އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކުރިއަށް ގެންދިޔަ ”އިންޑިއާ އައުޓް“ ހަރަކާތަށް ތާއިދުކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ނެރުއްވި ގަރާރަށް ގޮންޖެހި ކަމަށް ބުނެ އަރަބިއްޔާ ސްކޫލްގެ ޓީޗަރެއް ކަމަށްވާ ޒަމްޒަމް ފާރިޝް ސަސްޕެންޑްކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއިން ހުކުމް ކޮށްފިއެވެ.
ޒަމްޒަމް ފާރިސްއަކީ އަރަބިއްޔާ ސްކޫލުގެ ހަދީސް ޓީޗަރެވެ.
“އިންޑިއާ އައުޓް” ޖެހި ބެނާތައް ފުލުހުން ނަގަމުންދިޔައިރު އެކަމާ ގުޅުވައިގެން ޒަމްޒަމް ކުރެއްވި ޓްވީޓަތެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ތިމާގެ އަމިއްލަ ގެދޮރުގައި ދަމާ ބެނާއެއްގައި، ބޭރުގެ ގައުމެއްގެ ނުފޫޒާއި އަޅުވެތިކަން ރާއްޖޭގައި އޮތަތީ ކަންބޮޑުވުން ފާޅުކުރުމަކީ ޤާނޫނީ ކުށަކަށް ނުވާ ހިނދު، އެކަމަށް ހުރަސްއެޅުމީ ޣައިރު ޤާނޫނީ އަމަލެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.
ޒަމްޒަމްގެ ޓުވިޓާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއި ކުރައްވައި ޒަމްޒަމް ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި ދައުރާއި ޒިންމާތަކާ ހިލާފުކަމެއް ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރި ވެވިފައި ވާކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.
ޒަމްޒަމް ސަސްޕެންޑްކުރިއިރީ މުސާރަ ނުލިބޭ ގޮތަށެވެ. ނަމަވެސް ފަހުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުސާރަ ނުލިބޭ ގޮތަށް ޒަމްޒަމް ސަސްޕެންޑް ކުރީ އޮޅުމަކުން ކަމަށެވެ. އެހެންކަމުން ޒަމްޒަމް ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށެވެ.
ޒަމްޒަމްގެ ފަރާތުން އެ މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލްއަށް ހުށަހެޅުމުން މައްސަލަ ބެލުމަށް ފަހު ކުުރި ހުކުމުގައި ބުނެފައި ވަނީ ޒަމްޒަމް ސަސްޕެންޑް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ 2014 ވަނަ އަހަރު އެކުލަވާލާފައިވާ އެ ކޮމިޝަންގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން ޒަމްޒަމް ސަސްޕެންޑް ކުރުމަށް ކޮމިޝަނުން ނިންމި ނިންމުން އެއްމަސް ދުވަހުގެ ތެރޭގައި ބާތިލްކޮށް އެކަން ލިޔުމުން ޓްރައިބިޔުނަލްއަށް އެންގުމަށް ސިވިލް ސާވިސްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

