ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ މޭރީ ގްރޭސްގެ ފަރުވާގެ ޕޭޝަންޓު ޗާޓުތަކުގެ މައުލޫމާތު ސާފުކުރުމަށް ދައުލަތަށް ފަހު ފުރުސަތު ދީ، އެ ފުރުސަތުގައި ދައުލަތަށް އެކަން ނުކުރެވިއްޖެ ނަމަ ޝަރީއަތަށް އައިޖީއެމްއެޗުގެ ވެރިން ހާޒިރުކޮށްގެން މައުލޫމާތު ސާފު ކުރާނެކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ބުނެފި އެވެ.
އައިޖީއެމްއެޗުގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ، މޭރީ ގްރޭސްގެ މަރުވެވައިފާ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ހަމަ އެ ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި އުޅޭ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ. ދަންޖެހުނީކަމަށް ބުނެ މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުން އޮންނަ އުސޫލުގެ ދަށުން ފުލުހަށް ރިޕޯޓު ކުރިއިރު، މައްސަލަ ތަހުގީގު ކުރަން ފެށީ މަރުގައި ޝައްކު އުފެދޭ ބައެއް ކަންތައް ފާހަގަ ކުރެވުމުގެ ސަބަބުންނެވެ. އެއަށް ފަހު މައްސަލައިގެ ތުހަމަތަށް ހައްޔަރު ކުރީ މާވިން އާއި، އެނާ ލޯބީގެ ގޮތުން އުޅުނު ދިވެހި ނަރުސް ހަލީމަތު ލަމްހާ އެވެ.
މިއަދުގެ އަޑުއެހުމުގައި މޭރީ އާއި މާވިން ދިރިއުޅުނު އިމާރާތުގައި އުޅޭ ދެ މީހެއްގެ ހެކިބަސް ނަގާފަ އެވެ. އެ މީހުން ވާހަކަ ދައްކާފައި ވަނީ ހާދިސާ ހިނގި ދުވަހު، މއ. އުދުހޭކޮކާގެއިން މެންދުރު ވަގުތެއްގައި ނިކުތް މީހުންނެވެ. އެ މީހުން ވަނީ އެ ދުވަހު ސިޑިން ފޭބިއިރު އެއްވެސް އާދަޔާ ހިލާފުކަމެއް ފާހަގަވެފައި ވޭތޯ ނުވަތަ ނޫންތޯ ސާފުކޮށްދީފަ އެވެ. އެގޮތުން އެތަނުން އެކެއްގެ ހެކި ބަހުގައި ބުނީ، ސްކޫލުން ނިމި ދަރިފުޅު ގޮވައިގެން ގެޔަށް އައިސް ވަންއިރު އެއްވެސް އަޑެއް އިވުނު ތޯ، ނުވަތަ އިވޭތޯ ކުއްޖާ ސުވާލު ކުރިކަމަށެވެ. ނަމަވެސް އޭނާއަށް އެފަދަކަމެއް ފާހަގަ ނުކުރެވޭކަމަށް ބުންޏެވެ.
މައްސަލައިގައި މިއަދު ވެސް ކުރިޔަށް ގެންދިޔައީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. ނަމަވެސް ޕޭޝަންޓު ޗާޓުތައް އަދިވެސް ލިބިފައި ނުވާތީ، ނަރުހުންގެ ހެކިބަސް ނެގޭ ގޮތެއް ނުވި އެވެ. މޭރީއަށް ދީފައިވާ ފަރުވާގެ މެޑިކަލް ޗާޓުތައް ފޯރުކޮށްދެން ލަމްހާގެ ފަރާތުން ހުށަހަޅާފައިވާއިރު، އައިޖީއެމްއެޗުން އަދި ލިބިފައި އޮތީ ޑެތް ސަމަރީ އެކަންޏެވެ. އެކަން ލަމްހާގެ ފަރާތުން ޝަރީއަތުގައި ފާހަގަކުރުމުން، ދައުލަތުގެ ފަރާތުން ފުލުހުން މެދުވެރިކޮށް އައިޖީއެމްއެޗަށް ސިޓީއެއް ފޮނިވި އެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ބުނީ، ސިޓީގެ ޖަވާބުދޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
މެޑިކަލް ޗާޓުތަކަށް އެދުމުން ދައުލަތުން ޝަރީއަތުގައި އެންމެ ފުރަތަމަ ބުނީ ހޮސްޕިޓަލުގައި އެފަދަ ޗަޓުތަކެއް ނެތްކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ބުނެ، ލަމްހާ ވަނީ ލިޔުންތައް ނުލިބެނީސް ނަރުހުންގެ ހެކިބަސް ނެގުމަށް އިންކާރުކޮށްފަ އެވެ.
ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ލިޔުންތަކުގައި، މާވިން އާއި މޭރީ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ޗެޓުލޮގުތަކެއް ހިމެނެ އެވެ. އެ އެ މީހުން ނިސްބަތްވާ ގައުމުގެ ބަހުން ދައްކާފައިވާ ވާހަކަަތަކަށް ވާތީ ލަމްހާގެ ފަރާތުން ވަނީ ތަރުޖަމާއަށް އެދިފަ އެވެ. އަދި ތަރުޖަމާ ހުށަހަނާޅާނަމަ އެ ލިޔުންތައް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅި އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ، 110 ވަނަ މާއްދާގެ (ރ) އާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 06 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދެން ދައުލަތުން ދައުވާ އުފުލާފައި ވަނީ އޭނާގެ ފިރިމީހާގެ މައްޗަށެވެ. ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދާއުވާ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މޭރީގެ ޕޯސްޓްމޯޓަމްގެ ނަތީޖާ ދައްކާ ގޮތުގައި އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ގެއްލުންތަކެގެ ސަބަބުންނެވެ. އަދި އޭނާ މަރުވީ ބްލަންޓް އިންޖަރީ ނުވަތަ އެއްޗަކުން ބާރަށް ޖެހުމުން ލިބޭ ފަދަ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށް ރިޕޯޓުން ދައްކަ އެވެ.

