ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާރު ހަލާކުވުމުން އެކަމުގެ ހުރިހާ ގެއްލުމެއް ތަހައްމަލް ކުރަނީ ރައްޔިތުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ދުވާރު ނުވަތަ ޕޭވްމަންޓް އަކީ މަގުގެ ދެފަރާތުގައި ހިނގާ މީހުންނަށް ފަސޭހަ ކުރުމަށް ހަދާފައި ހުންނަ އެއްޗެކެވެ.

ހިތާމަ އަކީ ދުވާރުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ އާދަ ދަސްވެފައި ނެތުމެވެ.

ގިނަފަހަރަށް ދުވާރު ބޭނުން ކުރަނީ މުދާ ނުވަތަ ކުނި ބެހައްޓާ ތަނެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ދުވާރު ބޭނުން ކުރާ އެތައް ބަޔަކަށް އެކަމުގެ އުނދަގޫތަކާއި ކުރިމަތިލާންޖެހިދެއެވެ.

މަގުމަތީގައި ދުއްވާ ވެހިކަލްތައް ގިނަވެ ތޮއްޖެހުމުގެ ސަބަބުން މަގު ހިނގާ މީހުންނަށް މަގު ހުރަސް ކުރުމަށް ދަތިވަނީ މަދު ފަހަރަކު ނޫނެވެ.

ދުވާރު ހެޔޮގޮތުގައި ބޭނުން ހިފަން ޖެހެނީ އެންމެންގެ އަމާން ކަމާއި ރައްކާތެރިކަމަށެވެ. ދުވާރު ހަދާފައި ހުންނަނީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި ކުޑަ ކުދިންނަށް ފަސޭހަ ކަމާއެކު މަގުމަތީގައި އުޅުމަށެވެ.

ބައެއްފަހަރު ދުވާރު މަތީގައި މީހުން ޖަމާވެގެން ސަކަރާތްޖަހަން ތިބޭ މަންޒަރު ފެނެއެވެ. އަނެއްބައިފަހަރު ކުނީގެ ގޮތުގައި އުކާލުމަށް ނެރޭ ފިލާ، ސިމެންތި، ގައު ކުނޑި އާއި ތަށިމުށި ފަދަ ތަކެތި ޖަމާކޮށްފައި ހުންނަ މަންޒަރު ފެނެއެެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މަގުމަތީގަ އާއި ދުވާރު މަތީގައި ހުންނަ ޕަލެޓް ފަދަ ތަކެތިި ނެގުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެކަމުގެ އެދެވޭ ނަތީޖާ ފެނުނީ މަދު ދުވަސް ކޮޅަކުއެވެ.

މިއަދު ދުވާރު މަތީގައި ޕަލެޓް ބެހެއްޓުމަކީ އާއްމު ކަމަކަށް ވަނީ ވެފައެވެ. އެކަމުގެ އުނދަގޫ އާއްމު ފަރާތްތަކަށް ފޯރާ އެކަމުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުނު ނަމަވެސް ގިނަ ފަހަރު އެކަމަށް އެކަށޭނެ ހައްލެއް ލިބިފައިނުވާ ވާހަކަ އާއްމު ރައްޔިތުން ދަނީ ކެނޑިނޭޅި ދައްކަމުންނެވެ.

ދުވާރު ކައިރީގައި ޕާކް ކޮށްފައި ހުންނަ އުޅަނދުފަހަރުގެ ސަބަބުން ދުވާރުން މަގަށް ނިކުތުމަކީ ގިނަފަހަރު ބޮޑު ވޭނެކެވެ. ދުވާރު ކައިރީ ސައިކަލާއި ކާރާއި ޕިކަޕް އެއްވެސް ތަރުތީބެއް ނެތި ޕާކް ކޮށްފައި ބަހައްޓަން ޖެހެނީ މާލޭގައި ޕާކް ކުރުމަށް އެކަށީގެންވާ ޖާގަ ހެދިފައި ނެތުމުގެ ސަބަބުންނެވެ. އެކަން ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލާއި ސަރުކާރު އެކުގައި މަސައްކަތް ކުރި ނަމަވެސް އެދެވޭ ހައްލެއް އަދި މިހާތަނަށް ވަނީ ނުލިބިއެވެ.

މަގުމަތީގެ އަމާން ކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވާޖިބެއް ކަމުގައި ވާއިރު މާލޭގެ މަގުމަތީގެ އަމާން ކަމާއި ރައްކާތެރިކަން ހާއްސަ ކޮށް ދުވާރު މަތިން ހިނގާފައިދާ މީހާ އަށް ރައްކާތެރިކަން ކަށަވަރުވެފައި ނުވާ މަންޒަރު އެތަކެއް ފަހަރު ފެނިފައި އެބަހުއްޓެވެ. އެގޮތުން ވައްކަމާއި ފޭރުމާއި އެނޫނަސް އާއްމު އިޖްތިމާއީ މިންގަޑާއި ހިލާފު އެތަކެއް އަމަލެއް މާޒީގައި މަގުމަތީގައި ހާއްސަ ކޮށް ދުވާރު މަތީގައި ހިނގާފައި ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ދުވާރުން މަގަށް ނިކުތުމަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި ރޭމްޕް ހެދިފައިވެއެވެ. ނަމަވެސް ރޭމްޕް ގެ މަތީގައި ސައިކަލު ޕާކް ކުރާ މަންޒަރު މަދުން ނަމަވެސް ފެނެއެވެ. އެފަދަ ރޭމްޕް ތަކަކީ ނުކުޅެދޭ ފަރާތްތަކުން ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ފުރޮޅުލީ ގޮނޑި ނުވަތަ އެފަދަ ފަރާތްތައް ފަސޭހަ ކަމާއެކު މަގަށް ނިކުމެ އަދި އެނބުރި ގެއަށް ވަނުމަށް ނުވަތަ ދުވާރަށް އަރަން ބޭނުން ކުރާ ޖާގައެވެ.  ހިތާމަ އަކީ އަވަސް އަރުވާލުމުގެ ގޮތުން ނުވަތަ މަގުގައި ޖާގަ ނެތުމުގެ ސަބަބުން ރޭމްޕް މަތީ ޕާކް ކޮށްފައިބެހެއްޓުމުން އެއްކަލަ ނުކުޅެދޭ ފަރާތުން މަގު ބޭނުން ކުރުމުގައި ތަކުލީފު އުފުލަން ޖެހުމެވެ.

ދުވާރުގައި ހުންނަ ގާތައް ހަލާކުވެ އަދި ދުވާރާއި މަގާއި ދެމެދުގައި ހުންނަ ކާނުތަކަށް ހިނގާ މީހުންނާއި ކުދިންގެ ފައި ތާށިވެ ނުރައްކާތެރި ހާދިސާ ތައް ހިނގައިގެން މީގެ ދުވަސްކޮޅެއް ކުރިން ނޫސްތަކުގެ ފަލަ ސުރުހީ އަށް އަރައިގެން އެތަންތަން މަރާމާތު ކުރާ ވާހަކަ އަޑު އިވުނެވެ. އެފަދަ މަސައްކަތް ތަކަކީ ހަމައެކަނި އެދުވަސްވަރު ކޮށްލާ މަސައްކަތަކަށް ނުވެ އަބަދަށް ދާއިމަށް ދާއިމީ ގޮތެއްގައި ޝެޑިއުލް އެއްގެ ދަށުން ކުރެވޭ މަސައްކަތެއް ނަމަ އެފަދަ ހާދިސާތައް ދިމާވާ މިންވަރު ކުޑަވެގެންދާނެއެވެ.

ސަރުކާރުގެ އިސްވެރިން ނުވަތަ ވެރިކަމުގައި އެވަގުތު ތިބޭ ބައެއްގެ އޮފީސް ނުވަތަ ދިރިއުޅުއްވާ ގެ އެހިސާބުގައި ނެތުމަކީ އެ ހިސާބުގެ މަރާމާތާއި އާބާތުރަ ފިލުވުމުން މަހުރޫމް ވާންޖެހޭ ސަބަބެއް ކަމަށް ބެލެވޭކަމަށް ނެތެވެ. ސަބަބަކީ މުޅި ރައްޔިތުންގެ ޒިންމާ އަކީ ގައުމުގެ އެންމެ މަތީ މަސްލަހަތެވެ. ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ވެރިކަން ކުރުމަށް އަންނަ ބަޔަކު ރައްޔިތުންނަށް ދަތިވާ ކަންކަން ކޮށްދޭން ޖެހެއެވެ. ރައްޔިތުންގެ ފައި ހަލާކުވެ ފައި ބުރި ކުރަންޖެހޭ ހާލަތަށް ދާއިރު ވެސް ކަންކަން ހައްލު ނުވެ އޮތުމަކީ ދެރަވަރު ކަމެކެވެ.

ދުވާރުގެ ގާތަށް އުފުލިފައި ނުވަތަ ބައެއް ހިސާބުތަކުގައި ބާ ގަނޑު ހެދިފައި ހުރުމުން އެކަމުގެ ޝަކުވާ ކުރިއަސް އެކަމަށް އެދެވޭ ޖަވާބެއް ނުދީ އެއަށް ބީރުކަންފަތެއް ދޭނީ ފަރުވާ ކުޑަ ކަމުންނެވެ. މަހު މުސާރަ ނަގައިގެން ދެންވެސް ހުރި އިނާޔަތް ނަގައިގެން ރައްޔިތުންގެ ފައިސާ އިން ކައިގެން ބޮއިގެން އުޅޭ ވަޒީރުންނަށް ރައްޔިތުންގެ އިހުސާސް ތައް ދެނެގަންނަން ނޭނގޭ ނަމަ އިސްތިއުފާ ދީފައި ގޭގައި ތިބުން ރަނގަޅުވާނެ ކަމުގައި ދެކެމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: