ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން މަސްދަރު ހާމަކުރުން މަޖުބޫރުވާ ބިލްގެ ބަހުސް ފަށައިފި

ރައްޔިތުން މަޖިލީހުގެ ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް/ ފޮޓޯީ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިންގެ އެއްމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވާ ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު ސަރުކާރުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ފަށައިފިއެވެ.

ހެއްކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލްގެ ބަހުސް ފަށާފައިވާއިރު މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްއެވެ.

ވިސާމް ހުށަހެޅި ބިލުގައި މަސްދަރު ހާމަ ކުރަން ޖެހޭ ގޮތަށް އޮތް މާއްދާއަށް ގެނެސްފައިވާ ބަދަލުތައް:

  • މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނުގައި މާނަކޮށްދިނުން.
  • ކުރިން ގާނޫނުގައި އޮތް މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރަށް ދައުވާ ކުރާ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށް އޮތް އޮތުން ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި އެ ކަން ކަނޑައެޅުން.

މިޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގެ ޑްރާފްޓް އެކުލަވާލި އިރު ވެސް ނިންމީ މަސްދަރު ހާމަކުރަން ޖެހޭ މާއްދާ އުވާނުލަން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ އިސްލާހުގެ ބިލުގައި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ޙާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ހިމަނައިފައިވާ ކަމަށެވެ.

ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.

ހާއްސަ ހާލަތްތައް ހިމެނޭ ގޮތަށް މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހެއްކާބެހޭ ބިލު ފާސްކުރީ މިދިޔަ ޖޫން މަހުއެވެ. އަދި އެ ބިލު ތަސްދީގު ނުކުރާން ގޮވާލައިފައި އޮއްވާ ބިލު އޮތީ ތަސްދީގު ވެސް ކުރައްވައިފައެވެ. ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު މި ބިލަށް އިޞްލާހު ގެންނާނެކަމުގެ ޔަޤީންކަން  ރައީސް ޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްވިއެވެ.

ހެއްކާއި ބެހޭ ގާނޫނުގައި 151 މާއްދާ ހިމެނޭއިރު، އޭގެ ތެރޭގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވިގެންވާ ގޮތްތަކާއި އަދި ހެކި ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައި ވެއެވެ. މި ގާނޫނުގައި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރަން ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާ އާއި ގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

މި މާއްދާތަކުގެ ތެރެއިން ނޫސްވެރިން ޚަބަރުތަކާއި، ރިޕޯޓުތައް ގެނެސްދޭއިރު މައުލޫމާތުތައް ހޯދާ މަސްދަރުރައް ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހިމަނާފައިވަނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. 136 ވަނަ މާއްދާގައި ބުނެފައި ވަނީ  މަސްދަރު ހާމަ ކުރުމުގެ ސަބަބުން، އެމީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އަދި މަސްދަރު ހާމަކުރަން ނޫސްވެރިޔާއަށާއި، ނޫސްވެރިޔާ މަސައްކަތްކުރާ މީޑިއާގެ އިސްވެރިންނަށް ވެސް މަޖުބޫރު ކުރުމުގެ އިހުތިޔާރާއި ބާރު ފަނޑިޔާރުންނަށް ލިބިދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: