ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން ފެނިގެންދަނީ ދެގެރި ތަޅާތަން

ޝެއާރކޮށްލާ ކަހަލަދޯ؟

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރެވުނީ އެމްޑީޕީ އިން ތަފާތުވާނެ ކަމަށް ބުނަމުންނެވެ.

އެޖެންޑާ 19 ތަފާތުވާނެ ކަމަށް ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން މަޖިލިސް ކެމްޕޭންގައި ބުނަމުން ގެންދިޔައެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމާއި އަދުލު އިންސާފު ގާއިމްކުރުމާއި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ވާހަކަތަކާއިއެކު ރައްޔިތުން އެމްޑީޕީގެ ސަޅި ބައިސާ ވާހަކަތަކުގެ އަވައިގައިޖެހި މަޖިލީހުގެ ސުޕަރ  މެޖޯރިޓީ ދިނެވެ. އެގޮތުން 65 މެމްބަރުން އެމްޑީޕީ އިން އެކަނި މަޖިލީހަށް 2019 ވަނަ އަހަރު އިންތިހާބު ކުރެވުނެވެ.

ނަމަވެސް ދައުރު ފެށިގެން މެދާ ހަމައަށް ނުދެވެނީސް މަންޒަރާއި ރާގު ބަދަލުވެ މިތުރުން ހަތުރުންނަށް ވީތަން ފެނިގެން ދިޔައެވެ. މަޖިލީހުގައި ތަމްސީލު ވެގެންދަނީ ބާރުގަދަ މީހާގެ ބާރު ދައްކާލަން އުޅޭ މަންޒަރެވެ. ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަން މަޖިލީހުގެ ތެރޭގައި ފެނިގެން ދިޔައެވެ.

ރައީސް ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންނަށް ރައީސް ސާލިހަށް ތާއީދު ކުރާ މެމްބަރުންނަށް ކުރެވޭ ރަނގަޅު އެއްވެސް ކަމެއް ނޯވެއެވެ.

އެމްޑީޕީގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ހިޔާލުތަފާތުވުންތައް ހައްލު ކުރުމަށް މަޝްވަރާ ކުރާ ތަނަކަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ވެގެން ދިޔައީ ރައްޔިތުންގެ ގިނަ ބަޔަކު އެކަމަށް ނަފުރަތު ކުރާ ހާލުގައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް މެމްބަރުންނަށް ވަގަށް ގޮވުމާއި މެމްބަރުން ބޮލުގައި އެކި ބާވަތުގެ ތުހުމަތު އެޅުވުމާއި އެފަދަ އެތަކެއް ކަމެއް ހިނގާފައިވެއެވެ. އެމްޑީޕީ އިން ޗެއަރޕާސަން އެއް ހޮވުމަށް ބޭއްވުނު އިންތިހާބުގައި  ފެނިގެން ދިޔައީ ނުފޫޒާއި އާރާއި ބާރެވެ.

ޗެއަރޕާސަން އިންތިހާބުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ސާލިހު ތާއީދު ކުރައްވާ ކެންޑިޑޭޓް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކެމްޕޭން ކުރަމުން ދާ ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ތުހުމަތު ކުރިއެވެ. އޭގެ ރައްދުގައި ފައްޔާޒް އަށް ތާއީދު ކުރާ މެމްބަރުން އެވާހަކަ ދޮގުކޮށް އެމީހުން ކުރަމުން ގެންދަނީ ސާފުތާހިރު ކެމްޕޭނެއް ކަމުގައި ބުނަމުން ގެންދިޔައެވެ.

މީގެ އިތުރުން މަޖިލިސް މެމްބަރުންގެ ޒާތީ ވާހަކަތަކެއް އެދުވަސްވަރު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ދެކެވި އެވާހަކަ ތައް މަޖިލީހުގެ ތަޅުމުގައި ދެކެވުނެވެ. އެގޮތުން މެމްބަރުން ރާބޯ ވާހަކަ އާއި ޒިނޭ ކުރާ ވާހަކަ އެމްޑީޕީގެ އިންތިހާބުގައި ދެކެވުނެވެ.

ފޯރިގަދަ ކެމްޕޭނަކަށް ފަހު ޗެއަރޕާސަން ކަމަށް ފައްޔާޒް އިންތިހާބު ކުރެވިގެން ދިޔައެވެ. އިންތިހާބުގެ ފަހުންވެސް ރައީސް ނަޝީދުގެ އަރިސް މެމްބަރުން ގެންދިޔައީ މަޖިލީހުގައި ރައީސް ސާލިހުގެ މެމްބަރުންނަށް ތަފާތު އެކި ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން ވައްކަމާއި ހިޔާނާތުގެ އަމަލު ހިންގާ ވާހަކަ އާއި އެކަމުގައި މަޖިލީހުގެ މެމްބަރުން ހިމެނޭ ވާހަކަ ދެކެވުނެވެ. އެވާހަކަތައް ފެނަކައިން ވަނީ ދޮގޮ ކޮށްފައެވެ.

ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން މަސައްކަތް ކުރަމުން ގެންދަނީ ރައީސް ސާލިހަށް ތާއީދު ކުރާ މެމްބަރުންގެ ކުށް ދެއްކުމަށެވެ. އެގޮތުން ވަޒީފާގެ ބިރު އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުން ދައްކާ ވާހަކަ ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ދައްކަވަމުން ގެންދެއެވެ.

މިދުވަސްވަރު މަޖިލީހުގައި ބަހުސް ކުރެވެމުން ގެންދަނީ ޓެކްސް ބޮޑުކުރުމުގެ ބިލުގެ މައްސަލައާއި ގުޅޭ ގޮތުންނެވެ.

ޓެކްސް ގެ މައްސަލައިގައި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ބުނަމުން ގެންދަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް އާއި ޓޫރިޒަމް ޓެކްސް ބޮޑުކުރުމަށް މިވަގުތަކީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. ހުދު ރައީސް ނަޝީދު ވެސް އެމައްސަލައިގައި ވަނީ ޓެކްސް ނެގުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް އެ މައްސަލައިގައި ރައީސް ސާލިހުގެ މެމްބަރުންގެ ހިޔާލު ތަފާތެވެ. އެ މެމްބަރުން ބުނަމުން ގެންދަނީ ގައުމުގެ އިގްތިސާދު ކޮޅަށް ޖެހޭނީ ޓެކްސް ބޮޑުކޮށްގެން ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ އެބިލު ބޭރުނުކުރުމަށް ތްރީ ލައިން ވިޕެެއް ނެރެފައެވެ. އަސްލަމްގެ އެނިންމުމަށް ރައީސް ނަޝީދުގެ މަޖިލިސް މެމްބަރުން ގެންދަވަނީ ފާޑުކިޔަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ކޮމިޓީތަކުގެ މަސައްކަތްތައް ހިތު ހުރި ގޮތަކަށް ގެންދާ ވާހަކަ އާއި މަޖިލިސް ރައީސް ގޭ ބަދިގޭ ގައި އުޅުއްވާހެން މަޖިލީހުގައި ނޫޅުއްވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ވިދާޅުވެފައެވެ. އޭގެ ރައްދުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ކަން ކުރައްވަމުން ގެންދަވަނީ ގާނޫނުގައި އޮތް ގޮތަށް ކަމަށާއި ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ނުގެންދަވާ ކަމަށެވެ.

ރޮޒެއިނާގެ ވާހަކަ އަށް ތާއީދު ކުރައްވައި ބައެއް އެހެން މެމްބަރުން ވެސް ބުނެފައިވަނީ ރައީސް ނަޝީދު މަޖިލީހުގެ ގަވާއިދާއި ހިލާފުވަމުން ދާ ކަމަށެވެ.

ރޮޒެއިނާ ވަނީ ރައީސް ނަޝީދަކީ މިހާތަނަށް އެންމެ ހުދުމުހުތާރު ކޮށް މަޖިލިސް ހިންގާ ރައީސް ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

މަޖިލީހުގައި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔައަށްވުރެ މަތިން ކަމަށް ވިދާޅުވާ މެމްބަރުން މަދެއް ނޫނެވެ. އަދި ރައީސް ނަޝީދުގެ ބަސްތަކުން މިންޖުވުމަށް ރައީސް ސާލިހު މަސައްކަތް ކުރާ މަންޒަރު ސިފަވެގެން ދާ އެތަކެއް ހާދިސާތައް މާޒީވެ ގޮސްފައި އެބަހުއްޓެވެ

އޭގެ އެއް މިސާލަކީ ރައީސް ނަޝީދު ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ވާހަކަ ތަފާތު އެކި މުނާސަބަތު ތަކުގައި ދެއްކެވުމެެވެ. އޭގެ ރައްދުގައި ރައީސް ސާލިހު ވެސް ވަނީ ރައީސް ނަޝީދަކީ ތަފާތު ވިސްނުމެއްގެ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު ކަށިން ހިތްވަރު ނެރެ ކުރި މަސައްކަތް ފަހުވަގުތު ހުއްޓާލަން ޖެހުނީ އެކަމަށް ރައީސް ސާލިހުގެ އެއްބާރުލުން ނުލިބުމުންނެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދު ޖެހުނީ ބަލި ގަބޫލު ކޮށް ރައީސް ސާލިހުގެ ބަސް އަހައި ކިޔަމަންވެ ބަރުލަމާނީ ނިޒާމުގެ އިސްލާހާ ދުރުވެލުމަށެވެ. މިހާތަނަށް ކުރެވުނު ހުރިހާ ހަނގުރާމަ ތަކަކުން ސިޔާސީ ގޮތުން ރައީސް ސާލިހުވަނީ ކާމިޔާބު ހޯއްދަވާފައެވެ. އެކަމަކީ ފެންނަން އޮތް ހަގީގަތެވެ. ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ތެރެއިން ފެންނަނީ ދެގެރި ތަޅާފަދަ މަންޒަރުތަކެވެ. މިއީ ބަޔަކަށްް ގަބޫލު ނުކުރެވުނަސް ހަމަ ހަގީގަތެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: