ރާއްޖެއަށް އަންނަ ބިދޭސީންނަށް، މިތަނުގައި އިސްލާން ދީން ފިޔަވައި އެހެން ދީނުތަކުގެ ޝިއާރު ފާޅު ނުކުރެވޭނެކަން އެންގުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެ އެވެ.
އައްޑޫ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު ފެށި ދުވަހު، އެ މަސައްކަތް ކުރިޔަށް ގެންދާ އިންޑިއާގެ ކުންފުންޏަކަށް ނިސްބަތްވާ އެ ގައުމުގެ މުވައްޒަފުންތަކެއް ހިންދޫ ދީނުގެ އަޅުކަމެއް ކުރި މައްސަލައެއް މި މަހުގެ ކުރީކޮޅު ފެންމަތިވި އެވެ. އަދި އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވުމުން، އެކަމާއި ދެކޮޅަށް އިސްލާމިކް މިނިސްޓްރީން ބަޔާން ވެސް ނެރުނެވެ.
މައްސަލަ ހޫނުވެފައި ވަނިކޮށް، އެ މިނިސްޓްރީން ކައުންސިލްތަކަށް މިދިޔަ ހަފްތާގައި ފޮނުވި ސާކިއުލާއެއްގައި ވަނީ ރާއްޖެއިން ބޭރުން އަންނަ ބިދޭސީންނަށް ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވައިދަށް އަމަލު ކުރޭތޯ ބެލުމަށް ކައުންސިލްތަކުން ހާއްސަ ސަމާލުކަމެއް ދޭން އެދޭ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފާހަގަވެއްޖެ ހާލަތެއްގައި، ކައުންސިލްތަކަށް ލިބިގެންވާ ބާރުތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ވެސް އެންގުމުގައި ވެއެވެ.
ބިދޭސީ މަަސައްކަތްތެރިންގެ އިތުރުން ރާއްޖެއަށް ގިނަ ފަތުރުވެރިން ވެސް އަންނަކަން ފާހަގަކޮށް، ސާކިއުލާގައި ވަނީ ވަޒީފާތަކަށް ބިދޭސީން ގެންނަ މީހުންނާއި ލޯކަލް ޓޫރިޒަމްގެ ދަށުން ރަށްތަކަށް ފަތުރުވެރިން ރާއްޖެ އައުމުގައި މެދުވެރިާ މީހުން ވެސް ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް އަމަލު ކުރަން އެ މީހުންނަށް އިރުޝާދު ދޭން އެދޭ ކަމާށެވެ.
ސާކިއުލާގައި ބުނީ ރާއްޖޭގައި ގިނަ ބިދޭސީން މަސައްކަތް ކުރަމުންދާއިރު ޓޫރިސްޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ބޭރުން އަންނަ ކަމަށެވެ. އެހެންވެ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ މީހުންނާއި ޓޫރިސްޓުން ގެންނަ މީހުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަން ބިދޭސީންނަށް އިރުޝާދު ދިނުމަކީ މުހިންމުކަމެއްކަމުގައި ބުންޏެވެ.
ތަފާތު އެކި ދާއިރާތަކުގައި މަސަައްކަތް ކުރުމަށް ރާއްޖެއަށް އަންނަ ބިދޭސީންނަކީ، ތަނުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރާނެ ބަޔަކަށްވުމާއި އެކު އެ މީހުންނަށް އެ މައުލޫމާތު ސާފުކޮށް ދީ ރަނގަޅު އިރުޝާދު ދިނުމަށް ވެސް ސާކިއުލާގައި ވެއެވެ. މައުލޫމާތުތައް ދޭއިރު ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވުމާއި އެކު، މިއީ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކެއްކަން ބިދޭސީންނަށް ކިޔައިދޭން މިނިސްޓްރީން އެދިފައި ވެއެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގައި ވާގޮތުން ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއް ފެތުރުން ނުވަތަ އެހެން ދީނަކަށް މީހުން ވެއްދުމަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ށިއާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް، ދިވެހިރާއްޖޭގެ އެއްވެސް މުޖުތަމައެއްގައި އާންމުކޮށްގެން ގެންގުޅުމާއި، އެ އެއްޗެއްގެ މައްވަށް މީސްތަކުން ޝައުގުވެރިކުރުވުމަށް މަސައްކަތް ކުރުމަކީ ވެސް މަނާކަމެއްކަމަށް ވެއެވެ.
މީގެއިތުރުން މި ގަވައިދުގެ 09 ވަނަ މާއްދާގައި ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރު ފާޅުކުރުމާއި އާންމު ތަންތާނގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުން މަނާވާނެ ކަމަށެވެ.
ގަވައިދުގައި ހިމެނޭ ބައެއް ނުކުތާތަށް، ސާކިއުލާގައި ފާހަގަކުރުމަށް ފަހު ސިޓީ ނިންމާލަމުން އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް އާއްމު ތަނެއްގައި އިސްލާމް ދީން ފިޔަވައި އެހެން ދީނެއްގެ އަޅުކަމާއި ގުޅޭ އެއްވެސް ކަމެއް ހިންގުން މަނާވާނެ ކަމަށެވެ. އަދި ހަމައެއާއި އެކު، މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިންނަށް ހިދުމަތް ދޭ ޓޫރިސްޓު ގެސްޓު ހައުސްތަކާއި ހޮޓާތަކުން ފަތުރުވެރިން ގަވައިދުތަކާއި އާއްމު އިޖްތިމާއި މިންގަނޑުތަކާއި އެއްގޮތަށް ފެތޭ ހެދުންތަކުގައި އުޅުމަށް އިރުޝާދު ދިނުމަށް އަންގާ ކަމަށެވެ.

