ހަމަހަމަކަން ނުވަތަ އީކުއާލިޓީއަކީ ކޮންމެހެންވެސް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރަނީ އެ ހަމަހަމަކަން ނެތިއްޖެނަމަ ބައެއްގެ ހައްގުތަށް ގެއްލިގެންދާތީއެވެ. އިންސާފުގެ މަގުން ކަންކަން ބޭރުވެ، އެއް ބަޔަކު އެމީހުންގެ ނަފްސުގެ ގާބިލުކަމާއިމެދު ސުވާލުއުފައްދާ، ހާސްކަމެއްގެ ތެރެއަށް ދާތީއެވެ. ތަފާތުކުރުންތަކުގެ ސަބަބުން އެއް ބަޔަކަށް ފުރުސަތުތަކެއް ގެއްލި، އަނެއް ބައެއްގެ ބޮލުގައި ނުނެގޭވަރުގެ ޒިންމާތަކެއް އެޅިގެންދާތީއެވެ. އެކަމެއްގެ ސަބަބުން އެތައް ބައެއްގެ މަސްލަހަތަށް ބުރޫ އަރާތީއެވެ.
ގާނޫނުގައި ”ތަފާތުކުރުން“ ކަމުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަމެއްގެ މައްޗަށް ބިނާކޮށް ސިޔާސީ، އިގްތިސާދީ، އިޖްތިމާއީ، ސަގާފީ އަދި މަދަނީ ނުވަތަ އެނޫންވެސް ރޮނގަކުން އެއްވެސް މީހެއްގެ އިންސާނީ ހައްގަކާއި އަސާސީ މިނިވަންކަން އެހެން މީހުންނާ އެއްހަމައެއްގައި ލިބިގަނެ އެ ހައްގުތަކުގެ ބޭނުންހިފުން ނައްތާލުމުގެ ނުވަތަ ހުރަސްއެޅުމުގެ މަގްސަދުގައި ނުވަތަ އެފަދަ އަސަރެއް ފޯރާފަދަ ގޮތެއްގައި ކުރެވޭ ތަފާތުކުރުމެއް، ބާކީކުރުމެއް ނުވަތަ އެކަހެރިކުރުމެއް ނުވަތަ މަނާކުރުމަށެވެ. އޭގެ ތެރޭގައި އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދިނުމަށް އިންކާރުކުރެވޭ ކުރެވުންވެސް ހިމެނެއެވެ.
ތަފާތުކުރުން އޮންނަނީ ހަމައެކަނި ޖިންސީ ތަފާތުކުރުމުގައިއެއް ނޫނެވެ. ނަސްލީ ތަފާތުކުރުންތަކާއި، ފަގީރުންނާއި މުއްސަދިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ އިތުރުން އުމުރުގެ ގޮތުން ގެންގުޅޭ ތަފާތުކުރުންވެސް ފާހަގަކުރެވެއެވެ. އަދި އެމީހަކު ނިސަބަތްވާ ގައުމެއް ނުވަތަ ރަށެއްގެ ސަބަބުންވެސް ދެކޭ ގޮތް ބަދަލުވެއެެވެ.
ހަމުގެ ކުލައާއިމެދު އަދިވެސް ގިނަ ބަޔަކު ކަންބޮޑުވަނީ ހަގީގަތުގައި މުޖުތަމައު އެކަމަށް ފުރިހަމައަށް ހޭލުންތެރިނުވާތީއެވެ. ހަމުގެ ކުލަ އަލި މީހުންނަށް އެދެވޭ ސަމާލުކަމާއި، އަހައްމިއްޔަތުކަން ހަމުގެ ކުލަ އަދިރި ނުވަތަ ކަޅު މީހުންނަށް ދެވޭ މަންޒަރެއްނުފެނެއެވެ. ނަމަވެސް ތަފާތުކުރުންތަކެއް ގެންގުޅޭތީ ފާހަގަވެއެވެ. ކަޅު ނަސްލުގެ މީހަކައްވީތީ، ދުނިޔޭގެ ބައެއް ހިސާބުތަކުން އެމީހަކު ބަލައެއް ނުގަނެއެވެ. އެކި ގޮތްގޮތުން ތަފާތުކުރުން ގެންގުޅެއެވެ. މިހެންވުމުން ބޭނުންނެތް ކަންކަމަށް ނަފްސު އެދި ގޮވާތީ، އެކަންކަން ހާސިލުކޮށް ފުރިހަމަކުރުމަށް ކުރެވޭ ކަންތައްތަކުގެ ސަބަބުން ތިމާގެ ސިއްހަތައް ގެއްލުންލިބޭ ފަހަރުވެސް މަދެއްނޫނެވެ. މިފަދަ ތަފާތުކުރުންތަކުގެ ސަބަބުން އެމީހާ ނަފްސާނީ އަދި ޖިސްމާނީގޮތުން ބަލިކަށިވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ނަސްލީ ތަފާތުކުރުން ތަޖުރިބާކުރަން ޖެހޭ މީހުންނަށް ގިނަ ދުވަހަށް އެކަމުގެ ނުބައި އަސަރު ތަހައްމަލުކުރަންޖެހެއެވެ.
ރާއްޖެއަށް ބަލައިފިނަމަ ސުކޫލުތަކުގައި ކުދިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމުގެ ވާހަކައަކީ އާންމު ވާހަކައެކެވެ. ދެކޮޅު ހެދި ނަމަވެސް މޮޅަށް ކިޔަވާ ދަރިވަރަށް ގިނަ ފުރުސަތު ފަހިވެގެންދެއެވެ. އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންނަށް މާ ބޮޑު އަޅާލުމެއް ދެވޭ މަންޒަރެއްނުފެނެއެވެ. ހަމަހަމަކަމާއިއެކު އުނގެނުމުގެ ފުރުސަތާއި، މިކަންކަމަކީ ކޮންމެ ކުއްޖަކަށްވެސް ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތައްކަމުގައިވީ ނަމަވެސް މިއަދު ކުދިންގެ އޮންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ހަމަހަމަކަމާއި އިންސާފާއިއެކު ފުރުސަތުތައް ފަހިވެފައިނެތުމެވެ. ފުރުސަތުތައް ފަހިކޮށްދިނުމުގައި ނުވަތަ ކުދިންނާއި މުއާމަލާތުކުރުމުގައި ބަލަނީ އެކުއްޖެއްގެ އާއިލާގެ ފެންވަރަށޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ބައްޕަ ހުރީ ސަރުކާރުގެ ބަސް ވިކޭ ވަޒީއެއްކަމުގައިވެފައި، މަންމައަކީ މުއްސަދި އާއިލާއަކަށް ނިސްބަތްވާ މީހަކަށްވާތީ އެކުއްޖާއަށް އިތުރަށް ސަމާލުކަންދެއެެވެ. އުނގައްނައިދިނުމުގައިވެސް އިސްކަންދެއެވެ.
ޖިންސީ ތަފާތުކުރުމަކީ ދުނިޔެ ފެށުނީއްސުރެވެސް އޮތް ކަންކަމެވެ. އަންހެނަކަށްވީތީވެ އެއީ ވަކި ކަހަލަ ކަންތައްތަކެއް ކުރަންޖެހޭ އަދި ވަކި ކަހަލަ ކަންތައްތަކެއް ނުކުރެވޭނެ މީހެއްކަމުގައި ކަނޑައަޅައެވެ. އަދި އަންހެނުންނަކީ ގޭތެރޭގެ މަސައްކަތްކުރާ، ހެދުން ދޮވެ، އިސްތިރިކުރާ ބައެއްގެ ގޮތުގައި ލޭބަލްކުރެއެވެ. އަންހެނަކު ބޭރުތެރޭގައި ހަރަކާތްތެރިވެ، މުޖުތަމައު ކަންކަންމުގައި އަޑުއުފުލާ އުޅޭނީނަމަ އެމީހަކަށް އޭގެ އަސަރުކުރާފަދަ ވާހަކަތައް އަމާޒުކުރެއެވެ. އަންހެނަކަށްވީތީ ނުވާނެކަމަށް ނުވަތަ އެކަމުގެ ހުނަރު ނެތްކަމަށް ބުނެއެވެ. ފިރިހެނުންނަކީ އަންހެނުުންނަށްވުރެ ކުޅަދާނަ ގާބިލު ބައެއްގެ ގޮތުގައި ކަނޑައަޅާ، އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ހަނިވެފައިވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެކަހެރިކޮށް، އެކުދިންނަކީ މުޖުތަމައުގައި ބޭނުމެއްނެތް، އާންމުންނާއިއެކު ނޫޅެވޭނެ ބައެއްގެ ގޮތުގައި އިހުސާސްކޮށްދެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ މެދު ހުރި ތަފާތުކުރުންތަކާއި ގޮންޖެހުންތައް ނައްތާލައި، އެ މީހުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަކީ ވެރިކަމަށް އައުމަށް ވާދަކުރައްވާ ކޮންމެ ބޭފުޅެއްގެވެސް އިސް ވައުދެކެވެ. އެ މަގުން މަސައްކަތްތަކެއްކޮށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، އެކުދިންނަކީ މުޖުތަމައުގައި އެހެން ފަރާތްތަކެކޭވެސް އެއްގޮތަށް ހަރަކާތްތެރިވެވޭނެ ބައެއްގެ ގޮތުގައި ހެދުމަށްވެސް މަސައްކަތްތަކެއްކުރެއެވެ. ނަމަވެސް ގެންގުޅޭ ތަފާތުކުރުންތައް އެކުގައި ނައްތާނުލެވިވާކަން މިއީ މިއަދުވެސް ހަގީގަތެވެ.
މިފަދަ ކަންކަމުގެ ސަބަބުން ކުރާ އުއްމީދުތަކުގެ ހުޅުކޮޅު އަނދާ، ކަންކަމާއި ކުރިމަތިލުމުގެ ކެރުންތެރިކަން ގެއްލި ފަހަތައްޖެހެއެވެ. ތިމާއަށް އެވެނިކަމެއް މިވެނިކަމެއް ނުވާނެކަމަށް ގަބޫލުކުރެވެއެވެ. ކުރި އުއްމީދުތައް ދޫކޮށްލާ ހިސާބައް މީހާ ގޮތް ހުސްވަނީ ބަލާބެލުމަށް އެ ނިންމާ ނިންމުމެއްގެ ސަބަބުން އިސް ބޭފުޅަކު އަމާޒުކުރާ ވާހަކަތަކެއްގެ ސަބަބުންނެވެ.
ކުރީގެ ކަންތައްތަކަކަށްވީތީ، ބައެއް މައްސަލަތައް މިހާރު މައްސަލައަކަށްނުވެއެވެ. އެއީ ބޯދާ ޒަމާނުގެ ނުވަތަ މާކުރީ ޒަމާނެއްގެ ވާހަކަތަކެއްކަމަށް މީހުން ބުނެއެވެ. އަޅުގަނޑު އިސްވެ މި ފާހަގަކުރީވެސް ހަމަ އެފަދަ ގޮތަކަށް މީހުން ރައްދުދީ އުޅޭ މައްސަލަތަކެކެވެ. އެއީ 1900 ގެ އަހަރުތަކުގައި ގަބޫލުކޮށް އުޅުން ގޮތެއްކަމަށް ބުނެއެވެ. ބުއްޏެއްކަމަކު ކަން އޮތީ އެހެނެއްނޫނެވެ. މިފަދަ ކަންކަމަކީ އެކަމަކަށްޓަކައި މުޅި މުޖުތަމައު އެކީ ހޭލުތެރިކުރުވަން ޖެހޭ ކަންތައްތަކެކެވެ. އެއީ ”ކަޓު“ ވިސްނުމެއްކަން ނޭގުން އެއީ ”ކޫލް“ ކަމެއް ނޫންކަން އެގެން އެބަޖެހެއެވެ. ތިމާއަށް މީހަކު ހިތްހަމަ ނުޖެހޭ ބަހެއް އަމާޒުކޮށްފިނަމަ އެކަމާއި ދެކޮޅަށް ބަސް ބުނުމަކީ ގޯހެއް ނޫންކަމަށް ގަބޫލުކޮށް، އަމިއްލަ ނަފްސުގެ ދިފާއުގައި ތެދުވާން ދަސްކުރަންޖެހެއެވެ.

