ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެކިން ހިމާޔަތް ކުރުން އިންގިލާބީ ބަދަލުތަކާއި ދިމާލަށް!

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރެއް ފަނޑިޔާރަށް ނެރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މާއްދާއެއް ހިމަނައިފި އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރަށް މި އަމުރު ނެރެވޭނީ ޖިނާއީ މައްސަލަތަކުގައި ހެކި ބަސް ދޭން ތިބި މީހުންނަށް ސަލާމަތާއި ރައްކާތެރުކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނާ ގޮތުގައި، ޖިނާއީ މައްސަލައެއްގައި ކުރިޔަށް ގެންދާ ޝަރީއަތެއްގައި ހެކި ބަސް ދޭ މީހާއަކީ ހިމާޔަތް ލިބެން ޖެހޭ މީހެއްކަމަށް ދައުލަތަށް ގަބޫލު ކުރެވިއްޖެ ނަމަ ހެކި ބަސް ދޭ މީހާ ހިމާޔަތް ކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅަން ވާނެ އެވެ. އަދި އެގޮތަށް ހިމާޔަތް ކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނީ، އޭނާ ހެކި ބަސް ދޭ ދިނުމުގެ ސަބަބުން އެ މީހާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ގަބޫލު ކުރެވޭނަމަކަމަށް އެ މާއްދާގައި ބުނެ އެވެ.

ހެކިބަސް ދޭ މީހާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލެއް އޮތުމުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް، ފުރާނައަށް ނުވަތަ އާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ އެ މީހެއްގެ ފުރާޏއަށް ގެއްލުމެއް ލިބިދާނެ ހާލަތްތައް ހިމެނެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވާގޮތުން ހެކިބަސްދޭ މީހަކީ ހިމާޔަތް ދޭން ޖެހޭ މީހެއްކަމަށް ބަޔާންކޮށް ދައުލަތުން ކޯޓަށް ހުށަހަޅާއިރު، އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރަންވާނެއެވެ.

މީގެއިތުރުން ހެކިބަސް ދޭ މީހާ ހެކިބަސް ދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތްކަމަށް އޭނާއަށް ގަބޫލު ކުރެވޭނަމަ، އޭނާއަކީ ހިމާޔަތް ދޭން ޖެހޭ މީހެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ދައުލަތުގެ ކިބައިން އެދުމުގެ ހައްގު، ހެކިބަސް ދޭ މީހާއަށް ވެސް ލިބިގެންވެ އެވެ.

ހެކިބަސްދޭ މީހަކީ ހިމާޔަތް ދޭން ޖެހޭ މީހެއްކަމަށް ދެނެގަނެވުނީ މައްސަލައިގެ ޝަރީއަތް ފެށުމުގެ ފަހުން ވިޔަސް، އެފަދަ ހުށަހެޅުމެއް، ޝަރީއަތް ފެށުމުގެ ފަހުން ހުށަހެޅުމަކަށް ގާނޫނު ހުރަހެއްނާޅަ އެވެ. ނަމަވެސް ހެކިބަސް ދޭ މީހަކު ހިމާޔަތް ކުރުމުގެ އަމުރަކަށް އެދެނީ، ޝަރީއަތް ފެށުމުގެ ފަހުންކަމަށް ވާނަމަ، އެ ހުށަހެޅުން ޝަރީއަތް ފެށުމުގެ ފަހުން ހުށަހެޅި ސަބަބު ބަޔާން ކުރަންވާނެ އެވެ.

ނަމަވެސް އިސްލާހު ގެނައުމުގެ ކުރިން ކުރިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތަކުގެ (ހ) ގައި ހެކިބަސްދޭ މީހާ ހިމާޔަތް ކުރުމުގެ އަމުރަކަށް އެދުން ހިމެނެ އެވެ. ކުރިން އެ މާއްދާގައި އޮތީ، ބަޔާން ކުރާ ހުށަހެޅުންތަކަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ކަމަށެވެ. އަދި ޝަރީއަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުސަތު ދޫކޮށްލީ ކަމުގައި ބެލޭނެކަމަށް ވެއެވެ.

މީގެއިތުރުން 2-149 ގައި ވަނީ ހެކިބަސްދޭ މީހަކީ އެ ގާނޫނުގެ 149-1 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްދިނުމަށް އަމުރުކޮށްފައިވާ މީހެއްނަމަ، ކުށުގެ ތުހުމަތުގައިވާ މީހާގެ ހާޒިރުގައި ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށް ހެކިބަސްދޭ ފަރާތަކީ ކާކުކަން އެނގިދާނެފަދަ ގޮތަކަށް ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދޭ މީހާއާ އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ފަނޑިޔާރު ދީގެންނުވާނެ ކަމަށެވެ.

ގާނޫނު ބުނާ ގޮތުން ހެކިބަސްދޭ މީހާއަކީ ކާކުކަން ހާމަ ނުވާގޮތަށް އޭނާގެ އަޑު ބަދަލު ކުރުމަށް ފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޒަރީއާއިން އޭނާއާ ސުވާލުކޮށް، އޭނާގެ ހެކިބަސް ނެގުމުގައި އެ މީހަކީ ކާކުކަން ހާމަ ނުވާގޮތަށް މަންޒަރު ބަދަލު ކުރުމަށް ފަހު ވީޑިއޯގެ ޒަރީއާއިން އޭނާއާ ސުވާލުކޮށް، އޭނާގެ ހެކިބަސް ނެގުމަށް ބަލަން ވާނެ އެވެ. އަދި ޝަރީޢަތް ފެށުމުގެ ކުރިން ނަގާފައިވާ ހެކިބަސް ކޯޓަށް އިއްވުމާއި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ހާޒިރެއްގައި ނޫން ގޮތަކަށް ހެކިބަސް ނެގުން ހިމެނެ އެވެ.

ދަޢުވާ ލިބޭ ފަރާތް ނުވަތަ އޭނާގެ ވަކީލު، ހިމާޔަތް ދޭން ކޯޓުން އަމުރުކޮށްފައިވާ ހެކިބަސްދޭ މީހަކާ ކުރާ ސުވާލުތަކުގެ ތެރޭގައި އޭނާއަކީ ކާކުކަން ހާމަވެދާނެ ސުވާލެއް ހިމެނޭނަމަ، އެފަދަ ސުވާލުތަކަށް އޭނާ ޖަވާބުދޭން ނުޖެހޭކަމަށް ފަނޑިޔާރު ކަނޑައަޅަންވާނެއެވެ. އަދި ހެކިބަސްދޭ މީހާއަކީ ކާކުކަން އެނގޭނެ މައުލޫމާތާއި އަދި އޭނާއަށް ހިމާޔަތް ދިނުމުގެ ގޮތުން އޭނާ ވަކި ތަނެއްގައި ބެހެއްޓިފައިވާނަމަ، އެ ތަނެއްގެ މައުލޫމާތު، އޭނާ ހިމާޔަތްކުރުމުގެ އަމުރު ނެރުނު ފަނޑިޔާރު ކަނޑައަޅާ ބަޔަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެކަމަށް ގާނޫނުގައި ވެއެވެ.

މީގެކުރިން ޖިނާއީ މައްސަލަތައް ބެލުމުގައި ކްރިމިނަލް ކޯޓުން އަމަލު ކުރަމުން އައީ ހެކިވެރިޔާގެ ވަނަވަރު ސިއްރުކޮށް، އެއީ ސިއްރު ހެކިވެރިއެއްގެ ގޮތުގައި އޭނާ ތަހުގީގަށް ދީފައިވާ ބަޔާންތައް ދިފާއަށް ދޫކުރުމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސް، ރައްޔިތުންގެ މަޖިލީހުން ވަނީ 149 ވަަ މާއްދާއަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. މި އިސްލާހުތައް މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިލު ތަސްދީގު ކުރައްވާފަ އެވެ.

އަލަށް ގެނައި އިސްލާހުގައި ވަނީ ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރު ތަންފީޒު ކުރާނީ، ކަމާއި ގުޅުން ހުރި މުވައްސަސާތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށެވެ. އަދި އަމުރު ތަންފީޒު ކުރުމުގައި ހިމާޔަތް ދޭން ޖެހޭ މިންވަރާއި ދަރަޖަ ކަނޑައެޅުމާއި ބެހޭ އުސޫލު ހިމެނެ ގަވައިދެއް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: