ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އޮތީ އިސްތިއުމާރުކޮށްފައިކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް މެމްބަރުންނަށް މެސެޖު ނުކުރެވޭ ގޮތަށް ހެދުމާއި އެކު، ނުރުހުން ފާޅު ކުރައްވާ، އިބްރާހިމްވަނީ، އެ އުސޫލާއި އެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެންދާކަމަށް އިޝާރާތްކުރައްވާ، އެފަދަ ކަންކަން ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫންކަމަށް ވިދާޅުވެފައެވެ.
އިބްރާހިމް ވިދާޅުވީ، މިހާރު ޕާޓީގެ ތެރޭގައި ފެނިގެންދާ އަމަލުތަކުގެ ސަބަބުން، ޕާޓީގެ ސިޔާސަތުތައް އޮތްކަމަށް މެމްބަރުންނާއި އާންމު ރައްޔިތުންވެސް ގަބޫލު ނުކުރާކަމަށެވެ. އަދި އެމްޑީޕީ ގެއްލިގޮސްފައިވާކަމަށާއި، ޕާޓީގެ މެމްބަރުންވެސް އެމްޑީޕީ އެޕާޓީގެ އަސްލު ގޮތްތަކުގެ މަތީ އޮތްކަމާއިމެދު ސުވާލު އުފައްދާކަމަށް އެނާ ފާހަގަކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ، މިވަގުތު އެމްޑީޕީ އޮތީ އިސްތިއުމާރު ކުރެވިފައިކަމަށެވެ. އެހެންކަމުން އިސްތިއުމާރީންގެ ކިބައިން އެމްޑީޕީ މިނިވަން ކުރުމަށް އާންމު މެމްބަރުން ތެދުވާންޖެހިފައިވާކަމަށް އެނާ ވިދާޅުވިއެވެ.
ރޭގެ ވަގުތެއްގައި އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހެދުމާއި އެކު، އިބްރާހިމް ނުރުހުން ފާޅު ކުރައްވާފައިވާއިރު، ”ސަންގު“ އިން އެކަމާއި ސުވާލު ކުރުމުން އެކަން ކުރެވިފައިވާނީ އިދާރީ ގޮތުންކަމަށް ވިދާޅުވެފައެވެ.
ފައްޔާޒު ވިދާޅުވީ، ގައުމީ މަޖިލީހުގެ ވަޓަސްއެޕް ގުރޫޕަކީ ޕާޓީގެ އެކިއެކި ކަންކަމާއި ގުޅޭ އިދާރީ އެންގުތައް އެންގުމަށް ހާއްސަ ކުރެވިފައިވާ ގުރޫޕެއް ކަމަށެވެ. އެހެންކަމުން އެ ގުރޫޕުގައި ބަހުސް ކުރުމުން އެންގުންތަކުގެ މައުލޫމާތު މެމްބަރުންނަށް ލިބުމުގައި ދަތިތަކާއި ދިމާވާކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

