ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރު ކުރަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.
2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަރުފިޔާގެ ބަޖެޓާ އަޅާ ބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.
މި ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު، އޭގެ ތެރެއިން 341 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.
ބަޖެޓު ފޮތުގައި ބުނެފައިވާގޮތުން ނުކުޅެދޭ ފަރާތްތަކަށް ދޭ އެހީގެ ފައިސާ އާއި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެހީގެ ގޮތުގައި ދޭ ފައިސާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އެއް މިންވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަންނަ އަހަރަށް ފާސްކުރުމަށް މަޖިލީހަށް މިއަދު ހުށައެޅި ބަޖެޓުގައިވާގޮތުން މި ފަރާތްތަކަށް ކުރެވޭ ހޭދަ ހަ އިންސައްތަ 2023 ވަނަ އަހަރުގެ ބަޖެޓުގައި އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި އެލަވަންސް ބޮޑުކުރުމަށް ނިންމާފައިވަނީ އިޖުތިމާއި ދާއިރާގެ ދަފުތަރަށް ބަދަލުތައް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެލަވަންސްތައް ދެމުން އަންނަ ގޮތް ގިންތި ކުރެވިގެން ދޭ އުސޫލަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެކަމަށް ބަޖެޓް ފޮތުގައި ބުނެފައިވެއެވެ.
އިޖުތިމާއީ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ 3.91 މިލިއަން ރުފިޔާއިން، އުމުރުން ދުވަސްވީ ފަރާތްތަކަށާއި، ކުޑަކުދިންނާއި އާއިލީ ހިދުމަތުގެ އިތުރުން މުޖުތަމައުން އެކަހެރިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ހަމަޖެހިފައިވާކަމަށްވެސް ބަޖެޓު ފޮތުގައިވެއެވެ. މި ބައިތައް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައިވެސް ހުރީ ފާއިތުވެދިޔަ އަހަރުތަކައި ދާދި އެއްހަމައެއްގައެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އެލަވަންސް ދިނުމުގައި ގެނަށް ބަދަލާއިއެކު މި އެލަވަންސްތައް ދެމުން ގެންދާނީ އޭގެ އެންމެ ހައްގު ފަރާތްތަކަށް އެކަށޭނެ މިންވަރެއްގައިކަމަށެވެ. ނަމަވެސް އެލަވަންސްގެ ގޮތުގައި ވަކިވަކި މީހުންނަށް ދޭނެ ފައިސާގެ އަދަދު ބުނެފައެއްނުވެއެވެ.

