ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިތުނަ ފަސާދަ އުފައްދޭ ވާހަކަ ދައްކަނީ ވެރިކަމުގެ ދަހިވެތިކަމުގަ!

ރައީސް ސާލިޙް އަދި ރައީސް ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ބަޔަކު މީހުން އުޅޭ ވާހަކަތައް މިދުވަސްވަރު ރަށު ތެރޭގައި ވަނީ ގަދަވެފައެވެ. މިވާހަކަތަކާއެކު ހަނދާނަށް އަންނަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ.

އެ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިވިއެވެ. ނަމަވެސް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ރައީސް ނަޝީދު ގެންދެވީ ބުރަ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ކުރެވުނު މަސައްކަތަކީ ޕާޓީގެ ފިކުރު ރާއްޖޭގައި އާލާ ކޮށް ދިރުވުމާއި ޕާޓީ ހިންގުމެވެ. އެއަށް ފަހު ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ތަކެއްވެސް ކުރިއަށް ދިޔައެވެ.

އެމްޑީޕީއަށް އެހެން ޕާޓީ ތަކުން އައި މެމްބަރުން ޕާޓީއަށް ވަނީ ވަކި މަގާމެއް ދޭނެ ކަމަށް ނުވަތަ ވަކި ޕްރޮޖެކްޓެއް ދޭނެ ކަމަށް ޝަރުތު ކޮށްގެން ތޯ ނުވަތަ ނޫންތޯ މިކަން ސާފެއް ނުވެއެވެ. ކޮންމެއަކަސް ހަގީގަތަކީ ޑީއާރުޕީ ފަދަ ޕާޓީތައް ދޫކޮށް އެމްޑީޕީ އާ ގުޅުނު މަޖިލިސް މެމްބަރުންނާއި ވަޒީރު ފެންވަރުގެ ބޭފުޅުން ޕާޓީއާ ގުޅުނީ އެބޭފުޅުންގެ އަމިއްލަ މަގްސަދެއް އޮވެގެންނެވެ.

އެމްޑީޕީއާ އެހެން ޕާޓީ ތަކުން ގުޅުން މެމްބަރުންގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ހިމެނިވަޑައިގަންނަވައެވެ. އެ ހުރިހާ ބޭފުޅުން އެމްޑީޕީ އާ ގުޅުނު މަގްސަދު މިއަދު ފެންނަން ފަށައިފިއެވެ.

ސަރުކާރު ބަދަލުވުމާއެކު އިސް މަގާމްތަކަށް ބައެއް ބޭފުޅުން އައްޔަން ކުރެވިގެން ދިޔައީ އިއްތިފާގަކުން ނޫންކަން އެމްޑީޕީގެ އާއްމު މެމްބަރުން ގަބޫލު ކުރެއެވެ.

އެމްޑީޕީގެ މުޒާހަރާތަކުގައި އަޑު ހަރުކޮށް ވާހަކަތައް ދެކެވި ޕާޓީގެ ރޫހު ބަދަލުވާން ފެށީ ވައިކުޑައިގައި ޕާޓީއަށް ހައިޖަމްޕް ޖަހާފައި އައި މެމްބަރުންގެ ސަބަބުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އާއްމު މެމްބަރުން ގަބޫލު ކުރެއެވެ.

2013 ގެ އިންތިހާބަށް ފަހު 2018 ގެ އިންތިހާބުގައި އެމްޑީޕީއިން މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ޓިކެޓް ދިނުމުގައި އިހުމާލު ތަކެއް ޕާޓީ ތެރެއިން ވީ ކަމުގެ ވާހަކަ އަކީ އެންމެން ދައްކާ ވާހަކައެއް ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި އެއްވެސް ޕްރައިމަރީ އަކާއި ނުލާ ރައީސް ސާލިހަށް ތަބަބަކަކަށް ލާފައި ރިޔާސީ ޓިކެޓް ހަވާލު ކުރުމުގެ ފަހަތުގައި މަކަރުވެރި ރޭވުންތަކެއް އޮތް ކަމަށް އާއްމު މެމްބަރުން ތުހުމަތު ކުރެއެވެ.

