ތިމާވެށީގެ ޤާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ޖުމްލަ 79 ސަރަޙައްދުގެ ތެރެއިން، ރާއްޖޭގެ ކޮރަލް ރީފް ސަރަޙައްދުގެ 13 އިންސައްތައަށްވުރެ ގިނަ ސަރަޙައްދު މިހާތަނަށް ހިމާޔަތް ކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަރުތަކާއި ގުޅޭގޮތުން ކުރި ދިރާސާގެ ހޯދުންތައް އާއްމުކުރުމަށް ބޭއްވި ޕަބްލިޝް ރެޑް ލިސްޓް ކޮރަލް އެސެސްމެންޓް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވުން ޝައުނާ ވިދާޅުވީ ރާއްޖޭގެ ފަރުތަކާއި ގުޅިގެން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ހާމަވެފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަކީ، ޤައުމުގެ ޙިމާޔަތުގައި މިހާރަށްވުރެ ރަނގަޅު އަދި ހެޔޮ އަސަރެއް ކުރުމަށް ސާބިތުކަމާއެކު މަސައްކަތްކުރާ މިނިސްޓްރީއެއް ކަމަށާއި އެގޮތުން އަޅުގަނޑުމެންގެ އޭރިއާ ބޭސްޑް ކޮންޒަވޭޝަން ޓާގެޓްތަކުގައި، މިނިސްޓްރީ އިން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ކަމަށް ޝައުނާ ވިދާޅުވިއެވެ
1840 ވަނަ އަހަރު ޗާލްސް ޑާވިން ވަނީ ރާއްޖޭގެ ފަރުތަކާ ބެހޭ ގޮތުން ރާއްޖެއިން އެންމެ ފުރަތަމަ ރިޕޯޓުކުރި ދިރާސާ ފުރިހަމަކުރައްވާފައެވެ. ރާއްޖޭގެ މުރަކަ ފަރުތަކަކީ ދުނިޔޭގެ ރީފް ސަރަހައްދުގެ 3.14% އިންސައްތަ ތަމްސީލުކުރާ ފަރުތަކެއްކަން ހާމަކޮށްދޭކަން ދިރާސާތަކުން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ 2041 ތަފާތު މުރަކަ ފަރުތައް އެބަހުރި ކަމަށާއި އަދި މަދުވެގެން 258 ސްޓޯނީ މުރަކައިގެ ބާވަތްތައްވެސް އެބަހުރި ކަމަށާއި މީގެ ތެރެއިން 57 ނިސްބަތްވަނީ ޖެނެރާއަށް ކަމަށް ޝައުނާ ވިދާޅުވިއެވެ.
މައިކްރޯއޯރްގާނިޒަމްތަކުން ފެށިގެން އެޕެކްސް ޕްރެޑެޓާރސް ހަމައަށް، އެތައް ހާސް ބާވަތެއް ރާއްޖޭގެ ކޮރަލް ރީފް އިކޯސިސްޓަމަށް ބަރޯސާވާ ކަމަށް ޝައުނާގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.
ރާއްޖޭގައި މުރަކަތައް ނެތިދިއުމުގެ ނުރައްކާ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މުރަކަތަކުގެ މުހިއްމުކަމާއި ރާއްޖެއަކީ ދުނިޔޭގެ ބަޔޯޑައިވަރސިޓީއަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ޤައުމަށްވެފައި އަދި މުރަކައަކީ ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު ވަސީލަތެއްކަން ފާހަގަކުރެވޭ ކަމަށާއި ކޮރަލް ރީފް އިކޯސިސްޓަމަކީ ދިވެހިންގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.
މުރަކައަކީ ރާއްޖޭގެ ކްލައިމެޓް ރެގިއުލޭޝަން، ސްޓޯމް ބަފަރިންގ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އިތުރުން، ތިމާވެށީގެ ނިޒާމުގެ އެހެނިހެން ގިނަ ޚިދުމަތްތަކުގައި އިންސާނުންނަށް ވަޒަންވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ޝައުނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ކުދި ޖަޒީރާ ރަށްވެހިންނަށް، މުރަކަ ފަރުތަކަކީ، ތޫފާން، ސުނާމީ، އަދި ގޮނޑުދޮށް ގިރުން ފަދަ ގުދުރަތީ ކާރިސާތަކުން ދިފާއުވުމުގެ ފުރަތަމަ ސަފު، އެއީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް އިކޯސިސްޓަމް ބޭސްޑް އެޑަޕްޓޭޝަންގެ މުހިންމު ބައެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.
އެސެސްކޮށްފައިވާ 39 ބާވަތެއްގެ ތެރެއިން ލިބިފައިވާ ނަތީޖާއިން އެނގެނީ ރާއްޖޭގައި މުރަކަތައް ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން 23 ބާވަތަކީ ކްރިޓިކަލީ އެންޑޭންޖާޑް، 6 އެންޑޭންޖާޑް، 7 ވަލްނަރަބަލް އަދި 3 ބާވަތެއް ނުރައްކަލަށް ހުށަހެޅިފައިވާ ބާވަތްތައް ކަމަށް ވަނީ ބެލެވިފައެވެ. މީ ނަތީޖައިން އިނގިފައިވަނީ 36 ބާވަތް ވަނީ ގެއްލުމުގެ ނުރައްކަލުގައިކަ ކަމަށާއި، އެކަމަކީ އުފާވެރި ޚަބަރެއް ނޫން ނަމަވެސް،އުއްމީދު ކަނޑައިނުލާ މުސްތަޤަބަލަށް ޓަކައި، މި ބާވަތްތައް ހިމާޔަތްކުރުމުގެ މަސަކަތްތައް އަދި ކޮންޒަވޭޝަން ޕްލޭނިންގް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.
މުރަކަ ދިރުވައި އާލަކޮށްދިނުމަށް، ގުދުރަތީ ކެޕިޓަލް އެކައުންޓިންގ ފަދަ އެހެނިހެން މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައިގެން އެކި މަޝްރޫޢުތައް ރާވައި، މިހާރުވެސް ހިންގަމުންގެންދާ ކަން ފާހަގަކުރައްވައި އުއްމީދަކީ އެހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށްވެގެންދާނީ މުރަކައިގެ ބާވަތްތައް މިހާރަށްވުރެ ރަނގަޅު ޙާލަތަކަށްދިޔުން ކަމަށް ޝައުނާ ވިދާޅުވިއެވެ،
މި ދިރާސަތަކުގެ ނަތީޖާއިން ޖަމްޢިއްޔާތަކަށާއި، ރާއްޖޭގެ ރަށްވެހިންނަށާއި، ޒިޔާރަތްކުރާ ފަރާތްތަކުގެ ކިބައިން މި ހައިރާންކުރުވަނިވި ބާވަތްތައް ޙިމާޔަތްކުރުމުގައި އެފަރާތް ތަކުގެ ދައުރު އަދާކުރެއްވުމަށް ޝައުނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން މުރަކަ ފަރުތަކަކީ ދުނިޔޭގައި އެންމެ ނުރައްކަލަށް ހުށަހެޅިފައިވާ ތިމާވެށީގެ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށާއި އެ ނުރައްކާތަކަކީ ހަމައެކަނި ރާއްޖެއަށް އެކަނި އޮތް ނުރައްކަލެއް ނޫންކަން ވެސް ފާހަގަކޮށް، ރާއްޖެއަކީ މޫސުމާއި ގުދުރަތީ ފިޔަވަޅުތައް ހިމެނޭ މި ތިމާވެށީގެ ނިޒާމުތަކަށް ފައިދާވާ ގޮތަށް ބައިނަލްއަގްވާމީ ފިޔަވަޅުތައް އެޅުމަށް ވަކާލާތު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގައުމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި، ގްލޯބަލް އޯޝަން އެލަޔަންސް އާއި ހައި އެމްބިޝަން ކޯލިޝަން ފޯ ނޭޗާ އެންޑް ޕީޕަލްގެ މެމްބަރެއްގެ ހައިސިއްޔަތުން 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެއްގަމާއި ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ދުނިޔޭގެ 30 ބައި30 ގެ އަމާޒަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.
މިއަދު ޝާއިޢުކުރެވިފައިވާ މުރަކަ އެސެސްމަންޓްތަކުގެ އިތުރުން، ރާއްޖެއިން ވެލާގެ ހުރިހާ ބާވަތުގެ އެސެސްމަންޓްތައްވެސް އަޅުގަނޑުމެން ވަނީ ޝާއިޢުކޮށްފައި ކަމަށާއި އެހެންކަމުން، ރެޑް ލިސްޓް ޓެކްސްނޯމިކް ގްރޫޕްތަކަށް މަސަކަތް ފުޅާކުރުމުގެ ޕްލާން ވެސް އެބައޮތްކަން ޝައުނާގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.
މިއަދު ނެރުނު ރިޕޯޓަކީ ރާއްޖެއިން ފެންނަ ތަފާތު ބާވަތްތަކަށް އޮތް ނުރައްކާ ދެނެގަތުމުގެގޮތުން ޕްލޭން ކޮށްފައިވާ ކަމެއް ކަމަށާއި އުއްމީދަކީ، މިނިސްޓްރީން ކުރާ ރެޑް ލިސްޓްގެ މަސައްކަތުން އިތުރު ދިރާސާތަކަށް ހިތްވަރު ލިބި، އެންމެ ފަހުގެ ސައިންސްގެ ސިޔާސަތުތަށް ރާއްޖެއިން ކަނޑައެޅުމަށް ލިބެން ހުންނާނެ ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.

