ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިޔަ ގޮތަށް އުޅުއްވައިގެން ރައްޔިތުންގެ ތާއިދެއް ނުލިބޭނެ!

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ ސިޔާސީ ބޭފުޅުންނަކީ އެ ބޭފުޅުން ބޭނުންވާ ސިޔާސީ މަގާމް ހޯދުމަށް ރައްޔިތުންނަށް އެތައް ހުވަފެންތަކެއް ދައްކާ ބައެކެވެ. އޭގެތެރޭގައި މަގާމް ލިބިއްޖެނަމަ ގާނޫނު ތަންފީޒް ކުރާނެ ވާހަކައާއި އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމް ކުރާނެ ވާހަކައާއި ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތު ނުކުރާނެ ނުވަތަ ނުވާނެ ކަމުގެ ވާހަކައެވެ. ނަމަވެސް ބޭނުންވާ މަގާމް ލިބުމުން ފެނިގެންދަނީ މުޅިން އެހެން މަންޒަރެކެވެ. ގާނޫނާއި ގަވާއިދުތައް ތަންފީޒް ކުރާނެ ކަމަށް ވިދާޅުވެ އަމިއްލައަށް އެ ގާނޫނާއި ގަވާއިދުތައް ބޮލާލާ ޖަހާލަނީއެވެ. ގާނޫނަށްވުރެ މަތިވަނީއެވެ.

މިދެންނެވި މަންޒަރަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހައި މީހުންގެ ފަރާތުން ވެސް ފެންނަމުންދާ މަންޒަރެއް ކަމަށް ބުނުމަކީ ބޭއިންސާފަކަށް ނުވާނެއެވެ. ލަދުވެތި ކަމަކީ މި މަންޒަރު ފެނިގެން ނުވާނެ ކަމަށް ރައްޔިތުން ގަބޫލުކުރާ މީހުން ނުވަތަ ބޭފުޅުންގެ ފަރާތުން މި މަންޒަރު ފެނިގެންދިއުމެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ އަޅުގަނޑުމެންގެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވާފައިވާ ރައީސް ރައީސް މުހައްމަދު ނަޝީދުއެވެ.

ރައީސް ނަޝީދަކީ މިއަދު ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާއެވެ. އެމަނިކުފާނު ފާހަގަ ކުރެވެނީ އަބަދުވެސް ގާނޫނާއި ގަވާއިދުތައް ތަންފީޒް ކުރަން ޖެހޭ ކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ބައެއް ބޭފުޅުން ސިފަ ކުރައްވާ ގޮތުގައި ރައީސް ނަޝީދަކީ ރާއްޖޭގެ މަންޑޭލާއެވެ. ނަމަވެސް ރައީސް ނަޝީދު ވަކާލާތު ކުރައްވާ ކަންތައްތަކަށް ހުދު އެމަނިކުފާނު ތަބާވާތަން ފެންނަނީ ވަރަށް މަދުންނެވެ. ގާނޫނަށްވުރެ މަތިން ޗާޓުން ބޭރުން ރައީސް ނަޝީދު މަސައްކަތް ކުރައްވާފައިވާކަން މާޒީގެ ތެރެއިން ހިނގާފައިވާ އެތައް ކަމަކުން ހުރީ ފެންނާށެވެ. ވެރިކަމުގައި ހުންނެވި ދުވަސްވަރު ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ފަނޑިޔާރަކު ހައްޔަރު ކުރި ވާހަކައަކީ އެންމެން ދަންނަ ވާހަކައެކެވެ. މިއަދު މިވަނީ ޗާޓުން ބޭރުން ރައީސް ނަޝީދު ކުރައްވާ ކަންކަމުގެ ތެރެއަށް ބޮޅެއް އިތުރުވެގެން ގޮސްފައެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެހެން ގައުމެއް ތަމްސީލް ކުރައްވާ ކުރެއްވުމެވެ.

ތިމާވެއްޓާއި ބެހޭ ހާއްސަ ސަމިޓް ކޮޕް 27ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެހެން ޤައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަތުމުން އެކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ އެމްޑީޕީއާއި ސަރުކާރާއި އިދިކޮޅު ފަރާތްތައް އެކަންޏެއް ނޫނެވެ. އެމްޑީޕީގެ ތެރެއިން ވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވާ ބޭފުޅުން މަދެއް ނޫނެވެ. އެގޮތުން ގިނަ ބަޔަކު ބުނަމުން ދަނީ ރައީސް ނަޝީދު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެހެން ގަައުމެއް ތަމްސީލް ކުރެއްވުމަކީ ގާނޫނުއަސާސީއާއި ހިލާފް ކަމެއް ކަމަށެވެ.

ތިމާވެށީގެ ސަމިޓުގައި ރައީސް ނަޝީދު ތަމްސީލް ކުރައްވަނީ އަވައްޓެރި ސްރީލަންކާއެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދު އެހެން ގައުމެއް ތަމްސީލް ކުރެއްވުމަކީ ދިވެހި ދައުލަތުގެ މަޞްލަޙަތާ ފުށުއަރާ، ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު މައްސަލައެކެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއިންވެސް ބައިވެރިވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި، އެހެން ޤައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ޤަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއްކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުވެސް ކުރިން ފުރުއްވާފައިވާ، އަދި މިހާރު ރައްޔިތުން އިންތިޚާބުކޮށްފައިވާ އެމީހުންގެ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ތިންބާރު ތެރެއިން ޤާނޫނު ހެދުމުގެ ބާރުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް މުޙައްމަދު ނަޝީދު މިފަދަ އަމަލެއް ހިންގެވުމަކީ އެއްވެސް ދިވެހި ރައްޔިތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދިވެއްސަކަށް އެހެން ގައުމެއް ތަމްސީލް ކޮށްދިނުމަކީ ފަޙުރަކަށް ވެސް ވެދާނެއެވެ. ނަމަވެސް މަގާމުގެ ހައިސިއްޔަތުން އެފަދަ ކަމެއް ކުރުމުގެ ކުރިން އެކުގައި މަސައްކަތް ކުރަން ތިބޭ ބަޔަކާ މަޝްވަރާ ކުރުމަކީ ރީތި ކަމެކެވެ.

ރައީސް ނަޝީދު ކުރައްވާ ސިޔާސީ މަސައްކަތުގައި އަދުގެ ރައީސް ރައީސް ސާލިޙްއާއި ހިޔާލްތަފާތުވުން އުފެދުނު ހިސާބުން ކުރައްވާ އެއް ޝަކުވާއަކީ ކަންކަން ކުރެއްވުމުގައި ނުވަތަ ނިންމެވުމުގައި އެއްވެސް ވަރަކަށް މަޝްވަރާ ނުކުރައްވާ ވާހަކައެވެ. މިއަދު ރައީސް ނަޝީދު ރާއްޖެ ނޫން އެހެން ގައުމެއް ތަމްސީލް ކުރެއްވުމަށް ބައިނަލްއަގުވާމީ ބޮޑު ކޮންފަރެންސްއަކަށް ވަޑައިގެންނެވިއިރު އެކުގައި މަސައްކަތް ކުރަމުން ގެންދަވާ މަޖިލީހުގެ މެމްބަރުންނާއި އެއްވެސް ވަރަކަށް މަޝްވަރާ ކުރައްވާފައެއް ނެތެވެ. އެންމެ ކުޑަމިނުން އެކުގައި ތިބި ކުދިންކޮޅުގެ ހިތައް ކުރާނެ އަސަރާއި މެދު ވެސް ވިސްނަވާފައެއް ނެތެވެ.

ނަޝީދުގެ ދަތުރުފުޅު ދިފާއު ކުރައްވައި މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ކޮންފަރެެންސްގައި ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ފުރައިވަޑައިގެންފި ކަމަށާއި ދަތުރަށް މަޖިލީހުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ.ނަމަވެސް އެއީ މުޅިން ރަނގޅު ވާހަކައެއް ނޫނެވެ. ނަޝީދު ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާއިރު އަރިހުގައި ވަޑައިގަންނަވާ ހަށި ފާރަވެރިންނަށް ހަރަދު ކުރާނީ ދިވެހި ދައުލަތުންނެވެ. ލަންކާއިން ޓިކެޓް ދޭނީ ރައީސް ނަޝީދުއަށެވެ. އެކުގައި ވަޑައިގަންނަވާ ކުދިންކޮޅަކަށް ނޫނެވެ.

ރައީސް ނަޝީދެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ގައުމެއްގެ ވަފުދުގައި އެ ގައުމު ތަމްސީލުކުރައްވަން ވަޑައިގެންނެވިއިރު، ދިވެހި ގައުމު ކޮބައިތޯއެވެ. އަދި ދިވެހި ދައުލަތަށް ވަފާތެރިވުމަކީ ކޮބައިތޯއެވެ.؟ މަޖިލީހުން ރައީސް ނަޝީދުގެ ދަތުރަށް ހަރަދުނުކުރައްވާކަމަށް ބުނުމުން ނިމުނީއެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ޔުނައިޓެޑް ނޭޝަންސްއަށް ސްރީލަންކާ ތަމްސީލުކުރައްވަން ވަޑައިގެންނެވުމަށްފަހު، އެކަމުގެ ރައްދުގައި ރައީސް އޮފީހުން ހަރަދުނުކުރާކަމަށް ބުނުމުން ނިމުނީތޯއެވެ؟ އެކަން އެއީ އެއްވެސް ދިވެއްސަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ދަންނަވަންތޯއެވެ؟ އިއްޒަތްތެރި ރައީސް ރައީސް ނަޝީދުއެވެ. މަނިކުފާނަކީ ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކުން ބަރުލަމާނީއަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެކެވެ. ރާއްޖޭގެ ރައީސްކަން ވެސް ބޭނުންވާ ބޭފުޅެކެވެ. އެހެން ކަމުން އެހެން ގައުމެއްގެ ރައްޔިތުން ތަމްސީލް ކުރައްވައިގެން ތިޔަ ބޭނުންފުޅުވާ މަގާމެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. އަދި ދިވެހި ރައްޔިތުންގެ ތާއިދެއް ވެސް ނުލިބޭނެއެވެ. މަނިކުފާނު ތިޔަ ބޭނުންވާ ބޮޑުވަޒީރުކަން ވެސް އަދި ރައީސްގެ ގޮނޑިކޮޅު ވެސް މަނިކުފާނަށް ދޭން ވޯޓުލުމަށް ތިބީ ދިވެހި ރައްޔިތުންނެވެ. ތިޔަ އުޅުއްވާ ގޮތަށް އުޅުއްވައިގެން ރައްޔިތުންގެ ތާއިދެއް ނުލިބޭނެއެވެ. ހަމަބިމަށް ފައިބައިވަޑައިގެން ތިޔަ ކުރެއްވޭ ކަންތަކާއިމެދު ވިސްނަވާލެއްވުން ބުއްދިވެރިއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 11%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: