ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަތް މަހަށް އެއްޗެހި ނުގޮވާ ވަރަށް ގައުމުތަކަށް ފާޑުކިއުމުން ދާނީ ހަރާބުގެ މަގަށް: އަނދުން ހުސެއިން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަމީޟް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިސަރުކާރާއި ގުޅުން އޮންނަ ގައުމުތަކާއި ދިމާލަށް ރަތްމަހަށް ނުގޮވާ އެއްޗިހި ގޮވުމަކީ ހަރާބުގެ މަގަށް ހިނގައިދާނެ ކަމެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

އަނދުން ހުސެއިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަޔަކަށް ވިއްކާލި ވާހަކަ އާއި އަވައްޓެރި މޮރިޝަސް އިން ދިވެހިރާއްޖެއަށް ނިކަމެތި އަދި އިހާނާތްތެރި ގޮތްގޮތް ހަދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފޭރިގަންނަ ވާހަކަ މެމްބަރުން ދައްކާ ކަމަށެވެ.

އެފަދަ ވާހަކަތައް ދައްކާއިރުގައި އެކަމުގެ ހަގީގަތާއި އެކަމުން ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ވަކިން ހާއްސަ ކޮށް ދިވެހި މަސްވެރިންނަށް ވާ ފައިދާ އެއްވެސް ވަރަކަށް އިނގޭތޯ ވިދާޅުވެ އަނދުން ހުސެއިން ސުވާލު އުފެއްދެވިއެވެ.

އަނދުން ހުސައިންގެ ވާހަކަ މެދު ކަނޑާލައްވައި މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އަނދުން ހުސެއިން ފާހަގަ ކުރެއްވި ނުކުތާ ތަކާއި ގުޅިގެން އެކަން އޮތްގޮތް އިތުރަށް އެމަނިކުފާނު ފާހަގަކޮށްދޭނެ ކަން ހަނދާން ކޮށްދޭ ކަމަށެވެ.

”އެހެންވީމާ އިއްޒަތްތެރި މެމްބަރުގެ ނުކުތާ އަކީ ގޮތަކަށް ކެމަފްލާޖް ކުރެއްވުން ކަމަށް ފެނިވަޑައިގަންނަވާ ނަމަ އެ ޕްރޮޖެކްޓް މުޅިން ކާމިޔާބު ނުވާނެ ކަމަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން އެދެނީ.“ ރައީސް ނަޝީދު

ރައީސް ނަޝީދު އެހެން ވިދާޅުވުމުން އޭގެ ރައްދުގައި އަނދުން ހުސެއިން ވަނީ  ރައީސް ނަޝީދަށް ޝުކުރު ދަންނަވާ މަރުހަބާ ކިޔާފައެވެ.

“ އަޅުގަނޑު ކާމިޔާބު ނުވާނެ ޕްރޮޖެކްޓަކާއި އިއްޒަތްތެރި ރައީސް އާ ކުރިމަތިނުލާނެ ކަމުގެ ޔަގީންކަން އިއްޒަތްތެރި ރައީސް އަށް އަރުވަން. އަޅުގަނޑު ކުރިމަތިލައިފިއްޔާ އިރާދަކުރެއްވިއްޔާ އެކަމެއް ކާމިޔާބު ކުރާނަން“  އަނދުން ހުސެއިން

އަނދުން ހުސެއިން އެހެން ވިދާޅުވުމާއެކު ރައީސް ނަޝީދު ރައްދުގައި ވިދާޅުވީ ދިމާވެގެން އުޅޭ މައްސަލައަކީ ދިވެހި ދައުލަތުން، ދިވެހިރާއްޖޭގެ ސަރުކާރު ވަނީ މޮރިޝަސްގެ ސިޔާދަތު ޗާގޮސް ރަށްތަކުގެ މައްޗަށް އޮތްކަމަށް ގަބޫލުކޮށް ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ކަމަށާއި އޭގެ އިތުރުން ބަންޑާރަނައިބު ބައިނަލް އަގްވާމީ ޖަލްސާގައި ވިދާޅުވެފައި ކަމަށެވެ.

މިދެންނެވި ގޮތަށް މޮރިޝަސްގެ މައްޗަށް އިހްތިސާސް ނުވަތަ ސިޔާދަތީ ބާރު ބަދަލްވީމާ، ދެން ކަނޑުގެ ސަރަހައްދު ބަހަން މިޖެހެނީ ހަމަހަމައަށް. އެހެންވީމާ ފުށުއަރާ ބައި އިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން 45،000 އަކަ ކިލޯމީޓަރު ނުގެއްލި މިހާރު ދާނެ ގޮތެއް އަޅުގަނޑުމެންނަށް ކިޔައިދީފިއްޔާ އެއީ ވަރަށް ރަނގަޅު ގޮތެއް.  ރައީސް ނަޝީދު

އަނދުން ހުސެއިން ވިދާޅުވީ އޭނާ މަޖިލީހުގައި ސަރަހައްދުގެ ބޯޑަރާއި ގައުމުތަކުގެ ބައިބަޔާ ބެހޭ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަނދުން ހުސެއިންގެ ވާހަކަ އަނެއްކާ ވެސް މެދުކަނޑާލައްވައި ރައީސް ނަޝީދު ވިދާޅުވީ އަނެއްކާވެސް ހަނދާން ކޮށް އަރުވަންޖެހެނީ ޗާގޮސްގެ ރަށްތަކަކީ އެއްވެސް ގައުމެއްގެ ސަރަހައްދުގައި ހިމެނޭ ރަށްތަކެއްގެ ގޮތުގައި ބައިނަލްއަގްވާމީ އެއްވެސް ތަނެއްގައި ކަނޑައެޅިފައިނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ބޯޑަރާ ގުޅިފައި އޮތް ތަނެއް. އަޅުގަނޑުމީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ޖެހޭ މީހާ. ދިވެހިރާއްޖޭގެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ސަރަހައްދެއް. އަދި ދިވެހިރާއްޖޭގެ ގާނޫނުން ކަނޑައަޅާފައިވާ ސަރަހައްދެއް. އަޅުގަނޑު މިކަން އަބަދުމެ ފާހަގަކޮށް އަރުވަންޖެހޭނެ. ޗާގޮސް ރަށްތަކަކީ އެހެން ގައުމެއްގެ ސަރަހައްދެއްނޫން. އަޅުގަނޑު ދަންނަވައިފިން އެހެން ގައުމެއްގެ ސަރަހައްދާއި އެ ސަރަހައްދާ ގުޅޭގޮތުން މިތާނގައި އެއްވެސް ބަހުސެއް ހިންގުމަކަށް އަޅުގަނޑު ފުރުސަތެއް ނާރުވާނަން. ޗާގޮސްގެ ރަށްތަކަކީ އެހެން ބައެއްގެ ސަރަހައްދު ކަމަށް މިތަނުގައި ވިދާޅެއް ނުވެވޭނެ.  ރައީސް ނަޝީދު

އަނދުން ހުސެއިން ވިދާޅުވީ މަޖިލިސް މިހާރު ހިނގަމުންދާ ގޮތް ރަނގަޅުކަމަށެވެ. އެކަމުގެ ސަބަބަކީ ސުވާލާއި ޖަވާބު ގޮތަށް މެމްބަރުންގެ ފުރުސަތު ބަދަލުވެގެން ދިއުން ކަމަށެވެ. އަނދުން ހުސައިން ވިދާޅުވީ ކެތްތެރިކަމާއެކު މެމްބަރުންގެ ވާހަކަ އަޑުއެހުމުން އެ މެމްބަރެއްގެ ވާހަކަ ސާފުވެގެންދާނެ ކަމަށެވެ.

އަނދުން ހުސެއިން ވިދާޅުވީ އޭނާ ދަންނަވަން ގަސްތުކުރި ވާހަކައަކީ ކުރިން މަޖިލީހުގައި ވާހަކަ ދެއްކެވި މެމްބަރަކު ދެއްކެވި ވާހަކައަކާއި ގުޅިގެން އެވާހަކައަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. އަނދުން ހުސެއިން ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ކަން ހިނގަމުންދާ ގޮތުގެ ހަގީގަތް އެވާހަކަ ދައްކާ ބައެއް މެމްބަރުންނަށް ސާފުވެފައި ނެތް ކަމަށެވެ.

ރާއްޖޭގެ މަސްވެރިން ބާނާ މަސް، ސަރުކާރުން މިފްކޯ މެދުވެރިކޮށް ތައިލެންޑަށް ވިއްކަމުން ގެންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ  މަސްވެރިން މަސްވެރި ދުވަސްވަރު ބާނާ މަސް އޮންނަނީ އުޅަނދުފަހަރު މަދުވުމާއި ވަސީލަތް މަދުވުމުގެ ސަބަބުން އެކްސްޕޯޓް ނުކުރެވިފައިކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ.

މިސަރުކާރުގެ ފަރާތުން ރައީސް ސާލިހު ވަނީ ޖަޒީރާ ރީފަރ ކިޔާ ބޯޓެއް ގަނެ ރާއްޖެ ގެނެސްފައިކަމަށެވެ. އެބޯޓުގެ ކެޕޭސިޓީ އަކީ ގާތްގަނޑަކަށް 2400 ޓަނު ކަމަށެވެ. އެ ބޯޓުގައި ބެންކޮކަށް މަސް އެކްސްޕޯޓް ކުރުމަށް ދަތުރުކުރަން ބަލާއިރުގައި އެދެމެދުގައި 2800 ނޯޓިކަލް މޭލު ހުންނަ ކަމަށް އަނދުން ހުސެއިން ފާހަގަކުރެއްވިއެވެ. އެ ބޯޓްގައި މިސަރުކާރުން އަލަށް މޮރިޝަސް އަށް މަސްވިއްކުމަށް ދަތުރެއް ކުރާއިރުގައި، އެދޭތެރޭގެ ދުރުމިނަކީ 1580 ނޯޓިކަލް މޭލު ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. އެބޯޓުން ހަމައެކަނި މޮރިޝަސް އަށް މަސް ހިފައިގެންދާން ދަތުރެއްގައި ތެލުން އެކަނި 78 ޓަނު ތެޔޮ ސަލާމަތްވެ، މިފްކޯ އަށް ތެޔޮ ގަންނަ އަގަށް ބަލާއިރުގައި އެއީ 1032،444 ދިވެހި ރުފިޔާ ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ.

އެކަމަކީ ރާއްޖޭގެ ރައްޔިތުންނަށް މޮރިޝަސް އާއެކު ވިޔަފާރި ކުރުމުން ވާފައިދާގެ ކުޑަ މިންވަރެއް ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ.

ބެންކޮކަށް ދަތުރެއް ކުރާނަމަ އެ ބޯޓުގައި ސްޕީޑަށް ބަލާއިރު ދަތުރުގައި 50 ދުވަސް ހޭދަވާ ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ.  ރާއްޖެއިން މަސް ހިފައިގެން ރާއްޖޭގެ ބޯޓް މޮރިޝަސް އަށް ދާއިރުގައި ދަތުރަކަށް ހޭދަވަނީ 35 ދުވަސް ކަމަށާއި އެހެން ކަމުން މޮރިޝަސް އާ އެކު ދިވެހި ސަރުކާރުން ވިޔަފާރި ކުރުމުން ރާއްޖޭގެ މަސްވެރިންނަށް އެކަމުން ފައިދާ ކުރާނެ ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ.

ހަގީގަތަކީ އަޅުގަނޑުމެން، މިދެގައުމާއިވެސް ( މޮރިޝަސް އާއި ޗާގޮސް) އާއިވެސް ވަރަށް ރަހުމަތްތެރި. މޮރިޝަސް އާވެސް. މޮރިޝަސް އާއި ދިވެހިސަރުކާރާ ދެމެދު 2011 ވަނަ އަހަރުގައި ހެދިފައި އޮންނާނީ ޖޮއިންޓް ކޮމިއުނިކޭ އެއް. އޭގައި އޮންނާނެ ދެ ގައުމު ގުޅިގެން ކުރުމަށް ދެގައުމުން އެއްބަސް ވެފައިވާ ތަފާތު ތަފާތު މަޝްރޫއުތަކުގެ ވާހަކަ. އޭގެތެރޭގައި މަަސްވެރިކަމާއި ގުޅިގެން މަސައްކަތް ކުރުމަށް. އެހެން ނަމަވެސް ދިވެހިރާއްޖެ އެއްވެސް އިރެއްގައި އެއްބަހެއް ނުވޭ މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވައްސަށް އޮތް ކަމަކަށް. އެއީ ރާއްޖެ އެފަދައިން އެއްބަސް ވެއްޖެ ނަމަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ކަމުން. އެހެން ނަމަވެސް މޮރިޝަސް އިން އެހެން ގޮތަކަށް އެބޭފުޅުން އެ ގެންގުޅުއްވާ މައްސަލައިގައި މިން އަޅުއްވާ. އެޅުއްވޭންވެސް އެބައޮތް. ހިޔާލު ބަދަލުކުރެއްވީމާ ދެގައުމަށް ވެސް މީގެ ތެރޭގައި އެބަ މިކަމުގެ ތެރޭގައި އިންސާފުވެރި މަގެއް ހޯދޭ. ދެން އެއާ ވިދިގެން ނިކުންނާނޭ އުނދަގުލަކީ އިނގިރޭސިވިލާތުން މިކަމާ ދެކޭގޮތް.

އަނދުން ހުސެއިންގެ ވާހަކަ ނިމުމުން ރައީސް ނަޝީދު ވިދާޅުވީ މޮރިޝަސް އަށް ވެސް އަދި އެހެން ގައުމަކާވެސް މަޖިލީހުގައި ކުޑައިމިސް ބަސް ބުނެ ވާހަކަދެއްކުމަކީ އެކަކުވެސް އެދޭނެ ކަމެއް ނޫން ކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: