މި ވެރިކަމުގެ ބާކީ އޮތް ދުވަސްތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ވަޒީފާއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސިޓީތަކާއި އެކު ދަތުރު ކުރެއްވުންކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ސިޓީފުޅަކާއި އެކު ޔޫއޭއީގައި މިވަގުތު ޝާހިދު ހުންނެވިއިރު، އޭގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޝާހިދު ޔޫއޭއީއަށް ވަޑައިގެން، ސިޓީ ހަވާލު ކުރައްވާފައި ވަނީ އެ ގައުމުގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނާއި އެވެ.
ދެގައުމުގެ ގުޅުން ބަދަހި ކުރުމާއި އަބޫދާބީ ފަންޑުން ރާއްޖެއަށް ވެދޭ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާތަކެއް ވެސް ކުރި މި ދަތުރުގައި ޝާހިދު ވަނީ ބައިނަލްއަގުވާމީ ގޮތުން އެކުގައި ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ މަޝްވަރާތަކެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ.
ދެ ގައުމުގެ ހެޑް އޮފް ސްޓޭޓުންގެ މެދުގައި ބަދަލު ކުރެވޭ ލިޔުންތަކާއި، ސިޓީތައް އާއްމު ކުރުމުގެ އެއްވެސް އުސޫލެއް ނެތްކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެފަދަ މައުލޫމާތުތައް ދިނުމަށް ވަނީ ދެކޮޅު ހަދާފަ އެވެ.
ރައީސް ފޮނުއްވި ސިޓީއާއި މެދު ސުވާލު އުފައްދައި، މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ ސޮވެރިން ފަންޑުގެ އަދަދު ދަށަށް ގޮސް ބޭނުން ކުރެވެން ހުރި މިންވަރު 99 މިލިއަން ރުފިޔާއަށް އެރިއިރު ވެސް ސަރުކާރަށް ރޭކާވެސް ނުލާކަމަށެވެ.
ދެންއޮތީ ސިޓީފުޅު އުފުލުން. 1މަހުގެ ތެލާއި ކާޑު ގަންނާނެ ފައިސާ ނެތް. ސަރުކާރު މުއަްޒިފުންނަށް މުސާރަ ނުދެވޭހިސާބަށް ދިޔައިމަ ފޮރިންމިނިސްޓަރުގެ ސިޓީފުޅު އުފުލުން އިތުރުވާނެ! ބަޖެޓުފޮތް ކިޔާލިނަމަ ތަންކޮޅެއްރަނގަޅުވީސް. pic.twitter.com/CdkLLYMEVA
— Mohamed Saeed (@em_saeed) November 27, 2022
ލޯނުތަކަށް އަނބުރާ ފައިސާ ދެއްކުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ސޮވެރިން ޑެވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުއްލި ހާލަތްތަކާއި، ތަރައްގީއާއި ގުޅުން ހުރި މަޝްރޫއުތަކަށް ނަގާ ލޯނުތަކުން އަދި އިގްތިސާދަށް އަންނަ ލޮޅުމެއްގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމެވެ. މިއީ އެމްއެމްއޭގެ ރިޒާވާއި ވަކި ފަންޑެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެސްޑީއެފްގެ ފައިސާ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ވެސް ބޭނުންކޮށްފަ އެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި، މާލީ ހާލަތާއި މެދު ގެންގުޅޭ ވިސްނުމަށް ފާޑުކިއުން އަމާޒުކޮށް ސައީދު ވިދާޅުވީ މިއަދު ރައްޔިތުންނަށް ބޭނުންވާ ކާޑު ގަތުމަށް ވެސް ދައުލަތުގެ ފައިސާ ނެތް ކަމަށެވެ. މީގެ ސަބަބުން ސިޓީތައް ހިފައިގެން، ދަތުރު ކުރުން ނޫން ގޮތެއް ޝާހިދަށް ނެތްކަމަށް ސައީދު ވިދާޅުވި އެވެ. މާލީ ހާލަތު ގޯސްވެ، މުވައްޒަފުންނަށް މުސާރަ ނުދެވޭ ހިސާބަށް ގައުމު ދިއުމުން ފޮރިން މިނިސްޓަރު ސިޓީތަކާއި އެކު ކުރާ ދަތުރުތައް އިތުރުވާނެކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް ވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންކަމަށް އެމްޑީޕީގެ މެމްބަރުން ވެސް ދަނީ ވިދާޅުވަމުންނެވެ. ރައީސްގެ ހާއްސަ ސިޓީއާއި އެކު ޝާހިދު ޔޫއޭއީއަށް ކުރި ދަތުރާއި މެދު އިދިކޮޅުގެ އިތުރުން ރައީސް މުހައްމަދު ނަޝީދާއި އަރިސް މެމްބަރުން ވެސް ސުވާލު އުފައްދަ އެވެ.

