ދާދި ފަހުން މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި މ ނިރުފެހިގެ ސާފުކުރުމަށްފަހު އެސަރަހައްދު ފުލުހުން ހުޅުވައިފިއެވެ.
ނިރުފެހިގޭގައި ރޯވި އަލިފާންގަނޑުގައި ގިނަ ބަޔަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އެ ހާދިސާގައި ބިދޭސީ 10 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އާއި އިންޑިއާ މީހުން ހިމެނެއެވެ.
އެހާދިސާގައި މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ހިތާމަވެރި އަދި އެންމެ ނުރައްކާތެރި ހާދިސާއެވެ.
މި ހާދިސާގައި ރޯވި ގަރާޖަކީ ހުޅުމާލޭގައި ހިންގުމަށް ހުއްދަ ދެވިފައި އޮތް ގަރާޖެއް ނަމަވެސް މާލޭގައި އެ ގަރާޖު ހިންގަމުން ގެންދިޔައީ ގަވާއިދާ ހިލާފަށް ކަމަށް ފުލުހުންވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން އަންނަނީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

