މިއަދު ބޭއްވި ދެ ބައި އިލެކްޝަން، ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.
މިއަދު ބޭއްވީ ނ މަގޫދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިހާބާއި ލ ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭވި އިންތިހާބެވެ،
މަގޫދޫ ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މަގޫދޫ ކައުންސިލް ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލް ގަނީ ކާމިޔާބު ކުރީ 124 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް، ފަރީދާ އަދުނާނަށް ލިބުނީ 115 ވޯޓެވެ.
ކަލައިދޫ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އައިޝަތު ސަފިއްޔާ އަށް ލިބުނީ 197 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޚުވައިލަތު ރަހީމާ އަށް ލިބުނީ 192 ވޯޓް އެވެ.
އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން އެމްޑީޕީގެ ބައި އިލެކްޝަން ކޮމިޓީގެ ޗެއާމަން އަދި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެފައިވަނީ މިއަދަކީ އެމްޑީޕީ އަށް ނާކާމިޔާބު ދުވަހެއް ކަމަށެވެ.
މިއަދު ބޭއްވުނު އިންތިހާބު ޕީޕީއެމް އިން ކާމިޔާބު ކޮށްފައިވާތީ ޕީއެންސީގެ ނައިބުރައީސް އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާޙިމް ސުޖާއު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އާއި ޕީޕީއެމްގެ ފަރާތުން އިންތިހާބު ކާމިޔާބު ކޮށްފައިވާ ކެންޑިޑޭޓުންނަށް މަރުހަބާ ކިޔާފައެވެ.

