މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މި ބިލުގެ ފުރުތަމަ ކިޔުން މަޖިލީހުގެ ޖަލްސާގައި އިއްވާފައިވާއިރު ބިލު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ.
ރާއްޖޭގައި ހިންގައިދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު ހުށައެޅިފައިވާ މި ބިލު އެކުލަވާލުމުގެ މަގުސަދުތަކަކީ، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް ސިއްހީ ގޮތުން ކަށަވަރު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމެވެ.
މި ބިލު ތަންފީޒު ކުރެވުމާއި އެކު، ދިވެހިރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ލިބިގެންދާ ސިއްހީ ގެއްލުންތަކާއި އެ މާހައުލުގެ ތެރެއިން ޖެހިގެންދާ ބަލިތާކާއި ގުޅުން ހުރި ބަލިތައް ކަނޑައެޅި ޝާމިލުވާ ފަރާތްތައް ރައްކައުތެރިކުރުމުގެ އުސޫލެއް ކަނޑައެޅިގެންދާނެއެވެ.
މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކާއި، ޒިންމާ އަދި މަސްއޫލިއްޔަތުތައް ކަނޑައެޅި، އެ ފަރާތްތައް ޖަވާބުދާރީ ކުރުމުގެ ނިޒާމެއް ގާއިމު ކުރުމަކީވެސް މި ބިލު އެކުލަވާލުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މަސައްކަތްތެރިންގެ ސިއްހީ ދުޅަހެޔޮކަމާއި ސަލާމަތާއި ގުޅޭގޮތުން ނިންމާ ނިންމުން ތަކާއި ކަންކަން ހައްލުކުރުމުގައި އެ ފަރާތްތަކަށް ބަސްބުނެވޭނެ ނިޒާމެއް ގާއިމު ކުރާނީވެސް މި ބިލުގެ ދަށުންނެވެ.
މަސައްކަތުގެ މާހައުލުގެ ތެރޭގައި އަނިޔާއެއް ލިބިއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތުގެ އިތުރުން އެފަދަ ކަންކަން ކަމާއި ބެހޭ މުވައްސަސަާތަކަށް އެންގުމުގެ ނިޒާމެއް ކަނޑައެޅުމަކީވެސް މި ބިލުގެ ދަށުން ކުރެވޭނެ މަސައްކަތެކެވެ. އަދި އެފަދަ އަނިޔާތަކަށް ބަދަލު ލިބޭނެ ނިޒާމެއްވެސް ކަނޑައެޅުމަކީ މި ގާނޫނުގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެކެވެ.
ރަށު އަދި ސިޓީ ފެންވަރުގައި ސިއްހީ ރައްކައުތެރިކަން ކަށަވަރުކޮށްދޭނެ ނިޒާމެއް ގާއިމު ކުރުމަކީވެސް މި ބިލުގެ ދަށުން ކުރެވިގެންދާނެ މަސައްކަތެއްކަމަށް ބަޔާންކޮށްފައިވާއިރު، މިކަންކަމަށް ހޭލުންތެރި ކުރުވުމުގެ ނިޒާމެއް ގާއިމު ކުރުމުގެ އިތުރުން ގާނޫނާއި ހިލާފުވެއްޖެ ހާލަތެއްގައި އެޅޭނެ ފިޔަވަޅުތައް ބަޔާންކުރަނީވެސް މި ގާނޫނުގެ ދަށުންނެވެ.
މި ގާނޫނުގެ ބާރު، ދިވެހިރާއްޖޭގެ އެހެން ގާނޫނެއްގެ ދަށުން އިސްތިސްނާ ނުވާ އެންމެހާ ފަރާތްތަކާއި ދާއިރާތަކުގެ މަސައްކަތްތެރިން އަދި މަސައްކަތް ހަވާލު ކުރާ ފަރާތްތަކުގެ މައްޗަށް ހިނގާނެކަމަށްވެސް ބުނެފައިވެއެވެ.