ހަތުރުން މިތުރުންނަށް ވެ ސަރުކާރުގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެންމެ ހިޔާލު ތަފާތުވި ބޭފުޅުން ވަޒީރުންގެ ގޮތުގައި ހިމެނުމަކީ އިއްތިފާގެއް  ނޫން ކަމަށް އާއްމު މެމްބަރުން ގަބޫލު ކުރެއެވެ.

ޕާޓީ ހިސާރު ކުރާ ވާހަކަ އާއި ޕާޓީ ތެރޭގައި ބްރޯ ހެދިގެން އުޅޭ ވާހަކަ އާއި ޕާޓީ ތެެރޭގައި ހަމަ ނުޖެހުން އުފެދޭ ވާހަކަތައް ދެކެެވެން ފެށުނީ ވެސް މިވެރިކަން އައުމަށް ފަހުގައެވެ. އެހެން ކަމުން މިއަދު އެނގިގެންދާ އެއްކަމަކީ އެމްޑީޕީ ހަލާކު ކުރުމަށް ޕާޓީ ތެރޭގައި ބަޔަކު މަސައްކަތް ފަށާފައިވާ ކަމެވެ. މި ވާހަކަތައް ދައްކަނީ އެމްޑީޕީގެ އާއްމު މެމްބަރުންނެވެ. އަސްލު އެމްޑީޕީ އާއި ސާލިހު ފެކްޝަނާއި ނަޝީދު ފެކްޝަން އުފެދި ހަމަނުޖެހުންތައް ބޮޑެވެގެން ދިޔައީ ވެސް މިވެރިކަން އައި ފަހުންނެވެ.

އެމްޑީޕީގެ މިއަދުގެ ހާލަތަށް ޒިންމާވާން ޖެހެނީ މިއަދުގެ ސަރުކާރުގައި ރަސްކަން ކުރަމުން ގެންދާ ވަޒީރުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އާއްމު މެމްބަރުން ގަބޫލު ކުރެއެވެ. ސަބަބު ތަކެއް ނެތިއެއްވެސް ނޫނެވެ.

އެމްޑީޕީ ތެރޭގައި އާއިލީ ވެރިކަމެއް ކުރާ ވާހަކަ ދެކެވޭނަމަ ބޯގަންވިލާ އާއި ކެނެރީ އާއި ކެރަފާގެ ވާހަކަ ދެކެވެނީ އެކަމުގައި ސަބަބުތަކެއް އޮވެގެން ކަމަށް އާއްމު މެމްބަރުން ގަބޫލު ކުރެއެވެ. އެގޮތުން މިވެރިކަމަކީ ވެސް ކެރަފާ އާއިލާގެ ވެރިކަމެއް ކަމަށް އެމްޑީޕީގެ ސަޕޯޓަރުންނާއި އާއްމު މެމްބަރުން ބުނާތީ އަޑު އިވެއެވެ.

ޖުމްލަ ކޮށް ބުނާ ނަމަ އެމްޑީޕީގައި މިއަދު އިސް މަގާމު ތަކުގައި ތިބި އެންމެންނަކީ ރާއްޖޭގެ ވެރިކަން ހޯދުމަށް ދުރާލާ ތައްޔާރު ވަމުން ދާ ބައެއް ކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ.

ވެރިކަމަށް އަންނަން ބޭނުންވާ އެންމެން ވެރިކަން ހޯދުމަށް ކުރާ އެންމެ ބޮޑު މަސައްކަތަކީ ޕާޓީ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމެވެ. މިއަދު ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނާއި އާއްމު މެމްބަރުންގެ ވާހަކަ ދުވާލު ދެއިރު ދެ ދަޅަ އަށް ދެއްކި ނަމަވެސް މާދަމާ ވެރިކަން ލިބުމަށް ފަހު ހަނދާން ނެތޭނެއެވެ. މާދަމާ ވެސް ޕަޓީ ވެރިކަމުގައި ނެތް ނަމަ އަޑުގަދަ ކުރި އެންމެން ތިބޭނީ ފިލާ ހަރުގައި ކަމަށް އާއްމު މެމްބަރުން ގަބޫލު ކުރެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ދުވަސް ވަރު އެންމެ ގަދައަށް ދެކެވުނު ވާހަކަ އަކީ ވެސް އެއީއެވެ. ވެރިކަމަށް އައުމަށް ކުރި މަސައްކަތާއި ބައިވެރިވި މުޒާހަރާ ތަކާއި ބޭއްވި ބައްދަލުވުން ތަކާއި ޖަލްސާ ތަކުގެ ވާހަކަ އެވެ. ޕާޓީ މިއަދު ބޮޑުވެ ފުރާ ފުރިހަމަ ވި ވަގުތުގައި ޕާޓީ އަތުލައި ރާއްޖޭގެ ވެރިކަމަށް ޕާޓީ މެދުވެރިކޮށް އަންނަން ބޭނުންވާ ފަރާތްތަކުން ޕާޓީގެ އަސާސް ތަކާއި އުސޫލު

ތައް ފާޅުކަން ބޮޑު ގޮތެއްގައި މުގުރާލަމުންދާ ވާހަކަ ދައްކަނީ އާއްމު މެމްބަރުންނާއި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނެވެ. އާއްމު މެމްބަރުންގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަކި ފަޅިއަކަށް އަރައި ވަކި މީހަކަށް ތާއީދު ކުރުމަކީ ޑިކޮމްރަސީ އާ ބީރަށްޓެރި ކަމެއްގެ ގޮތުގައި އެ މެމްބަރުންނަށް ވޯޓްދިން ރައްޔިތުން ދަނީ ބުނަމުންނެވެ. ސަބަބަކީ ދެން އަންނަ މަޖިލިސް އިންތިހާބެއްގައި އެ މެމްބަރުންނަށް ވޯޓް ދޭން ތިބި ރައްޔިތުން އެމެމްބަރުން ދެކެ ފޫހިވުމެވެ. ދާއިރާ ދޫކޮށް ސަރުކާރާއި ވެރިންނަށް ސަނާ ކިޔައި މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ މެމްބަރުންނަށް ރައްޔިތުންގެ ތާއީދު ކުޑަވާނެ ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުންނާއި ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ.

ޒިންމާދާރު ކަމާއެކު ސިޔާސީ މަސައްކަތް ކުރަން ނޭނގޭ ނަމަ ސިޔާސީ މައިދާނާ ދުރުގައި ތިބުމަކީ އެންމެ އެދެވޭ ރަނގަޅު ގޮތަށް ވުމަކީ ވެސް އެކަށީގެންވާ ކަމަކަށް ވެސް ވެދާނެއެވެ. އެމްޑީޕީ އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެދޭނަމަ ޕާޓީ ތެރޭގައި އޮތް ހިޔާލު ތަފާތުވުން ތަކާއި ދެބަސްވުންތައް ނައްތާލުމަކީ މުހިއްމު ކަމެއް ކަމަށް އާއްމު މެމްބަރުން ގަބޫލު ކުރެއެވެ، އެ މެމްބަރުން އެދެނީ ދެވަނަ ފަހަރަށް ވެރިކަމަށް އައިސް އެމްޑީޕީ އިން ގޯހެއް ހަދާފައިވާ ނަމަ އެ ގޯސްތައް ރަނގަޅު ކުރުމަށެވެ.

އެމްޑީޕީ އަށް މިއަދު މުހިއްމީ ރައީސް ސާލިހު ތޯ ނުވަތަ ރައީސް ނަޝީދު ތޯ ނުވަތަ އެނޫން މީހެއްތޯ ނިންމާނީ އެމްޑީޕީގެ އާއްމު މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: