ގާނޫނު އަސާސީގައި ރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ބަޔާން ކުރެވިފައިވާއިރު، އެ ސަރަހައްދުން އުނިވެގެންދާ ގޮތަށް ނިންމާ ކޮންމެ ނިންމުމަކީވެސް ރާއްޖެއަށް ލިބިގެންދާ ގެއްލުމެއް ކަމަށާއި، އެކަމުން ފައިދާއެއް ލިބިގެންދާކަމަށް ބެލެވެން ނެތްކަމަށް ކުރީގެ ބަނޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި، ރާއްޖެ އަދި މޮރިޝަސްގެ ސަރަހައްދީ އިން ކަނޑައެޅުމުގެ މައްސަލައަށް އަލިއަޅުވައި ވާހަކަދައްކަވަމުން ޑރ މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދު ކަނޑައަޅަނީ ގާނޫނު އަސާސީގެ ދަށުންކަމަށެވެ. އަދި މިހާރުގެ ގާނޫނު އަސާސީގައި ސަރަހައްދީ އިމުގެ މިން ބަޔާނުް ކުރެވިފައިވަނީ ކުރީގެ ގާނޫނު އަސާސީގައިވެސް ވާގޮތަށް ކަމަށެވެ.
މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދީ އިމުގެ މިން ކަނޑައެޅިފަިއވާއިރު، ރާއްޖޭގެ ދެކުނުން 200 ނޯޓިލަކް މޭލަށްވުރެ އެ ސަރަހައްދު ހަނިވާ ކޮންމެ ފޯރމިއުލާއެއް، ކޮންމެ ވާހަކައެއް އަދި ނިންމާ ކޮންމެ ގޮތަކީވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރު ކަނޑައެޅިފައިވާ ވަރަށްވުރެ އުނިވާ އުނިވުމެއް ކަމަށެވެ. އަދި އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުން ގެއްލުންތަކެއް ލިބިގެންދާކަމަށާއި، ފައިދާއެއް ލިބިގެންދާކަމަށް ބެލެވެން ނެތްކަމަށްވެސް ކުރީގެ ބަނޑާރަަ ނައިބު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުމަކީ، ދިވެހިންނަށް ފައިދާ ހުރި ގޮތްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށް އިޝާރާތްކުރައްވާ މުނައްވަރުވަނީ، އެ ގޮތަކީ ރާއްޖެއަށް ފައިދާއެއް ހުރި ގޮތެއް ނުންކަމަށް ތަކުރާރު ކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ ހަމަތަކާއި ބައިނަލްއަގުވާމީ ގާނޫނުގެ ވާހަކަތައް އިވެމުންދާކަމަށް ފާހަގަކުރައްވާ މުނައްވަރު ވިދާޅުވީ، ދެގައުމުގެ ދެމެދު އޮންނަ ސަރަހައްދު ފުށޫ އަރާ ނަމަ މެދުން ބައި ކުރާ ގޮތަށް ގާނޫނުގައި އޮންނަކަމަށެވެ.
އިކުއިޑިސްޓެންސްގެ އުސޫލުގެ ވާހަކަތައް އޮންނަ ކަމަށްވީ ނަމަވެސް މުނައްވަރު ވިދާޅުވީ، އެ ވާހަކަތަކުގެ މައްސަލައަކީ، އެ އުސޫލަކީ، ގާނޫނުގައި އޮންނަ ހަމަ އެކަނި ހައްލަށް ނުވުންކަމަށެވެ. އަދި ގާނޫނުގައި އޮންނަ ހަމަ އެކަނި ގޮތަކީ ފުށޫ އަރާ ސަރަހައްދު ބައި ކުރުން ނޫންކަމަށްވެސް އެނާ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، 1976ގައި ލޯ އޮފް ދަ ސީ ޑްރާފްޓު ކުރެވެމުން އައި އިރުވެސް، ސަރަހައްދީ އިމުގެ ބޮޑު މިނާއި ފުޅާ މިނާއި ގުޅޭ ގޮތުން ބަހުސް ކުރެވެމުން އައި ކަމަށެވެ. އަދި އެ ވާހަކަތަކާއި ގުޅިގެން ރާއްޖެއިންވަނީ ރާއްޖޭގެ 200 މޭލު ސަރަހައްދު ގާއިމުކޮށްފައިކަމަށެވެ.
އެނާ ވިދާޅުވީ، އެހެންނަމަވެސް އުތުރުން އިންޑިއާ އަދި ސްރީލަންކާ އާއި މެދު ފުށޫ އެރުމެއް އޮތުމުގެ ސަބަބުން ވަނީ ތިން ގައުމުގެ މެދުގައި އެއްބަސްވުމެއް ގާއިމުކުރެވިފައިކަމަށެވެ. އަދި ކަނޑުގެ ސަރަހައްދުތަކާއި ބެހޭ ގާނޫނުން ޖާގަ ދިނުމަށްޓަކައި އެ އެއްބަސްވުމަށްވާނީ މާއްދާއެއްވެސް ހިމަނާފައިކަމަށް ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، އެހެން ނަމަވެސް އެ މާއްދާ އަކީ ދެކުނުގެ ގައުމަކާއި ފުށޫ އަރާތީ ޖާގަ ދިނުމަށް އޮންނަ މާއްދާއެއް ނޫންކަމަށެވެ. އަދި ސަރަހައްދީ ގާނޫނު ފާސް ކުރެވިގެން އައި އިރު، އެހެން ގައުމެއްގެ ސަރަހައްދެއް ދެކުނުގައި އޮވެގެން ފުށޫ އަރާފައިނުވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.
މީގެ އިތުރުން މުނައްވަރު ވަނީ، ސަރުކާރުން 1992ގެ ވާހަކަތައް ދައްކަވަމުންދާކަމަށް އިޝާރާތްކުރައްވާ އެ ވާހަކަތައް ސާފުކޮށްދެއްވާފައެވެ.
އެނާ ވިދާޅުވީ، 1992ގައި ދިވެހި ސަރުކާރު އަދި އިނގިރޭސި ސަރުކާރާއި ދެމެދު ވާހަކަތަކެއް ދެކެވުންކަމަށެވެ. އަދި އެ ވާހަކަތަކުގެ ނަތީޖާއަކަށްވެގެންދިޔައީ، ޗާގޯސްގެ ވަށައިގެން ސަރަހައްދުތަކެއް ކަނޑައެޅި، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި ފުށޫ އެރުންކަމަށް އެނާ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، ފުށޫ އެރުމާއި ގުޅިގެން އެ ސަރަހައްދު ބައިކުރުމަށް މަޝްވަރާތަކެއް ކުރެވި އެއްބަސްވުމަކާއި ހިސާބަށް ދެވުނު ނަމަވެސް ސޮއި ކޮށް އަމަލު ކުރަން ފަށާފައިނުވާނެކަމަށެވެ. އަދި ސަރަހައްދާއި ގުޅޭ ގާނޫނެއް ފާސް ކުރުމަށްފަހު، ރާއްޖޭގެ އިމުގެ ސަރަހައްދު ދައްކުވައިދޭ ޗާޓެއް އދ އަށް ހުށައެޅިފައިވަނީ 1992ގެ ފަހުންކަމަށް އެނާ ވިދާޅުވިއެވެ.

