ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ، ދިވެހިރާއްޖޭގެ ގައުމިއްޔާތަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ވައިރަސްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ސަރުކާރުންވަނީ މޮރިޝަސްއަށް ޗާގޮސް ވިއްކާލާފައިވާކަމަށް ބުނެ، ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް ފާހަގަކުރައްވާފައިވާއިރު، ޗާގޯސް މައްސަލައިގައި ނުރުހުން ފާޅުކުރައްވާ ޖަމީލު ވިދާޅުވީ، ރައީސް ސާލިހު އެ މައްސަލައިގައި އަމަލުކުރައްވަނީ ރާއްޖެއަށް ގެއްލުންވާގޮތަށްކަމަށެވެ. އަދި އެކަން ކުރައްވަނީ ގަސްތުގައިކަމަށް އެނާ ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ، ރައީސް ސާލިހުގެ އަނބިކަނބަލުންގެ ބައްޕާފުޅުން ފެށިގެން އާއިލީ ފަރާތްތަކުންވެސް ގައުމަށް ދީފައިވާ އަނިޔާ ފެންނަން އޮތްކަމަށެވެ. އަދި މިހާރު ފޮތިފޮތި ކުރުމަށް ފަހު، ރާއްޖޭގެ ސަރަހައްދުވެސް ވިއްކަން ފަށާފައިވާކަމަށާއި، އަދިވެސް މި ކޯލިޝަން ސަރުކާރާއި އެކު ތިބޭނީތޯ ޖަމީލު ވަނީ ސުވާލުކުރައްވާފައެވެ.
ފެންނަން މިއޮތީ އިބޫ ހިންގާފައިވާ ޖަރީމާ. މިއީ ރޭވިގެން ކޮށްފައިވާކަމެއް. އަމިއްލައަށް އެދިގެން މިއޮތީ ކޮށްފައި. ރައީސް ޞާލިޙަކީ ޤަޢުމިއްޔަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާތެރި ވައިރަސް. އެއީ މި ޖީލުގެ އަނދިރި އަނދިރިން. pic.twitter.com/Bki7oJlRm8
— Mohamed Jameel Ahmed (@MJameelAhmed) October 25, 2022
ޖަމީލު ވިދާޅުވީ، ރާއްޖެ އަދި މޮރިޝަސްގެ އިން ކަނޑައެޅުމަށް ނިންމާފައިވާ އުސޫލުތަކަށް ބަލާލުމުން، ރައީސް ސާލިހު ހިންގާފައިވާ ”ޖަރީމާ“ ހާމަވާކަމަށެވެ. އަދި މި ކަން ހިންގާފައިވަނީ ރާވައިގެންކަމަށާއި، ރާއްޖެއިން ބައެއް މޮރިޝަސް އަށް ދިނުމަށް އެދުނީ ރައީސް ސާލިހުގެ ސަރުކާރުންކަމަށާއި އެމަނިކުފާނަކީ ގައުމަށް ޖެހިފައިވާ އެންމެ ނުރައްކާތެރި ވައިރަސްކަމަށާއި، އެމަނިކުފާނަކީ މި ޖީލުގެ ”އަނދިރި އަނދިރިން“ ކަމަށްވެސް ޖަމީލު ސިފަކުރެއްވިއެވެ.

