ނޯތް ކޮރެއާއަކީ ދުނޭގެ އެންމެ ވަރުގަދަ ނިއުކްލިއާ ބާރަށް ހެދުމަށް އެ ގައުމުގެ އިސްވެރިޔާ ކިމް ޖޮންގ އުން މަސައްކަތް ކުރައްވަމުންދާކަމަށް އެ ގައުމުގެ ސަރުކާރުގެ މީޑިއާއިން ބުނެފިއެވެ.
ނޯތް ކޮރިއާގެ ސަރުކާރުގެ ހަބަރުތައް ފަތުރާ މީޑިއާ ކޭސީއެންއޭއިން ރިޕޯޓުކޮށްފައިވާގޮތުން، ނޯތް ކޮރެއާގެ ނިއުކްލިއާ މަޝްރޫއުގެ މަގުސަދަކީ މިހާތަނަށް އެކުލަވާލެވިފައިނުވާވަރުގެ އެފަދަ ބާރެއް ހޯދުންކަމަށް ކިމް ވަނީ ވިދާޅުވެފައެވެ. ކިމް މިފަދައިން ވިދާޅުވީ، އާ ވައްތަރެއްގެ އެއް ބަރުން އަނެއް ބައްރަށް ދަތުރު ކުރާ މިސައިލްތަކެއް ޓެސްޓު ކުރަމުންދާކަމަށް ބުނުމަށް ފަހުއެވެ.
ކޭސީއެންއޭއިން ބުނެފައިވާގޮތުން އެ ގައުމުން ޓެސްޓު ކުރަމުންދިޔައީ ހުވަސޮންގް 17 ނަމަކަށް ކިޔާ ރޮކެޓެކެވެ. މި ރޮކެޓަކީ ސީދާ އެމެރިކާގެ ވެރިރަށަށް ނިއުކްލިއާ ހަމަލާއެއް ދިނުމުގެ ގާބިލުކަން ހުރި ބޮޑު ރޮކެޓެއްކަމަށް އެ ގައުމުން ބުނެއެވެ.
އާ ބާވަތެއްގެ ރޮކެޓެއް ބިނާ ކުރުމާއި އެކު ކިމްވަނީ އެ ރޮކެޓު ބިނާ ކުރުމުގެ މަސައްކަތްތަކުގައި ޝާމިލުވި ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ. އެނާ ބުނެފައިވާގޮތުން ނޯތް ކޮރެއާއިން ބިނާ ކުރި ރޮކެޓަކީ ދުނިޔޭގެ އެންމެ ބާރުގަދަ ހަތިޔާރެވެ. އަދި މި ހިސާބުން މިފަދަ ވަސީލަތްތައް އިތުރަށް ތަރައްގީވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
ކިމް ބުނެފައިވާގޮތުން މި ރޮކެޓާއި އެކު، ކޮރެއާއިންވަނީ އެ ގައުމުގެ ކާމިޔާބު ކުރިމަގު މުޅި ދުނިޔެއަށްވެސް ދައްކާލާފައެވެ. އަދި ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާއަށްވުމާއި ގާތް ވެފައިވާ މިންވަރުވެސް ވަނީ ޔަގީންވެފައިކަމަށް އެނާ ބުނެފައިވެއެވެ.

