ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް، ރައީސް މުހައްމަދު ނަޝީދު ނޫން އިތުރު ބޭފުޅަކު އެމްޑީޕީން ގެނައުމަށް ތާއީދު ކުރާނަމަ ހާލަތު މާ ގޮސްވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ މަޖިލީހުގެ ރައީސްކަމުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތަޅުމަށް ވެއްދުމަށް ހުށަހަޅާފަ އެވެ. ޓެކްސް ބިލުގެ މައްސަލަ އާއި، 2023 އަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު އަދި ޗާގޮސް މައްސަލަ ޕާޓީގެ އެތެރޭގައި ހޫނުވެ ރައީސާއި އަރިސް މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތު ހިންގަވަނީ ގަވައިދާއި ހިލާފަށެވެ.
ބިލުތަކަށް ބަހުސް ކުރާއިރު، މެމްބަރުންގެ ވާހަކަތައް ހުއްޓުވުން ނުވަތަ ބަހުސަށް ހުރަސް އެޅުމާއި ވަޒީރުންނާއި މެމްބަރުން ކުރާ ސުވާލުތައް ރައީސް ނަޝީދު ބޭނުންފުޅު ގޮތަކަށް ތަރުޖަމާ ކުރުން ނުވަތަ ވަޒީރުންގެ ޖަވާބުތަކަށް ހިތްހަމަނުޖެހި ރައީސް ނަޝީދު ސުވާލުތައް ތަކުރާރު ކުރައްވަނީ ސަރުކާރަށް ޖެއްސުން ކުރަން ކަމަށް ބުނެ ބައެއް މެމްބަރުން ތަޅުމުގައި ވާހަކަ ދެއްކެވި އެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުން، ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ރައީސް ސޯލިހަށް ރައްޔިތުންގެ ތާއީދު އިތުރުވާތީ ސަރުކާރު ބަލިކަށި ކުރުމަށްޓަކަ އެވެ.
ޓެކްސް ބިލަށް ވޯޓަށް ނާހައި ދެ ދުވަހު ޖަލްސާ ނިންމާލި މައްސަލައިގައި އެންމެ ފަހުން މެމްބަރުން ރައީސް ސޯލިހާއި ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ބައްދަލުކޮށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ހުށަހެޅުމުން އެމަނިކުފާނު އެދުނީ މަސައްކަތް އިހަށް މަޑުޖައްސާލުމަށެވެ.
މައްސަލައިގައި އިދިކޮޅުގެ ވިސްނުން ހުރި ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތު ހިންގަވާ ގޮތް ވެސް ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް ބާރުގެ ބޭނުންކޮށްގެން، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމައި ރިޔާސަތަށް ރައީސް ފެކްޝަނުގެ މެމްބަރަކު ވަޑައިގެންފި ނަމަ ހާލަތު މާ ގޯސްވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އާދްމް ޝަރީފް ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުން އެމްޑީޕީގައި ރަނގަޅު ވިސްނުމެއް ހުރި އެއްވެސް މެބަރެއް ނެތްކަމަށެވެ. ނަމަވެސް މިވަގުތެ ހާލަތަށް ބަލައި، ރައީސްގެ އަރިސް މެމްބަރުން ރިޔާސަތުގައި މާ ނުލަފާނެކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ރިޔާސަތުން މިހާރު އިދިކޮޅަށް ފުރުސަތު ދޭކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
މީގެ ކުރިން އިދިކޮޅު މެމްބަރުން ތަކުރާރު ކުރި އެއް ވާހަކައަކީ، ރިޔާސަތުން ފުރުސަތުތައް ނުދެއްވާ ވާހަކަތަކަށްވާއިރު މިހާރު އެކަން ބަދަލުވީ ކީއްވެގެން ތޯ އާއި އިދިކޮޅާއި ރައީސް ނަޝީދު ފެކްޝަނާއި ”ކޯލިޝަނެއް“ ހަދާފައިވާކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ވޭތޯ އާއި އެއްވެސް ސިފައެއްގައި ނުރަސްމީކޮށް ވެސް ޓެކްސް ބިލާއި ބަޖެޓަށް ވާހަކަ ދެއްކެވުނު ތޯ ”ސަންގު“ އިން ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ އެއްވެސް މެމްބަރަކާއި އެކު ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.
ރައީސް ސޯލިހާއި އަރިސް މެމްބަރުން ފަހަކަށް އައިސް މަޖިލީހުގައި އެންމެ ގިނައިން ދައްކަވާ ވާހަކައަކީ އިދިކޮޅާއި އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަން ގުޅިގެން މަސައްކަތް ކުރާކަމަށެވެ. އޭގެ ތެރޭގައި ކުއްލި މައްސަލަތައް ހުށަހެޅުމާއި، ބިލުތަކަށް ވާހަކަ ދެއްކުމުގެ ކުރިން މަޝްވަރާ ކުރާކަމުގެ ތުހުމަތުތައް ކުރެވުނެވެ. ނަމަވެސް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އެކަން ދޮގުކޮށް ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

