ދިވެހިރާއްޖޭގެ ހާރިޖީ އިސްތިގުލާލީ ސިޔާސަތަކީ ރައީސުލްޖުމުހޫރިއްޔާގެ އަމިއްލަފުޅު އިހްތިޔާރުގައި އޮންނަކަމެއް ނޫންކަމަށާއި، ގާނޫނުއަސާސީގައި އެކަން ބަޔާންކޮށްފައި އޮންނާނެކަމަށް ކުރީގެ ރައީސް އަދި އިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ގޮތުގައި ކަނޑައެޅުމަށް އެ ގައުމުން އދގެ އާންމު މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގައި، ރާއްޖެއިން އެ ގައުމާއި އެއްކޮޅަށް ވޯޓުދިނުމަށް ނިންމުމާއިއެކު، އުފެދިފައިވާ މައްސަލައިގައި، މަޖިލީހުގެ ތަޅުމުގައިވެސް ހޫނު ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި ”ސަންގު“ އިން މި މައްސަލައިގައި ރައީސް ޔާމީންއާއި ސުވާލު ކުރުމުން ދެއްވި ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ހާމަކުރަމުން ގެންދަނީ، އެ މައްސަލައިގައި އެމަނިކުފާނު ދެކިލައްވާ ގޮތްކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޗާގޯސްވަނީ މޮރިޝަސްއަށް ވިއްކާލާފައިކަމަށެވެ. އަދި އެކަމާއި މެދު ޝައްކެއްވެސް ނެތްކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
”ޗާގޯސް މައްސަލައިގައި އަޅުގަނޑު ދެކޭގޮތް، ޕީޕީއެމްގެ މެމްބަރުން އެގެންދަވަނީ މަޖިލީހުގައި ހާމަކުރައްވަމުން، ޝައްކެއްވެސް ނެތް(މޮރިޝަސްއަށް ޗާގޮސް) ވިއްކާލީ ހަމަ، މިއީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން“ ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ، ޗާގޯސް މޮރިޝަސްއަށް ވިއްކާލައިފައިވުން، ދިވެހި ރައްޔިތުން ބަލައިނުގަންނާނެކަމަށެވެ. އަދި އދގެ އާންމު މަޖިލީހުގެ ރައީސްގެ މާގާމުގައި ދާދި ފަހާއި ޖެހެންދެން ހުންނެވި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މި މައްސަލައިގައި ބަހެއް ވިދާޅުވެފައިނުވާކަމަށް އިޝާރާތްކުރައްވާ، އެގޮތަށް އެނާ އަމަލުކުރައްވާ ސަބަބާއިމެދު ރައީސް ޔާމިންވަނީ ސުވާލު އުފައްދަވާފައެވެ.
”ރާއްޖޭގެ ހާރިޖީ އިސްތިގުލާލީ ސިޔާސަތު އޮންނާނީ ގާނޫނު އަސާސީގައި ކަނޑައަޅާ ބަޔާންކޮށްފައި، އެއީ ރައީސުލްޖުމުހޫރިއްޔާގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ނޫން، ރާއްޖޭގެ ޓެރިޓޮރީއިން ބައެއް ދޫކޮށްލުން، އެކަން އެހެން ގޮތަކަށް ބަދަލުކުރުމުގެ ބާރުވެސް އޮންނާނީ ރައްޔިތުންގެ މަޖިލީހަށް“ ރައީސް ޔާމީން
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހާރިޖީ އިސްތިގުލާލީ ސިޔާސަތަކީ ގާނޫނު އަސާސީގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާގެ މަގާމާއި ހާވާލުވެ ހުންނެވި ބޭފުޅަކަށްވެސް އެކަމުގައި އަމިއްލަ އިހުތިޔާރެއް ނޯންނާނެކަމަށާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ލިބިގެންވާނީ ރައްޔިތުންގެ މަޖިލީހަށްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.
ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަން ފާހަގަކުރެވެ އެވެ. ނަމަވެސް ގިނަ ބަޔަކު، ދަނީ މިކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ވާނެކަމަށް ބުނަމުންނެވެ.


One Response
ކީއްވެތޯ ފޮރިންމިނިސްޓަރ އެއްޗެކޭ ވިދާޅު ނުވީ؟