެށީ ކައުންސިލުން ރާއްޖެއިން ބޭރަށް މީޑިއާތަކާއި އެކު ކުރި ދަތުރަކަށް ފަހު ކަމަށެވެ. ބަޔާނުގައި ބުނާ އެ ދަތުރުގައި ކައުންސިލުގެ ފަރާތުން އިސްވެރިއެއްގެ ގޮތުގައި ޝާފިއު ބައިވެރިވި އެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވަމުން ދާ އެކި މީޑިއާތަކުން ނޫސްވެރިން ވަނީ އިންޑިއާއަށްކުރި އެ ދަތުރުގައި ބައިވެރިވެފަ އެވެ.
މީޑިއާ ރެގިއުލޭޓު ކުރާ އިދާރާއެއްގެ މެމްބަރެއްގެ ގޮތުގައި ހުރެ، ޝާފިއުގެ ފަރާތުން ފެނުނު މި އަމަލަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެކަމަކަށް ނުވާތީ ”ވަގުތު“ އިން ވަނީ އޭނާ މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. އަދި އޭނާ މެމްބަރުކަމުން އިސްތިއުފާ ދޭން ދެކޮޅު ހަދާނަމަ މެމްބަރުކަމުން ވަކި ކުރުމަށް ކައުންސިލުގެ މެމްބަރުންނަށް ގޮވާލާކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން ވަގުތުއިން ބުނެފައި ވަނީ، އެ ނޫހުގެ މުވައްޒަފަށް ފުރައްސާރަކޮށް މެސެޖު ކުރަމުން ދިޔަ މައްސަލަ ފުލުހަށް ވެސް ހުށަހަޅާނެ ކަމަށެވެ.
މި ބަޔާނާއި ގުޅިގެން ޝާފިއުގެ ބަހެއް ހޯދުމަށް ބައެއް މީޑިއާތަކުން މަސައްކަތްކޮށް، އެނާއާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެކަމާއި ގުޅޭގޮތުން އޭނާގެ ކޮމެންޓެއް ނެތް ކަމަށެވެ.
އެމްއެމްސީއަށް މިފަދަ އެއްވެސް މައްސަލައެއް ރަސްމީކޮށް ލިބިފައިވޭތޯ ސާފު ކުރުމަށް، ގުޅާލުމުން ކައުންސިލުގެ ރައީސް ޝަފާއު ހަސަން ވިދާޅުވީ އެނާ މިއަދުގެ 03:00 އާއި ހަމައަށް ހުންނެވީ އޮފީހުގައި ކަމަށެވެ. އަދި އެ ވަގުތާއި ހަމައަށް އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ޝަފާއު ވިދާޅުވީ އޭގެ ފަހުން އެފަދަ މައްސަލައެއް، ނުވަތަ ސިޓީއެއް ލިބިފައި ވާނަމަ އެކަން މާދަމާ އެނގޭނެ ކަމަށެވެ.
މިފަދަ ތުހުމަތެއް ކުރެވުމަކީ ސީރިއަސް މައްސަލައެއްކަން ފާހަގަކުރައްވައި، ޝަފާއު ވިދާޅުވީ ކައުންސިލަށް މައްސަލަ ލިބިއްޖެ ނަމަ ބަލާނެ ކަމަށެވެ. އަދި އެމްއެމްސީގައި ވަގުތުގެ މެމްބަރެއް ވެސް ހިމެނޭތީ، އޭނާއަށް ވެސް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝަފާއު ވިދާޅުވި އެވެ. އަދި އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީކަން އޭނާ ދެއްވި އެވެ.

