ތައުލީމާއި ބެހޭ ކަމެއް ނުވަތަ ސިއްހީ ފަރުވާއަށް އަދި ވަޒީފާއެއް ހޯދުންކަމުގައިވީ ނަމަވެސް އެކަމަށް ހައްލެއް ލިބޭނީ މާލެއިންކަމަށް ގަބޫލުކުރެވެއެވެ. އަތޮޅުތެރޭގެ ހިތްގައިމު، ފެހި ޖަޒީރާ ވަންތަ ރަށްތައް ދޫކޮށް، ކޮންކްރީޓް ޖަންގައްޔެއްފަދަ މާލެއަށް ރާއްޖޭގެ ރައްޔިތުން އެއްވަނީ މިހެންވެއެވެ.
އަމިއްލަވަންތަކަން ގެއްލުވާލާ، ދިރިއުޅުމުގެ އަސާސީ ކަންކަން ފުރިހަމަކުރަން ބަޔަކަށް ބަރޯސާވާންޖެހެއެވެ. ރަށުގައި ހޭދަކުރި އުފާވެރި ދުވަސްތައް ދޫކޮށް، އެ އަރާމު ހިތްފަސޭހަ ދިރިއުޅުން ދޫކޮށް ”ރާއްޖެތެރޭ“ މީހާ މާލެ އަންނަން މިކަހަލަ އެތައް ސަބަބުތަކެއް މަޖުބޫރުކުރުވައެވެ.
އެއް ބަޔަކު އާއިލާއާއިއެކު، މާލެއަށް ދިރިއުޅުން ބަދަލުކުރާއިރު، އަނެއް ބަޔަކު އަމިއްލަ ވަޒަންދޫކޮށް މާލެ އަންނަނީ އެކަނިއެވެ.
ދިރާސާތަކުން ދައްކާގޮތުގައި އަތޮޅުތެރޭގައި ދިރިއުޅޭ މީހުން އެންމެ ގިނައިން މާލެ އަންނަނީ ތައުލީމު ހާސިލުކުރުމެވެ. ލޯބިވާ މަންމަ އާއި ބައްޕަދޫކޮށް ގްރޭޑް 10 ނިންމާ ކުއްޖާ، މަތީ ތައުލީމު ހާސިލްކުރުމަށް މާލެ އަންނަނީ ހިތްހަމަ ޖެހިގެންނެއް ނޫނެވެ. ކުޑަ ގޮޅިތަކެއްފަދަ ކޮޓަރިތަކެއްގައި 3،000 ރުފިޔާއިން ކުލި ދައްކައިގެން، ނުވެސް ދަންނަ ބަޔަކާއިއެކު މާލޭގައި އުޅޭ ކުދިން މަދެއް ނޫނެވެ. ބޭނުންވާ ގޮތަކީ އެއީ ނޫން ނަމަވެސް ހާލަތު މަޖުބޫރުކުރުވައެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި އޭ ލެވެލް އާއި ހަމައަށް ތައުލީމު ހާސިލްކުރެވޭނެ ސުކޫލުތައްވެސް އެބަހުރިއެވެ. ކޮލެޖްތަކާއި، ޔުނިވާސިޓީތަކުގެ ގޮފިތައް ހުރިއިރުވެސް، ދިމާވާ މައްސަލައަކީ އެކަށީގެންވާ މިންވަރަށް ތައުލީމު ފޯރުކޮށްނުދެވުމެވެ. ބޭނުންވާ ވަސީލަތްތައް ނެތުމެވެ.
މިފަދަ ކަންތައްތަކެއްގެ ސަބަބުން މާލެ އަންނަ ކިޔަވާ ކުއްޖާ، ތައުލީމު ހާސިލްކޮށް ނިމުމަށްފަހު ދެން އާއިލާ ކައިރިއަށް އެބުރި ރަށަށް ދެވުނު ނަމަވެސް އުގެނުން އިލްމުން ހޯދޭނެ ފައިދާއެއް ރަށުގައި ނޯވެއެވެ. އެހެންކަމުން އަނެއްކާވެސް މަޖުބޫރު ވަނީ ރަނގަޅު އާމްދަނީއެއް ލިބޭނެ ވަޒީފާއެއް ހޯދުމަށްޓަކައި މާލެ އައުމަށެވެ. މުސާރައިގެ ގޮތުގައި ލިބޭ ކުޑަ އާމްދަނީ އިން ގޭ ކުލި ދައްކާ ބާކީވާ، ފައިސާ ރަށުގައި ތިބި އާއިލާއަށް ފޮނުވުމަށްފަހު، އަމިއްލަ ކުރިއެރުމަށްޓަކައި ނުވަތަ ހިތްހަމަޖެހުމަށްޓަކައި ބޭނުންކުރާނެ އެއްޗެއް ނޯވެއެވެ.
ބޮޑު ކުލި ނަގާ މީހާ އަށްވެސް އޮތީ ހަމަ ބަރޯސާވުމެވެ. އިމާރާތްކުރަން ނެގި ލޯނު ދެއްކެނީ 6 ފޫޓު 6 ފޫޓު ގޮޅިތައް ”ރާއްޖެތެރޭ“ މީހާ މާލެ އައިސް ބޮޑު ކުލީގައި ހިފިއްޔާއެވެ.
އުމުރުން ދުވަސްވީ ބަލި މިހާވެސް ޖެހެނީ ބަލި އެދުގައި މާލެއާއި އުފަން ރަށާއިދެމެދު ދަތުރުކުރާށެވެ. ރަށުގައި ރަނގަޅު ސިއްހީ ހިދުމަތެއް ލިބެން ނެތުމުން، މާލެ އަންނާށެވެ. މާލެއިން ނުވެގެން، ރާއްޖެއިން ބޭރަށްދާންޖެހޭ ފަހަރުވެސް މަދެއްނޫނެވެ. ވެރިރަށް މާލޭގައި 25 ބުރީގެ ހޮސްޕިޓަލެއް އެޅުމަށްފަހު، ސިއްހީ ދާއިރާ ހަރުދަނާކުރެވުނީކަމަށް ގަބޫލުކުރުން އެއީ ގޯހެކެވެ.
އެކަކު އަނެއްކަކުގެ މައްޗަށް ބާރޯސާވެ، އެކަކުގެ ދިރިއުޅުމުގެ ހާލަތު ގޯސްވެއްޖެނަމަ އަނެކާގެ ދިރިއުޅުން ބަގުރޫޓުވާ އުސޫލުން ގައުމުގެ ހާލަތު އޮތްއިރު، ތަހުޒީބުވީ ވާހަކައެދައްކަވަނީ ކޮން ކަމަކަށް އަމާޒުކޮން ހެއްޔެވެ؟

