ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގަވައިދާއި ހިލާފުވަމުންދާކަމުގެ ޝަކުވާތަކާއި އެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަޅުމަށް ވެއްދުމަށް ޕާލިމަންޓު ގުރޫޕުގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވާފައިވާ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ސިޔާސީ ގޮތުން މައްސަލަތަކެއް ވެސް ވަނީ އުފެދިފަ އެވެ. ދައުރު ނިމެން ކައިރިވެފައި ވަނިކޮށް، ރައީސް ނަޝީދުގެ އަމަލުތަކުގެ ސަބަބުން ސަރުކާރަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށް މެމްބަރުން ވިދާޅުވެ އެވެ. އަދި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ، ރާއްޖޭގެ ވެރިކަމަށް އައުމަށްކަމަށް ތުހުމަތުކޮށް މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ގައުމުގެ ވެރިކަން ދެވަނަ ފަހަރަށް ރައްޔިތުން އެމަނިކުފާނާއި ހަވާލު ނުކުރާނެކަމަށް ވެސް ވިދާޅުވެފަ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު ކަންބޮޑުވުންތަކެއް އިތުރުވެފައި ވަނިކޮށް، ޓެކްސް ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވުމުން މި ދެ ދުވަހު ވެސް ވޯޓަށް އަހާފައި ނުވެ އެވެ. އިއްޔެ ރިޔާސަތުގައި ހުންނަވައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ޖަލްސާ ނިންމަވާލެއްވީ ކޯރަމް ހަމަނުވާކަމަށް ވިދާޅުވުމަށް ފަހު އެވެ. އަދި މިއަދު މެންދުރު ފަހު 01:00 ގައި ވޯޓަށް އަހަން ޖެހޭ ބިލުތަކުގެ ތެރެއިން ހަމައެކަނި ވޯޓަށް އަހާފައި ނުވަނީ ޓެކްސްގެ ބިލަށެވެ. އެހެންވެ ރައީސާއި އަރިސް މެމްބަރުން އެކަމާއި ދެކޮޅަށް އަޑުއުފުލައި ރިޔާސަތުގައި ހުންނަވައި ރައީސް ނަޝީދު ގަވައިދާއި ހިލާފުވަމުންދާކަމަށް ވިދާޅުވި އެވެ.
ޝަކުވާތަކާއި އެކު މެމްބަރުން މިއަދު ރައީސާއި މުލިއާގޭގައި ބައްދަލު ކުރައްވާފައިވާއިރު، އެބޭފުޅުންގެ ހުށަހެޅުމަކީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށެވެ. ނަމަވެސް ރައީސް ވަނީ، އެ މަަސައްކަތް މިވަގުތަށް މަޑުޖައްސާލުމަށް އިރުޝާދު ދެއްވާފަ އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ޕެޓިޝަން ތައްޔާރު ކުރުމަށް ރައީސް ތާއީދު ކުރައްވާކަން ސާފު ނުވި ނަމަވެސް އެމަނިކުފާނު މެމްބަރުންނަށް އިރުޝާދު ދެއްވީ އިތުބާރު ނެތްކަމަށް ވާ ތައްޔާރުތައް އަދި ފަސް ކުރުމަށެވެ. އިތުބާރު ހުރި މަސްދަރުތަކުން އެކަން މި ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.
މީގެ ކުރިން ވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެ ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައި ނުވެ އެވެ. ރައީސް ނަޝީދު ދާދި ފަހުން މަޖިލީހުގެ ތަޅުމުގައި ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް މެމްބަރުންނަށް ވެއްދިފައި ނުވަނީ ސޮއި ހަމަނުވެގެން ކަމަށެވެ.

