ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނިކުފާނު ކުރެއްވީމާ ހަމަ ކޮންމެ ކަމެއްވެސް އޯކޭ، ވަރަށް ވެސް ކަޑަ!

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން، ރައީސް ނަޝީދު އަދި ރައީސް ސާލިހާއި، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމުގެ ވާހަކަތަކާއި ވެރިކަމުގެ ބާރުތަކުގެ ވާހަކަތައް ދައްކާއިރު، މާޒީއަށް ފީނާލަންޖެހެއެވެ. ވާނީވެސް އެހެންތާއެވެ. ދިވެހި ރާއްޖޭގައި އަމިއްލަ އެދުން ބޮޑުކަމާއި، އަމިއްލަ ފައިދާއަށް ވުރެ ރައްޔިތުން އިސްނުކުރެވި ދިޔައީ މީގެ އަހަރުތަކެއް ކުރީންނެވެ.

އަޅުގަނޑު ގަބޫލު ކުރާގޮތުން، ރައްޔިތުންގެ ކަރަށް ފައިން އެރުނު ހިސާބަކީ ވެސް މިއީއެވެ. ފަހުރުވެރިވެލާފައި، ބައެއް ބޭފުޅުން ބޮޑު ހުޅުގެ ވާހަކައާއި، ވެރިކަން ވައްޓާލި ދުވަހުގެ ވާހަކަ އާއި، އަދި މޭޑޭގެ ވާހަކަ ދައްކާއިރު މިއީ އެދުވަހުގެ މަންޒަރެއް ޓްވީޓަކުން ފާހަގަކުރަންޖެހޭ ދުވަސްތަކެއް ނޫނެވެ.

ދިވެހިންގެ މުދާތަކާއި، ދިވެހި ރައްޔިތުންގެ ހައްގުތައް އެއްފަރާތް ކޮށްލުމަށްފަހު މުޅި ނިޒާމު ގަޑުބަޑުކުރުމަށް ބައެއް ފަރާތްތަކުން ތެދުވީ ހަމަ އަމިއްލަ އެދުމުން ފޯވެގެން ތިބެއެއް ނޫންތޯއެވެ. ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މުޅި ޤާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭނެ އެވެ. އެއީ ބައެއް ފަރާތްތަކަށް ހީކުރެވޭހާ ފަސޭހަ ކަމެއް ނޫނެވެ. ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ހިނގާތާ 50 އަހަރު ފުރި ދިޔައީއެވެ.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ވާހަކައިގެ ތެރެއަށް ޖެހިލާނަމެވެ. ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގެ ތަފާތު އެނގެނީ ކިތައް ބޭފުޅުންނަށް ތޯއެވެ. ކުޑައި މީސް ބަހެއް ބުނާކަށް ނޫނެވެ. އެހެން ނަމަވެސް، އެ އަދަދު ގުނާލެވޭނެ ހާވެސް މަދެވެ. ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މައްޗަށް ފަހު ބަސް އިއްވާނެ ރައީސަކު އިންތިހާބު ކުރަނީ ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުންކަން އެންމެން ވެސް ދަނެއެވެ. އަދި މަޖިލީހަށް ވެސް ނަގާނީ ރައްޔިތުންގެ ވޯޓުން ހޮވާ މަންދޫބުންނެވެ. މިއީ ދެކެ ފަރިތަ ވާހަކަ އެކެވެ.

ނަމަވެސް ބަރުލަމާނީއެއްގައި ރައްޔިތުން ވޯޓުދޭނީ ހަމައެކަނި މަޖިލީސް މެމްބަރުން އިންތިހާބު ކުރުމަށް އެކަންޏެވެ. އަދިވެސް އެއްފަހަރު ތަކުރާރު ކޮށްލާނަމެވެ. ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުން ވޯޓުދޭނީ ހަމައެކަނި އެ ދާއިރާއެއްގެ މަޖިލީސް މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓު އެކަންޏެވެ. ސުވާލަކީ ދެން ބޮޑު ވަޒީރަކަށް އާދެވެނީ ކާކައްތޯ، އަދި ކިހިނެއްތޯއެވެ. ބޮޑު ވަޒީރަކަށް އާދެވެނީ ފުރަތަމަ މަޖިލީސް މެމްބަރަކަށް ވެގެންނެވެ. އެއީ މަޖިލީހުގައި އަގުލަބިއްޔަތު އޮތް ނުވަތަ އެންމެ ގިނަ މެމްބަރުން ތިއްބެވި ޕާޓީއަކަށެވެ. ބޮޑު ވަޒީރު ހޮވުމުގެ ވޯޓު ދޭނީ މަޖިލީސް މެމްބަރުންނެވެ. ވަރަށް ވެސް ސާފު ނޫންތޯއެވެ. ރައްޔިތުން ކޮބައިތޯ އެވެ؟ ރައްޔިތުންގެ ބަހަކަށް މި ބޭފުޅުން ބައްލަވާނެ ކަމަށް ގަބޫލު ކުރެވޭތޯއެވެ؟ މާދުރަށް ނޫނަސް އަވައްޓެރި ބޮޑު އިންޑިއާ އާއި، ސްރީލަންކާއަށް ބަލާލާނަމެވެ. ދެއިރު ދެ ދަޅައަށް ވެރިކަން ބަދަލުވެއެވެ. ނިދާ ހޭލާއިރު އެކަން ވެނިމި، ރައްޔިތުން އޮފީހުން ގެޔަށް އަންނައިރު ވާނެ ހައެއްޗެއް އޮންނަނީ ވެފައެވެ.

ސިޔާސީ މީހުންގެ ވިސްނުން ބަދަލުވުމާއި، ކުޅިވަރު ކުޅުމަކީ ދުނިޔޭގެ އާދައެކެވެ. މި ކުޑަކުޑަ ރާއްޖެއިން ވެސް، ސިޔާސީ ކުޅި ކުޅޭވަރު ވަކި މަދެއް ނޫނެއް ނޫންތޯއެވެ. ވީއިރު، މި ނިޒާމަށް ބައެއް ބޭފުޅުން ހޭ ވައްޓާލާ ނުސީދާކޮށް ކެމްޕެއިން ކުރަންވީ ކީއްވެގެންތޯ އެވެ. އެވެސް އޮޅުވާލުމެއްގެ ތެރެއިންނެވެ. ވިސްނާލައްވަބަލާށެވެ. ބަރުލަމާނީގެ ވާހަކަ ދައްކަވާއިރު ދުވަހަކުވެސް ޕޯޑިއަމްއަކަށް އަރާ ވަޑައިގެން ރައްޔިތުން އަޑުއައްސަވާށޭ، މިއީ އެއްވެސް ހަގީގަތެއް ނޫނޭ، ތިމަން ބޭފުޅާ ބަރުލަމާނީ އެއް ގެންނަން ނޫޅެމޭ އަދި ބޮޑު ވަޒީރަށް ވާން ބޭނުމެއް ނޫނޭ ވިދާޅުވިތޯ އެވެ؟ ނޫނެވެ. މިއީ އެޅުވޭ އަނދުނެކެވެ. ހާސިލް ނުވެގެން މިއުޅެނީ ކޮން ކަމެއް ބާއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަސްމަގަކީ މިހާތަނަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި އެއްގޮތަށް އެއްވެސް ކަމެއް އަމަލީގޮތުން ކުރައްވާނެ ބޭފުޅެއްނޫނެވެ. ވެރިކަމަކީ ބޭނުންވާ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ އެދިލެއްވުމުގެ މަތިން ވެރިކަމަށްވެސް ވަޑައިގަތެވެ. މާފުށީ ޖަލުގެ ސީ ބްލޮކުގައި މާ ހަރަކާތްތެރިކޮށް ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ބޭފުޅާ އުޅުއްވީ އިނގިރޭސިވިލާތުގައި ގޮނޑި ދުއްވާށެވެ. އެކަމަކު ނަމުން މަންޑޭލާއެވެ. އަމަލުން މުގާބޭއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް ވަޑައިގަތުމާއި މެދު ނުވިސްނަވާ ކަމަށާއި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އަނެއްކާވެސް ފެނިގެން ދިޔައީ އެމް.ޑީ.ޕީގައި އުފެދިފައި ވާކަމަށް އެޕާޓީގެ ބައެއް އެކްޓިވިސްޓުން ބުނާ ދެ ފެކްޝަން ދޭތެރެޔަށް ފިތި ބާރުވެ ހުންނަވާ ހާލުކޮޅުގައި ވަދެވަޑައިގެން ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލައްވާ މަޖިލީހުގެ ރައީސް ކަމަށްވެސް ވަޑައިގެންނެވި މަންޒަރެވެ. އަބަދުވެސް އިވެމުން ދަނީ އެއް ވާހަކައެކެވެ. މި ސަރުކާރުގެ ރައީސަކަށް މިވަގުތު ހުންނެވި ރައީސް ސާލިހަކީ ރަމްޒީ ބޭފުޅެއް ކަމަށެވެ. ހަގީގީ ލީޑަރަކީ އަދި ރައީސަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށެެވެ.

ހަގީގަތުގައި މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ދިވެހިރާއްޖޭގެ ވެރިކަމުގެ ތަހުތައް ވެޑުވުމަކީ ރައީސް ނަޝީދު ދުވަހަކުވެސް ބޭނުންފުޅުވި ގޮތެއް ނޫނެވެ. ރައީސް ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މާލޭ މީހުން ފިޔަވައި ރާއްޖޭގެ އެހެން ރަށަކަށް ނިސްބަތްވާ މީހަކު ރާއްޖޭގެ ވެރިކަމުގެ ތަޙުތައް ވަޑައިގެންނެވިދާނެ ކަމަކަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވައެވެ. ހާއްސަކޮށް ހިންނަވަރު ކުދިންނަށް ރާއްޖޭގެ ވެރިކަން ކުރެވިދާނެ ކަމަކަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވައެވެ. ނަމަވެސް ކަން ވެގެންދިޔައީ ރައީސް ނަޝީދު އުންމީދު ކުރެއްވި ގޮތަކަށް ނޫނެވެ. ޖެއްސެވި ހިސާބު ގޯސްވީއެވެ. ކުރެއްސެވި ވެރިކަމުގެ ކުރެހުން ހަމައެކަނި ކުރެހުމަކަށް ވެގެންދިޔައީއެވެ. އެމްޑީޕީގެ ދެ ވަނަ ވެރިކަން ގާއިމް ކުރެވިގެން ދިޔައިރު ވެރިކަމުގެ ތާޖު އެޅުއްވީ ހިންނަވަރު އިބްރާހިމް މުހައްމަދު ސާލިޙްއެވެ.

ނަމަވެސް އެކަން ޤަބޫލުނުކުރެވޭ އެމްޑީޕީގެ މަތީ ފަޑީން ރައީސް ނަޝީދުއަށް ތާއިދުކުރައްވާ ބަޔަކާއި ޢާންމުންގެ ތެރެއިން މަދު ބަޔަކު ރައީސް ސާލިޙް ފެއިލްކޮށްލުމަށް ލައްކަ މަސައްކަތްތަކެއް ކޮށްފިއެވެ. އެކި ފަހަރު އެކި ނަންނަމުގައި އެކި ގޮތަށް އެކި މިސްރާބަށެވެ. ބައެއް ފަހަރަށް ދުވާލު ދެދަޅަޔަށް ކެބިނެޓްގެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށްގެން ސަރުކާރުގެ މަސައްކަތްތައް ލަސްކުރުވައި އުނދަގޫތައް ކުރިމަތިކޮށްގެންނެވެ. ދެފުށް ހޯދުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މަޖިލީހުގެ ކޮމެޓީކަށް ހާޒިރުކޮށްގެންނެވެ. އަނެއްބައި ފަހަރަށް ސަރުކާރު މާ ސުލޯކަމުގައި ކިޔާ ބަދުނާމުކޮށްގެންނެވެ. ބައެއް ފަހަރަށް ކޯލިޝަން އޮވެގެން ސަރުކާރު ނުހިންގޭ ކަމަށް ބުނެ ކޯލިޝަން ރޫޅާލުމުގެ ވާހަކަ ދައްކަމުންނެވެ.

އެގޮތުން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެންމެ ބާރަށް ކުރައްވަމުން ގެންދެވި މަސައްކަތަކީ ކޯލިޝަން ރޫޅާލުމުގެ މަސައްކަތެވެ. އެކަމުގެ ފުރަތަމަ ފިޔަވައްސަކަށް ހެއްދެވީ އެމްޑީޕީ ފިޔަވައި ކެބިނެޓްގައި ތިބި ވަޒީރުންނަށް ހަމަލާދީ، އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުމެވެ. އިސްތިއުފާ ނުދިން މީހަކު ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖަހަން ޖެހޭ ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއެވެ.

ކޮންމެއަކަސް އެކިއެކި ނަންނަމުގައި ސަރުކާރާއި ރައީސް ސާލިޙް ފެއިލްކޮށްލުމަށް ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް ގެނުވީ މުޅި ދުނިޔެއަށް ކުރިމަވި ކޮރޯނާ ވައިރަހެވެ. ރައީސް ނަޝީދުއަކީ ވެރިމީހާ ކަމަށް ގަބޫލު ކުރައްވާ ފަރާތްތަކުން ރައީސް ސާލިޙް ފެއިލްކޮށްލުމަށް ކުރަމުންދިޔަ މަސައްކަތަށް ކޮރޯނާ ވައިރަސް ޖެހުނެވެ. އެއާއިއެކު މުޅި ޕްލޭން ގަޑުބަޑުވެ އެންމެ ފަހުން ކޮވިޑާ މަތިކޮށް ނަމަވެސް ސަރުކާރު ފެއިލްކޮށްލުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވެސް ވެގެން ދިޔައީ ސައިބޯނި ބޮތްކަކަށެވެ. ބައެއްގެ ހިތަށް ކުރީ ވޭންދެނެވި ފުން އަސަރުތަކެކެވެ.

މިއަދު ރައީސް ސާލިޙް މަސައްކަތް ކުރައްވަނީ ވެރިކަމުގެ ބާރުތައް ގަދަ ކުރައްވަން ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އަންނަނީ ހިންޏެވެ. މާޒީގެ ތެރެއިން ބައެއް ސަފްހާތައް ހުޅުވާލާނަމެވެ.

މުހައްމަދު ނަޝީދަކީ އަބަދުވެސް އެހެން ސިޔާސި ލީޑަރުންގެ ކުށްހޯދާ އެބޭފުޅުންގެ ޝަކުވާ ކުރެއްވުމުގައި އަރާހުންނެވި ބޭފުޅެކެވެ. އެމަނިކުފާނަކީ އަބަދުވެސް ހުދުފޮތިކޮޅެއްގެ މެދުގައި ހުންނަ ކަޅު ތިކި ދައްކައިގެން ރައްޔިތުންނާއި މީޑިއާގެ ސަމާލުކަން ހޯދުމުގައި ހީވާގި ކަމާއެކު އަވަދިނެތި ތާއަބަދުމެ އެ މަސައްކަތްޕުޅުގައި އުޅުއްވާ ބޭފުޅެކެވެ.

ތާއަބަދުމެ ދެކިވަޑައިގެންނެވި ހުވަފެނަކީ ވެރިކަމުގެ ތަހުތަށް އަރާވަޑައިގަތުމެވެ. މަގުމައްޗަށް ނިކުމެވެވަޑައިގެން ހަށިކޮޅުން ތެޔޮހަން ދުއްވައިގެން،  ވެރިކަމުގެ ރާޙަތު ލިބިވަޑައިގަތެވެ. ނަޝީދުގެ ވެރިކަމަކީ މިހާތަނަށް މިޤައުމުގެ މިސްރާބު ބަދަލުކޮށްލި ވެރިކަމެވެ. ކޮންމެފަދަ ގޮތެއް ހައްދަވައިގެންވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވެރިކަން ކުރެއްވީ ހިތަށް އަރައިވަޑައިގެންނެވި ގޮތަކަށެވެ.

މިއަދު ޝަރުއީ ދާއިރާ އިސްލާހުކުރެއްވުމަށާއި ރާއްޖޭގެ ކޯޓުތަކަކީ އެއްވެސް ނުފޫޒެއް ނެތި ސިޔާސީ ކަންކަމުން މިނިވަން ތަންތަނެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވާއިރު އޭރު ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނު ބޭނުންފުޅުވި ފަނޑިޔާރުގެއިން ކަންކަން ނުވުމުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަޅު އަޅުއްވައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ޤާޒީ އަބްދުﷲ މުޙައްމަދު ރަހީނުކުރި ކަމީ، ކިތަންމެ ދެކޮޅު ހެއްދެވި ނަމަވެސް ފެންނާން އޮތް ހަގީގަތެކެވެ.

ސައްތައިން ސައްތަ މުސްލިމް އިސްލާމީ ދައުލަތެއްގެ މައްޗަށް ބިނާވެފައިވާ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނުވަނީ ދީނާއި ޚިލާފް އެތައް ވާހަކައެއް ދައްކަވައި އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކުރައްވާފައެވެ. އަދި ކީރިތި ރަސޫލާއަށް ހަޖޫޖައްސަވާ ކީރިތި ގުރުއާންގައި އަންގަވާފައިވާ ގޮތް ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގެ ކުރު ދަތުރު ނިންމަވާލެއްވީ ދިވެހި ރާއްޖޭގެ މައިދޮރާށި އެމަނިކުފާނުގެ އެކުވެރި އިންޑިއާއަށް ކުއްޔަށް ދިނުމަށްފަހުގައެވެ. ރާއްޖޭގެ ވައިގެ ބަނދަރަކީ ދައުލަތަށް އާމްދަނީގެ ގޮތުގައި އެންމެ ގިނަ ފައިދާ ލިބޭ ކުންފުންޏައްވާއިރު އެ ކުންފުނި އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދީފައިވަނީ ދައުލަތަށާއި ރައްޔިތުންގެ ޖީބަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށެވެ.

ގައުމެއް ހިންގާނޭ ގޮތުގެ އެއްވެސް ވިސްނުމެއް ޕްލޭނެއް ނެތި އަނެއް ދިވެހިރާއްޖެއަށް ގައުމު ގެންދިއުމަށް އޮޑިއަށް އަރާވަޑައިގެން ކަމަރު ބަންނަވާ ފެއްޓެވި ދަތުރު ކުރުކޮށްލަން ޖެހުނީ އޮޑީގެ ފަޅުވެރިންނާއިވެސް އެކު މާކަނޑުގެ މެދަށް އޮޑި ފައްތާލެއްވުމަށް ފަހުއެވެ. އޮޑީގައި ތިބި ފަސިންޖަރުންވެސް ކަނޑުވެ، އެދުވަހަކީ ކަޅު އަނދިރި ދުވަހެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެން ދިޔައެވެ.

ބުރަ މަސައްކަތުން ހާސިކުރެއްވި ވެރިކަމުގެ ތަޚުތު އެމަނިކުފާނުގެ އަތްޕުޅުން ބީވެގެން ދިޔައީ އަނިޔާވެރިކަމާއި ގާނޫނާއި ގަވައިދާ ޚިލާފަށް ވެރިކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުންނެވެ.

ވެރިކަމުން އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވިއިރު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ދުވަހު ވަނީ ތަޅާނެ ބަޔަކު ތިބިއްޔާ ތަޅަން ނެރުމަށް މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް އެދުވަހު އޯޑަރު ދެއްވާފައެވެ. އެދުވަހު މުޅިގައުމުގައި ހުޅުޖަހާ ފުލުހުންގެ އިދާރާތަކުގައި އަލިފާން ރޯކޮށް ތަންތަން ތަޅާ ސުންނާފަތިކޮށްލިއިރު އެމަނިކުފާނުގެ އޯޑަރަށް ތަބާވި މީހުން މިއަދު ތިބީ އާއިލާއާއި ދުރުގައި ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ.

ވެރިކަމުގެ ބާރު ނަހަމަގޮތުގައި ނަންނަގަވައި އެމަނިކުފާނު ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނެންގެވިކަމުގެ ކުށް ނަޝީދުގެ މައްޗަށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ 13 މާޗު 2015ގައެވެ. ނަމަވެސް މައިބަދައިގެ ސީރިއަސް އޮޕަރޭޝަނެއް ކުރައްވަން ކަމަށް ވިދާޅުވެ ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ވަނީ ޖަލު ހުކުމުން ފިއްލަވާފައެވެ. އަބްދުﷲ ގާޒީ ވަގަށް ނެގުމަކީ ހެއްދެވުނު ގޯހެއް ކަމަަށް ވެސް ރޯމާ ދުވާލު އިރު ފެންނަ ބީދައިން އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމަކީ ރައީސް ނަޝީދު އަބަދުމެ ފެންފޮދު ހިއްޕަވައިގަނެފައިވާ ކަމަކަށްވާއިރު މިފަހަރު ވެރިކަމާއި އެންމެ ގާތަށް އާދެވެން އޮތް ހިސާބަކަށް އެމަނިކުފާނު ވަނީ ވާސިލްވެފައެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ އެކަން ޗަރުކޭހެއްގެ ތެރެއިން ކާމިޔާބު ކުރެއްވުމަށްފަހު ދެން މިސްރާބު ޖެއްސެވީ މަޖިލީހުގެ ރައީސް ކަމަށެވެ. އެވެސް ޕީޖީ މެންބަރުންނަށް އޮޅުވާލައްވައިގެންނެވެ.

މަޖިލީހުގެ ރައީސްކަން ނަންގަވައިގެން އެމަނިކުފާނު މަޖިލިސް ހިންގަވަނީ ހިތްޕުޅާވާގޮތަށެވެ. މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެން އެންމެ ފުރަތަމަ ދުވަހު ދެއްވި ހިތާބުގައިވެސް އެމަނިކުފާނުވަނީ އެހެން ދީން ތަކަށް ރާއްޖޭގައި ފުރުސަތު ދޭންޖެހޭ ފަދަ މޭރުމަކުންވެސް ވާހަކަ ދައްކަވާފައެވެ. މަޖަލީހުގެ ރިޔާސަތުގައި އިންނަވައިގެން ހުށަހަޅާ ބިލްތަކަށް އެމަނިކުފާނުވެސް ބަހުސް ކުރައްވައެވެ. އަދި ބައެއް ފަހަރު މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަތަކުގައި ބައިވެރިވެ ބަހުސްވެސް ކުރައްވައެވެ.

ވެރިކަމުގެ ހުންގާނުގައި ހުންނެވީ އެބޭފުޅާ ކަމަށް ދެކިގެން ހަތަރު ދަޅައަށް ދުވާލެއް މެންދުރެއް ހަވީރެއް ރޭގަނޑެއް  ބެލުމެއްނެތި މަޖިލީހުގައި ޖަލްސާތައް ހިންގަވަނީއެވެ.

ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރޭގައި އޮންނަ އެއްބާރުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅާ މިއަދުވެސް ދަނީ އެތަށް ގޮތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަމުންނެވެ. ޒިނޭ ހުއްދަވާ ފަދަ މޭރުމަކުން ވަނީ ވާހަކަދައްވާފައެވެ. ހެދުން އެޅުމާއި ގުޅިގެން އެމަނިކުފާނު ދެއްކެވި ވާހަކަތަކަށްވަނީ އެތަށް ބައެއްގެ ނުރުހުން އަމާޒުވެފައެެވެ. މިހެންގޮސް ފަތިވަރު ކިޔަން ވެއްޖެއްޔާ އިރުއަރާ އޮއްސޭއިރުވެސް ނޭނގޭނެއެވެ.

ރައީސް ނަޝީދުއަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ހުރުމަތް ކަނޑުއްވައި، ގާނޫނުތަކުގެ ބޭރުން ކަންކަން ކުރެއްވުމުގައި އެންމެ މަތީ ދަރަޖަ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ސިޔާސީ މައިދާނުގެ އެހެން ބޭފުޅުން ގާނޫނުން ބޭރުން ކަންކަން ކުރައްވަމުން ގެންދަވާއިރު ރައީސް ނަޝީދު އެކަމަށް ފާޑު ކިޔުއްވައެވެ. ނަމަވެސް ނަޝީދު ކުރެއްވުމުން ހުރިހާ ކަމެއްވެސް ހަމަ އޯކޭއެވެ. ތިޔަ ގޮތް ވަރަށްވެސް ކަޑައެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: