ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫން، ރާއްޖެއިން ދޫދިނުމަކީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއިން ޗާގޯސްއަކީ އެގައުމުގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ވަކާލާތުކުރި ނަމަވެސް ޗާގޯސްއަކީ މޮރިޝަސްގެތަނެއް ނޫން ކަމަށާއި ރާއްޖެއިން މި މައްސަލައިގައި ދޫދިނުމުން އެ ދޫކޮށްލެވެނީ ރާއްޖޭގެ ކަނޑުން ބައެއް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައިގައި ގާނޫނުއަސާސީއާއި ހިލާފަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އަމަލު ކުރައްވާފައިވާ ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައާއި ބެހޭގޮތުން ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ ޗާގޯސްއަކީ މޮރިޝަންގެ ތަނެއްކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރުމަކީ ދިވެހިރާއްޖެއިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށާއި އެއީ މޮރިޝަސްގެ ސިޔާދަތީބާރުވެސް ހިނގާތަނެއް ނޫންކަމަށެވެ.

ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން 2019 ގައި އައިސީޖޭ އިން ނިންމި ނިންމުމަށް ރާއްޖޭން މީގެ ކުރިން އދ. ގައި އައީ ދެކޮޅުހަދަމުންނެވެ. އެކަމަކު މިހާރު ވަނީ އދ.ގައި މި މައްސަލާގައި އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ހާމަކޮށްފަ އެވެ. މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ވޯޓުލާން ނިންމައި، އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އެންގެވިކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ހާމަކުރައްވައިފަ އެވެ.

ޗާގޯސްގެ މައްސަލައިގައި އައިސީޖޭ އިން ފެބްރުއަރީ 2019 ގައި، އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ކަނޑައެޅި އެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި މެއި 22، 2019 ގައި ފާސްކުރި އެވެ. އެ ގަރާރު ނެރެފައިވަނީ 116 ގައުމެއްގެ ތާއިދާއެކުގައި ކަމާއި އެކަމަކު ރާއްޖެއިން އެއާ ދެކޮޅަށް ވޯޓް ދިނީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ރާއްޖޭން ސީއެލްސީއެސް އަށް ޖުލައި 26، 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން ދެކޮޅުހަދައި، މާޗް 24، 2011 ގައި ”ފޯމަލް ޕްރޮޓެސްޓް“ ހުށަހެޅުމުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޗާގޯސްގެ މައްސަލައިގައި ދިވެހިރާއްޖެއިން މީގެކުރިން ގެންގުޅުނު “ސްޓޭންޑް” ބަދަލުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ޙަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާ ގުޅުވައިގެން އދ ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުންއައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ގެންނާނެ ނުވަތަ އަންނާނެ ކަމެއް ނޫން ކަމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: