ބަޖެޓު ދިރާސާ ކުރައްވަނިކޮށް ކުންފުނިތަކަށް ދިނުމަށް ކަމަށް ބުނެ ހިމަނާފައިވާ 1.2 ބިލިއަން ރުފިޔާގެ ”ޖަމްބޯ ބޭގު“ ތަކުގެ ތަފްސީލު ހޯއްދެވުމަށް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާނެކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
2022 ވަނަ އަހަރުގެ ބަޖެޓަށް އިތުރު ކުރުމަށް ހުށައަޅާފައިވާ އޯފީސްތަކުގެ ބަޖެޓުގެ ތެރޭގައި ހާއްސަ ބަޖެޓުން ސަރުކާރުގެ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް ދޭ ފައިސާގެ ގޮތުގައި ހިމަނާފައިވާ 1،181.5 މިލިއަން ރުފިޔާ(އެއްހާސް އެއްސަތޭކަ އައްޑިހަ އެކެއް ޕޮއިންޓު ފަހެ މިލިއަން ރުފިޔާ) އަދި 2023 ގެ ބަޖެޓަށް އިތުރު ކުރުމަށް ހުށައަޅާފައިވާ ކޮމްޕޯނެންޓުގައި ކެޕިޓަލްގެ ގޮތުގައި ވަކި ވަކި ކުންފުނިތަކަށް ލިބިގެންދާ އަދަދުތަކާއި ފިއުލް ސަބްސިޑީ ލިބިގެންދާ ފަރާތްތައް ތަފްސީލުކޮށްދެއްވުމަށް އިބްރާހިމް ހުށައެޅުވުމުން ކޮމީޓީއިންވަނީ އެ އިސްލާހު ބަލައިނުގަނެ ބޭރުކޮށްލާފައެވެ.
ހުށައެޅުއްވުންތައް ބަޖެޓު ކޮމިޓީއިން ބޭރުކޮށްލާފައިވުމާއި އެކު، ”ސަންގު“ އިންވަނީ އެ ހުށައެޅުއްވުން މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާނެތޯ އިބްރާހިމް އާއި ސުވާލުކޮށްފައެވެ.
”ސަންގު“ އަށް ޖަވާބު ދެއްވަމުން، އިބްރާހިމް ވިދާޅުވީ، އޭނާ އެ ހުށައެޅުން މަޖިލީހުގެ ތަޅުމަށްވެސް ހުށައަޅުއްވާނެކަމަށެވެ. އަދި އެއީ ކޮންހެންވެސް ކުރަންޖެހޭ މަސައްކަތެއްކަމަށް އެނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ބަޖެޓު ދިރާސާ ކުރައްވަމުން ދިޔަ އިރު، އެނާއަށް ފާހަގަކުރެވިގެންދިޔައީ ”ޖަމްބޯ ބޭގު“ ތަކެއްގައި ބަންދު ކުރެވިފައި ހުރި ފައިސާތަކެއް ކަމަށެވެ. އަދި އޭގެ ބޭރުގައި ތަފްސީލު ގޮތުގައި ”ކުންފުނިތަކަށް“ ޖަހާފައި ހުރިކަމަށާއި އެހެން ނަމަވެސް އެ ފައިސާ އެއީ ކޮން ކުންފުނިތަކަކަށް ދޭ ފައިސާއެއްކަން ސާފު ނުވާކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ ފިއުލް ސަބްސިޑީ ދިނުމަށް ކަނޑައެޅިފައިވާ ފައިސާވެސް ހުރީ އެފަދަ ގޮތަކަށް ކަމަށެވެ. އެހެން ކަމުން ބަޖެޓުން ބޮޑު އަދަދެއްގެ ފައިސާތަކެއް ހަރަދު ކުރުމަށް ކަނޑައެޅިފައިވުމުން އެ ފައިސާތައް ހަރަދު ކުރެވޭ ގޮތުގެ ތަފްސީލުތައް ދެނެގަތުމަކީ ކުރުން މުހިންމު މަސައްކަތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

