ބިދޭސީންގެ ދަފްތަރު އެކުލަވާލުމަކީ ހޯމް މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހި މުޖުތަމައުގެ ސުލްހައާއި އަމާން ކަމާއި ރިވެތި އަހުލާގު ދެމެހެއްޓުމަށާއި ތަހުޒީބީ މުޖުތަމައެއްގެ ރައްކާތެރިކަން ކޮންމެ ފަރުދަކަށްމެ ގާނޫނުގެ ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނީ ގޮތުން މަތިކޮށްފައި ވަނީ ހޯމް މިނިސްޓްރީއާ ކަމަށެވެ.
އެހެންކަމުން މާލެއާއި އަތޮޅު ތެރޭގައި ވޯކް ޕާމިޓާއި ވިސާ ނެތި ގާނޫނާއި ގަވައިދުތަކާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ދެނެގަނެ ކައުންސިލްތަކާ ގުޅިގެން ދިރާސާއެއްކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދޭތޯ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އިމްރާން އާ ސުވާލު ކުރެއްވި އެވެ.
އިމްރާން ވިދާޅުވީ ގަވައިދާ ހިލާފަށް ވިސާއާއި ވޯކް ޕާމިޓް ނެތި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ދެނެގަނެ އެފަދަ ފަރާތްތައް ދެނެގަތުމާއި އަދި ފޮނުވާލުމުގެ މެންޑޭޓް ހަވާލު ކުރެވިފައިވަނީ ލީޑް އިދާރާތަކަކީ އިކޮނޮމިކް މިނިސްޓްރީ އަދި އިމިގްރޭޝަން ކަމަށެވެެ.
އެހެންކަމުން އެކިނޮމިކް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކައުންސިލްތަކުން އެ މަސައްކަތް ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. ވުމާއެކު ހޯމް މިނިސްޓްރީގެ ފަރާތުން ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

